މި މަހުގެ 15 ވަނަ ދުވަހު ޔޫރަޕުގެ ގައުމުތަކުގެ ފުޓްބޯޅަ އީދު "ޔޫރޯ 2024" ފެށިގެންދާނީ މުބާރާތުގެ ހޯސްޓް، ޖަރުމަން ހިމެނޭ ގްރޫޕް އޭގެ މެޗުތަކުންނެވެ. މި ގްރޫޕުގައި ޖަރުމަނުގެ އިތުރުން ދެން ހިމެނެނީ ސްކޮޓްލަންޑާއި، ހަންގޭރީ އަދި ސްވިޓްޒަލަންޑެވެ.
ޖަރުމަނަކީ ޔޫރޯގެ ތާރީޚުގައި މިހާތަނަށް 13 މުބާރާތުގައި ވާދަކޮށް، އެންމެ ގިނަ މުބާރާތް ކުޅުމުގެ ޝަރަފު އޮތް ޓީމުގެ އިތުރުން އެ މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކުރި ދެ ޓީމުގެ ތެރެއިން އެއް ޓީމެވެ. ޖަރުމަނުން ވަނީ 1972 އާއި 1980 އަދި 1996 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. މީގެތެރެއިން 1972 އާއި 1980 ވަނަ އަހަރު ތަށި ހޯދީ ވެސްޓް ޖަރުމަނުގެ ގޮތުގައެވެ.
ޔޫރޯގައި ޖަރުމަނުގެ ފަޚުރުވެރި މާޒީއެއް އޮތް ނަމަވެސް، އެ ޓީމަށް 2008 ވަނަ އަހަރުގެ ފަހުން މުބާރާތުގެ ފައިނަލާ ހަމައަށް ދެވިފައެއްނުވެއެވެ. 2012 އާއި 2016 ވަނަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލުން ކެޓިއިރު، އެންމެ ފަހުގެ ޔޫރޯގައި އެ ޓީމަށް ނާކާމިޔާބުވީ ގްރޫޕް ސްޓޭޖާ ހިސާބުންނެވެ.
މި ގްރޫޕްގައި ހިމެނޭ ޓީމުތަކުގެ ތެރެއިން ޖަރުމަނަކީ ފޭވަރިޓެއް ކަމަށް ބެލެވުނު ނަމަވެސް، މުބާރާތުގެ ކޮލިފައިންގައި އެންމެ ރަނގަޅު ނަތީޖާތަކެއް ނެރުނު ހަންގޭރީ އާއި ސްކޮޓްލަންޑަކީވެސް މި އަހަރުގެ ޔޫރޯގެ ނޮކްއައުޓް ބުރުން ޖާގަ ހޯދިދާނެކަން ދައްކުވައިދީފައިވާ ޓީމުތަކެވެ. ހަންގޭރީން ސާބިއާ ފަހަތަށް ޖައްސާލުމަށްފަހު ކޮލިފައިންގެ ގްރޫޕުގެ އެއްވަނަ ހޯދިއިރު، ސްކޮޓްލަންޑުން ވަނީ ސްޕެއިނާއި ނޯވޭ ހިމެނުނު ވަރުގަދަ ގްރޫޕުގެ ދެވަނަ މަގާމު ހާސިލުކޮށްފައެވެ.
ސްކޮޓްލެންޑުން ތިން ފަހަރެއްގެ މަތީން (1992، 1996، އަދި 2020 ގައި) މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅެފައިވާއިރު، ހަންގޭރީން ވަނީ 1964 ވަނަ އަހަރުގެ ޔޫރޯގެ ތިންވަނަ މަގާމު ހާސިލުކޮށްފައެވެ.
ނިސްބަތުން ވަރުގަދަވާނެ ކަމަށް ބެލެވޭ މި ގްރޫޕުގައި ދެން ހިމެނޭ ސްވިޓްޒަލަންޑަކީ ފަހުގެ ތާރީޚުގައި ބޮޑެތި މުބާރާތްތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރުމުގެ މާޒީއެއް އޮތް ޓީމެކެވެ. މި މުބާރާތުގައި އެ ޓީމުގެ އެންމެ ފަޚުރުވެރި ކާމިޔާބީއަކީ އެންމެ ފަހުގެ ޔޫރޯގެ ކުއާޓާ ފައިނަލަށް ދަތުރުކުރުން ކަމަށްވީއިރު، އެ ފަހަރުގެ މުބާރާތުގެ ދެވަނަ ބުރުގައި އެ ޓީމުން ވަނީ ގަދަފަދަ ފްރާންސް ކަޓުވާލާފައެވެ. މި އަހަރުގެ މުބާރާތަށް އެ ޓީމު ކޮލިފައިވީ ރޫމޭނިއާ ހިމެނުނު ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
މި ފަހަރުގެ މުބާރާތުގައި އެންމެ ފުރަތަމަ ކުޅެވިގެންދާނީ ގްރޫޕް އޭގައި ޖަރުމަނާއި ސްކޮޓްލެންޑް ބައްދަލުކުރާ މެޗެވެ. ހަމަ އެ ދުވަހު މި ގްރޫޕުގެ އަނެއް މެޗުގައި ހަންގޭރީން ނިކުންނާނީ ސްވިޓްޒަލަންޑާ ދެކޮޅަށެވެ.