ޚަބަރު

އަންނަން އޮތް ޖީލުތަކަށް ރައްކާތެރި ތިމާވެއްޓެއް ފޯރުކޮށްދޭން ރާއްޖެއިން ބޮޑެތި ލަނޑުދަނޑިތަކެއް


  • ތިމާވެއްޓާ ރައްޓެރި ހަކަތައިގެ ނިޒާމަކަށް ބަދަލުކުރުމަކީ އެންމެ ބޮޑު އާމާޒު

  • 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ވަނީ ފަށާފައި

  • ކުނި މެނޭޖުކުރުމަށް ހުރިހާ ސަރަޙައްދެއްގައި މެނޭޖްމަންޓް ސެންޓަރުތައް ދަނީ ޤާއިމްކުރަމުން

1973 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ ޖޫންމަހެއްގެ 5 ވަނަ ދުވަހަކީދުނިޔޭގެ ތިމާވެށީގެ ގޮތުގައި ފާހަގަކުރާ ދުވަހެކެވެ.

ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ އިންސާނުންގެ ދިރިއުޅުމާ ތިމާވެށްޓާ ހުރި ގުޅުން ކިޔައިދީ، ތިމާވެށި ރައްކާތެރިކޮށް ހޭލުންތެރިކުރުމަށް އަޙުލުވެރިކުރުވުމެވެ. އަދި ތިމާވެށީގެ މައްސަލަތައް ކުރިމަތިވާ ސަބަބުތައް ދެނެގަނެ، އެކަންކަމަށް ހޭލުންތެރިކޮށް، އެފަދަ މައްސަލަތައް ކުރިމަތިވާ މިންވަރު މުސްތަޤުބަލުގައި މަދުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަކީވެސް މި ދުވަސް ފާހަގަކުރުމުގެ މަޤްޞަދެކެވެ.

މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިއާރަކީ "ލޭންޑް ރެސްޓޮރޭޝަން، ޑެޒަރޓިފިކޭޝަން އެންޑް ޑްރައުޓް ރެސިލިއަންސް"އެވެ. އެއީ ހިކި ހަނަފަސްކަމުން އަރައިގަނެ ވިލުންވެރިވުމަށް ބިމުގެ އާރޯކަން އަލުން އިއާދަކުރުމެވެ.

ދުނިޔޭގެ މިއަދުގެ ޙާލަތަށް ބަލާއިރު، ތިމާވެށީގެ މައްސަލަތައް އިތުރުވެ ތިމާވެށީގެ މައްސަލަތަކުގެ ޝިކާރައަކަށް ނުވާ ޤައުމެއް ނެތޭ ބުނެވިދާނެއެވެ. މޫސުން ބަދަލުވުމާއި، ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިއުމާ، ޖަންގަލިތައް ނެތި ދިއުމާ، ކަނޑުގެ ލޮނުގަނޑު އުފުލުންފަދަ ތިމާވެށީގެ މައްސަލަތަކީ މިއަދު ކުރިމަތިވަމުން އަންނަ ބޮޑެތި މައްސަލަތެކެވެ.

މިކުޑަކުޑަ ރާއްޖެއަށް ބަލާއިރުވެސް، ތިމާވެށީގެ ގިނަ މައްސަލަތައް އަންނަނީ ކުރިމަތިވަމުންނެވެ. އާދަޔާ ޚިލާފަށް ހޫނު ގަދަވުމާ، އާދަޔާ ޚިލާފަށް ގިނައިން ވާރެ ވެހުމާއި، އުދަ އެރުމާއި ރަށްގިރުމާއި، ފަރުތަކާއި މުރަކަތައް ހުދުވުމާއި، ކުނީގެ މައްސަލަކީ މިއަދު ދިވެހިރާއްޖެ ކުރިމަތިލަމުން އަންނަ ތިމާވެށީގެ ބޮޑެތި މައްސަލަތަކެވެ. އަދި އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ މީގެ ގެއްލުން ރާއްޖެއަށް އިންތިހާއަށް ބޮޑު މައްސަލަތަކެކެވެ.

ރާއްޖޭގެ އިޤްތިޞާދު ފަތުރުވެރިކަމުގެ ސިނާޢަތަށް ބަރޯސާވާއިރު، މި އާމްދަނީ ރާއްޖެއަށް ވަންނަނީ ރާއްޖޭގެ ގުދުރަތީ ރީތިކަން ތަޖުރިބާކުރަން ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަބަބުންނެވެ. އެހެންކަމުން ވެށި ޙިމާޔަތްކުރުމަށް ޤައުމީ ފެންވަރުގައާއި ރަށު ފެންވަރުގައި އަދި ފަރުދީ ފެންވަރުގައިވެސް ގިނަ މަސައްކަތްތަކެއް ވަނީ ކުރަން ޖެހިފައެވެ.

ތިމާވެށީ ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް ރާއްޖެއިން މުހިންމު މަސައްކަތްތަކެއް:

ތިމާވެއްޓާ ރައްޓެހި ރާއްޖެއެއް ބިނާކުރުމަށް މުހިންމު ޢަމާޒުތަކެއް ވަނީ ކަނޑައަޅުއްވާފައެވެ. ރާއްޖެއިން ކަނޑައަޅާފައިވާ އެންމެ ބޮޑު އަމާޒަކީ 2030ވަނަ އަހަރު އަންނަންވާއިރަށް، ރާއްޖެއިން "ނެޓް ޒީރޯ" ޢަމާޒު ހާސިލްކުރުމެވެ. އެއީ ހަކަތަ އުފެއްދުމަށް ތެޔޮ އަންދާ އެންދުން މުޅިން ހުއްޓާލުމަށް ކަނޑައަޅާފައިވާ ޢަމާޒެކެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ޔޫއޭއީގައި ބޭއްވި ބައިނަލްއަޤްވާމީ ތިމާވެށީގެ އެންމެ ބޮޑު ބައްދަލުވުން، "ކޮޕް 28" ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ 2028 ވަނަ އަހަރު ނިމެންވާއިރަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމަށް ބަދަލުކުރައްވާނެކަން އިޢުލާންކުރައްވާފައެވެ. މި އަމާޒަށް ވާސިލުވުމަށް 450 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތަ ޤާއިމުކުރަންޖެހެއެވެ. މި ލަނޑުދަނޑު ޙާސިލްކުރުމަށް 600 މިލިއަން ޑޮލަރު ހޭދަވާނެކަމަށް ސަރުކާރުން އަންދާޒާކުރެއެވެ.

ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ސްޕެޝަލް އިކޮނޮމިކް ޒޯން، އެސްއީޒެޑްގެ ޤާނޫނުގެ ދަށުން ހުއްދަދިން ފުރަތަމަ މަޝްރޫޢުގެ ގޮތުގައި 150 މެގަވޮޓްގެ އަވިން ހަކަރަ އުފައްދާ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރުމަށް ކެނެޑާގެ ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ. އަދި ހަކަތަ އުފެއްދުމުގައި ވަޔާއި ކަނޑުގެ އޮއިވަރު ބޭނުންކޮށްގެން ހަކަތަ އުފެއްދުމުގެ ފުރުޞަތު ރާއްޖޭގައި އޮތްތޯ ދަނީ ދިރާސާކުރަމުންނެވެ.

ތިމަވެއްޓާއި ގުޅުންހުރި މަޝްރޫޢުތައް ހިންގުމަށް، ކުދި ޖަޒީރާ ޤައުމުތަކަށް ބޭނުންވާ ފަންޑު ހޯދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދަނީ އެކަމަށް ބައިނަލްއަޤްވާމީ އެކި ޕްލެޓްފޯމްތަކުގައި ވަކާލާރުކުރައްވަމުންނެވެ. އަދި މިފަދަ މައްސަލަތަކުގައި ރާއްޖޭގެ އަޑު ގަދަކޮށް، ކުރިއެރުންތައްވެސް ދަނީ ހޯދަމުންނެވެ.

ތިމާވެށި ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ރާއްޖޭގެ ވެށި ފެހިކޮށް އިއާދަކުރުމަށް، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްވެސް މިހާރު މިވަނީ ފައްޓަވާފައެވެ. މިއީ ރާއްޖޭގެ ކުދި ޖަޒީރާ ރަށްތަކަކީ، ވިލުންތެރި، ސާފު ފެހި މާޙައުލަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްންގެވުމާއެކު ފެއްޓެވި މަސައްކަތެކެވެ. 5 އަހަރުގެ ތެރޭގައި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި މާލެ ސަރަޙައްދާއި އަތޮޅުތަކުގައިވެސް ފުޅާ ދާއިރާއެއްގައި މި ޕްރޮގްރާމް ކުރިއަށްގެންދާނެއެވެ. މި ޕްރޮގްރާމްގައި ރާއްޖެއިން ނެތެމުންދާ 90 ބާވަތެއްގެ ގަސް އިންދުމަށް ވަނީ ޢަމާޒު ހިފާފައެވެ.

މީގެއިތުރުން ރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުން ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކެއް ތަރައްޤީކުރުމާއި ރާއްޖޭގެ އިތުރު 3 ސަރަޙައްދެގައި ބަޔޯސްފިއަރ ރިޒަރވް ޤާއުމުކުރެއްވުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފަށާފައެވެ.

ކުނީގެ މައްސަލައަކީ ތިމާވެއްޓާއި ގުޅުންހުރި މައްސަލައަކަށްވާއިރު ސަރުކާރުން ވަނީ މިއަހަރު ނިމޭއިރު ރާއްޖޭގެ 100 ރަށެއްގައި ރަށު ފެންވަރުގައި ކުނި މެނޭޖުކުރާ ނިޒާމު ޤާއިމުކުރާނެކަން އިޢުލާނުކުރައްވާފައެވެ. އަދި 3 ސަރަޙައްދެއްގައި، ސަރަޙައްދީ ފެންވަރުގެ ކުނި މެނޭޖުކުރާ ނިޒާމު ޤާއިމުކުރެއްވުމަށްވެސް ވަނީ ނިންމަވާފައެވެ.

ތިމާވެށި ރައްކާތެރިކުރުމުގައި ފަރުދީ ޒިންމާ ބޮޑު!

ތިމާވެއްޓާ ރައްޓެހި މުޖުތަމަޢުއެއް ބިނާކުރުމަށް ފަރުދީ ފެންވަރުގައިވެސް ގިނަ މަސައްކަތްތަކެއް ކުރެވޭނެއެވެ. އެގޮތުން ބޭކާރު ގޮތުގައި ކަރަންޓުގެ ވަސީލަތްތައް ބޭނުންކުރުން މަދުކުރުމާއި ޕްލާސްޓިކާއި ކުނި އުފައްދާ މިންވަރު މަދުކުރުންފަދަ ކަންކަން ހިމެނެއެވެ. އަދި ވެށި އާލާކުރުމާއި ގަސް އިންދާ މިންވަރު އިތުރުކޮށް، ތިމާވެއްޓަށް ގެއްލުންވާފަދަ ޢަމަލުތަކުން ދުރުވުން ވަރަށް މުހިންމެވެ.

ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ވެށީގެ ރައްކާތެރިކަން އަންނަން ޖީލުތަކަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާއިރު، އެކަންކަން ކާމިޔާބުކުރެވޭނީ އެންމެން އެކީގައި، ގުޅިގެން މަސައްކަތްކޮށްގެންނެވެ.