ޚަބަރު

ބިމާ ބެހޭ ބިލު ބާތިލުކޮށްގެން ރައްޔިތެއްގެ ހައްޤެއް ނުގެއްލޭނެ: ޕީއެންސީ


  • 19 ވަނަ މަޖިލީހުން ފާސްކުރި ބިމާ ބޭހޭ ބިލު މަޖިލީހުން މިއަދު ވަނީ ބާތިލުކޮށްފައި

  • ސަރުކާރުން ހުށަހަޅާފައިވާ ބިމާ ބެހޭ ބިލުން ޖުމްލަ ހައްލެއް ލިބޭކަމަށް ވިދާޅުވި

ބިމާއި ބެހޭ ޤާނޫނަށް ގެނައި އިސްލާހުގެ ބިލު މަޖިލީހުން ބާތިލުކުރިއަސް އެއްވެސް ރައްޔިތެއްގެ ހައްޤެއް ގެއްލިގެން ނުދާނެ ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ފަހު ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިނގުރައިދޫ ދައިރާގެ މެންބަރު އިބްރާހިމް ފަލާޙް ވިދާޅުވީ، ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިހުރި ގިނަ ބިންތަކަކީ ނުހިއްކާ ހުރި ތަންތަނުން ދޫކޮށްފައިވާ ބިންތައް ކަމަށެވެ.

އަދި 19 ވަނަ މަޖިލީހުން ފާސްކުރި ބިމާއި ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ސަބުބުން ޤާނޫނީ ގޮތުން ފުށުއަރާ ކަންތައްތަކެއް ހުރިކަަން ޕީއެންސީން ފާހަގަކުރެއެވެ. އެހެން ކަމުން ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިމާ ބެހޭ ބިލުން ބިންތަކާއި ގުޅިގެން ދިމާވެފައިހުރި ކަންކަމަށް ޖުމްލަ ހައްލެއް ގެނެވޭނެކަމަށް ފަލާޙު ވިދާޅުވިއެވެ.

"ބިމުގެ ޤާނޫނު ކިޔާ ބިލެއް ސަރުކާރުން ވަނީ ހުށަހަޅާފައި. އެ ބިލުގައި އެބަހުރި ހުރިހާ ކަމެއް ހުރިހާ ރައްޔިތުންނަށް ކަށަަވަރުކޮށް ޔަޤީންކަމާއިއެކު، ރައްޔިތުން ސުވާލެއް ވަސްވާހެއް ނުއުފުދޭ މިންވަރަށް އެ ރައްޔިތެއްގެ ހައްޤު ކަށަވަރު ކޮށްދޭނެ ސަރުކާރުން މިހާރު ފޮނުއްވާ ބިލުގައި އެބަހިމަނުއްވާ " ފަލާޙު ވިދާޅުވިއެވެ.

ސަރުކާރުން ބިމުގެ ޤާނޫނު މަޖިލީހަށް ހުށަހެޅީ މިދިޔަ މާރިޗު 27 ގައެވެ. އޭރު ސަރުކާރުން ގިނަ ބިލްތަކެއް މަޖިލީހަށް ހުށަހެޅިއިރު، މިދިޔަ ދައުރުގައި ބިމާއި ބެހޭ ޤާނޫނަށް އިސްލާހެއް ގެނެސް ބިންވެރިޔާ ސްކީމުން ގެޒެޓު ކޮށްފައިވާ ލިސްޓަށް 3 މަސްތެރޭ ގޯތި ދޫކުރުމަށް ލާޒިމު ކުރާ ގޮތަށް ފާސްކުރިއެވެ. ނަމަވެސް އެ ބިލް ތަސްދީޤު ނުކުރައްވާ ރައީސް އަނބުރާ ފޮނުވާލެއްވިއެވެ. އެ ބިލު ބާތިލް ކޮށްފައިވަނީ އެ ބިލު ކުރިއަށް ގެންދަން މަޖިލީހުން ވޯޓު ނުދިނުމާއެކުއެވެ.