ޚަބަރު

ބިމާބެހޭ ޤާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބާތިލުކޮށްފި


  • ބިމާއި ބެހޭ އައު ޤާނޫނެއް ސަރުކާރުން ވަނީ މަޖިލީހަށް ހުށަހަޅާފަ

  • ބިލު ބާތިލުކުރީ ކޮމެޓީއަށް ފޮނުވުމާއި ދެކޮޅަށް މެންބަރުން ވޯޓުދެއްވުމުން

ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤް ނުކުރައްވާ، އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބާތިލުކޮށްފިއެވެ.

19 ވަނަ މަޖިލިސް ނިމެންދަނިކޮށް ފާސްކުރި އެ ބިލަކީ ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ މީހުން ކަނޑައަޅައި ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި އެ ގޯތި ހަވާލުކުރަން ޖެހޭގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހެކެވެ.

ބިލާމެދު އަލުން ވިސްނާވަޑައިގަތުމަށް، ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެން، އެ ބިލު ތަޞްދީޤް ނުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އަނބުރާ ރައްޔިތުންގެ މަޖިލީހަށް، ފޮނުއްވާފައިވަނީ މެއި މަހުގެ 16 ވަނަ ދުވަހުގައެވެ.

އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވި ސީޓީގައި އެ ބިލަށް އަމަލުކުރަން ފަށާތާ 3 މަސް ތެރޭގައި ހަވާލުކުރަން ޖެހޭ ގޯތިތަކުގެ ތެރޭގައި ނުހިއްކާ ހުރި ބިންތަކުން ދޫކޮށްފައިވާ ގޯތިތައް ވެސް ހިމެނޭ ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެބިލާމެދު ގޮތެއް ނިންމުމަށް ބަހުސްކުރަން ހުޅުވާލުމުން ސަރުކާރަށް ތާޢިދު ކުރާ މެންބަރުން ވަނީ މި ބިލަކީ ބިން ދިނުމުގެ ނިޔަތުގައި ފާސްކުރި ބިލެއް ނޫން ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ވަނީ މި ބިލުގައި ހުރި ދަތިވާ ކަންކަން ހައްލުކުރުމަށް ކޮމެޓީއަށް ފޮނުވަމަށް ހުށަހަޅުއްވާފައެވެ.

އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވީ، ކޮމެޓީއަށް ބިލު ފޮނުވައިގެން އިސްލާހު ކުރުމަށެވެ. ނަމަވެސް އެ ހުށަހެޅުމަށް ތާޢިދު ކުރެއްވީ އެންމެ 12 މެންބަރުންނެވެ. ހުށަހެޅުމާއި ދެކޮޅަށް 75 މެންބަރުން ވޯޓު ދެއްވިއެވެ.

ބިލު މިހާރު އޮތް ގޮތަށް އަނބުރާ ތަސްދީޤު ކުރުމަށް ފޮނުވުމަށެވެ. އެ ހުށަހެޅުމާއި ދެކޮޅަށް 76 މެންބަރުން ވޯޓު ދެއްވިއެވެ. މިއާއެކު ރިޔާސަތުން ނިންމީ އެ ބިލު ބާތިލްވެފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު އަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު އޮތް ގޮތަށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވިނަމަ، ސަރުކާރުގެ އެހެން މަސައްކަތަކެއް ހުއްޓުމަކަށް ގެނެސް، އެ ބިލުގައި ބުނާ 3 މަސްތެރޭ ގޯތި ހަވާލުކުރަން މުޅި ސަރުކާރުގެ އަމާޒު އަނބުރާލަން ޖެހޭނެކަމަށް ސަރުކާރުގެ އިސް ބައެއް ފަރާތްތަކުންވެސް ވަނީ ވިދާޅުވެފައެވެ.