ޚަބަރު

ގުޅިފަޅަށް ގޯތި ބަދަލުކުރެވޭ މީހުން ކަނޑައަޅާ ގުރުއަތު ފަށައިފި


  • 4 ކެޓަގަރީން ގޯތި ބަދަލުކުރުމަށް ފުރުޞަތު ހުޅުވާލި

  • 1096 ގޯއްޗަށް، 2210 ފޯމު ހުށައެޅި

  • ޕްލޮޓް ކަނޑައަޅަ ގުރުއަތު އޮންނާނީ ފަހުން

ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅިފަޅަށް ގޯތި ބަދަލުކުރަން އެދުނު ފަރާތްތަކުގެ ތެރެއިން، ކަނޑައެޅި އަދަދަށްވުރެ ގިނައިން ފޯމު ހުށައެޅި ކެޓަގަރީތަކުން ގޯތި ޔަގީންވާ މީހުން ކަނޑައެޅުމަށް ގުރުއަތު ނެގުމުގެ މަސައްކަތް ފަށައިފިއެވެ. ގުރުއަތު ނެގުން ކުރިއަށްދަނީ ދަރުބާރުގޭގައެވެ.

ސަރުކާރުން ހުޅުވާލީ 1096 ގޯއްޗަށް ކުރިމަތިލުމަށެވެ. އެ ފުރުޞަތުގައި 4 ކެޓަގަރީން 2210 މީހުން ފޯމު ހުށައަޅާފައިވެއެވެ.

ހުޅުވާލި އަދަދަށްވުރެ އިތުރަށް ފޯމު ހުށައަޅާފައިވަނީ 1250 އަކަފޫޓާ، 1650 އަކަފޫޓުގެ ކެޓަގަރީންނެވެ. އެހެންކަމުން ގުރުއަތު ނެގުން ކުރިއަށްގެންދަނީ މި ދެ ކެޓަގަރީން ގޯތި ޔަގީންވާ މީހުން ކަނޑައެޅުމަށެވެ. މި ދެ ކެޓަގަރީން ހުޅުވާލި 859 ގޯއްޗަށް 1973 މީހުން ފޯމު ހުށައަޅާފައިވެއެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ގުޅިފަޅުން ލިބޭ ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް ފަހުން ވަކި ގުރުއަތެއް ނަގާނެކަމަށެވެ. އެ ވުޒާރާއިން ވިދާޅުވީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނެސްފައިވާތީ، އެތަނުން ގޯތި ލިބުނު އެންމެންގެ ގުރުއަތެއް އަލުން ނެގުމަށް ނިންމާފައިވާކަމަށެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލް އަދި ޙިއްސާކުރައްވާފައެއް ނުވެއެވެ.

ގުޅިފަޅުން ފުރަތަމަ ދޫކުރަން ނިންމާފައިވަނީ 2218 ގޯއްޗެވެ. ނަމަވެސް އަލަށް ކަނޑައެޅި ގޯއްޗާއެކު ގުޅިފަޅުން މިހާތަނަށް 3300އަށްވުރެ ގިނަ ގޯތި ވަނީ ކަނޑައަޅާފައެވެ.