ޚަބަރު

އެޑިއުކޭޝަން ޓީވީ ޗެނަލް އަންނަ މޭމަހުގެ ކުރިން ޤާއިމްކުރައްވަނީ


ޕަބްލިކް ސަރވިސް މީޑިއާއިން ކިޔަވާކުދިންނާއި ތަޢުލީމަށް ޚާއްޞަކޮށްގެން އުފައްދާ ޓީވީ ޗެނަލް އަންނަ އަހަރުގެ މެއިމަހުގެ ކުރިން ޤާއިމުކުރާނެ ކަމަށް ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ. 

ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ޕަބްލިކް ސަރވިސް މީޑިއާގެ ޗެނަލްތަކުން ފާހަކުރަމުންދާ ކުޑަކުދިންގެ ބްރޯޑްކާސްޓިންގ ދުވަހުގެ ޚާއްޞަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ ތަޢުލީމަށް ޚާއްޞަކޮށްގެން އުފައްދާ ޓީވީ ޗެނަލްގެ ޒަރީޢާއިން، ކިޔަވާ ކުދިންނަށް ޚާއްޞަކޮށްގެން ތަޢުލީމީ ޕްރޮގްރާމްތައް، ކުޑަކުދިންނަށް އުނގެނުމަށް ފަސޭހަވާނެގޮތަށް ބްރޯޑްކާސްޓްކުރަމުން ގެންދާނެކަމަށެވެ. މިއީ ކުޑަކުދިންގެ ކުރިއެރުމަށް ޕަބްލިކް ސަރވިސް މީޑިއާއިން ކުރަމުން އަންނަ މަސައްކަތައް އިތުރުވެގެންދާ މުހިންމު ބޮޅެއްކަމަށް އިކްރާމް ވިދާޅުވިއެވެ.

ކުޑަކުދިންނަކީ ޤައުމުގެ ކުރިމަގު ކަމުން އެކުދިންނަށް ޕީ.އެސްއެމުން ޚާއްޞަ އިސްކަމެއް ދެއްވާކަމަށާއި، އެގޮތުން ޕީ.އެސް.އެމްގެ މައި ޓީވީ ޗެނަލް، ޓެލެވިޜަން މޯލްޑިވްސްއިންވެސް ކުޑަކުދިންނަށް ޚާއްޞަ ގިނަ ޕްރޮގްރާމްތަކެއް ބްރޯޑްކާސްޓް ކުރަމުންދާކަން އިކްރާމް ފާހަގަކުރެއްވިއެވެ. އެގޮތުން އެކުދިންނަށް ޚާއްޞަކޮށްގެން އުފައްދައިފައިވާ އެކުދިންނާ ގުޅޭ ކޮންޓެންޓް ދައްކަމުންދާކަން ފާހަގަކުރެއްވިއެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށްޓަކައި ޕަބްލިކް ސަރވިސްމީޑިއާއިން ވަނީ މިއަދަކީ ކުޑަކުދިންގެ ބްރޯޑްކާސްޓިންގ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ނިންމަވައިފައެވެ. މިއާއެކު ޕީ.އެސް.އެމްގެ ޓީވީ އަދި ރޭޑިއޯ ޗެނަލްތަކުގެ ކޮންޓެންޓް މިއަދު ޚާއްޞަކުރެވިފައިވަނީ ކުޑަކުދިންނަށެވެ.