ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފިއެވެ.
މި މަހު ނުވަވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ ޔޫތު ޗެމްޕިއަންޝިޕުގައި އަށް ޓީމު ވާދަކުރާނެއެވެ. މުބާރާތުގެ ގުރުއަތުލުން މިއަދު ބޭއްވިއިރު، މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މި ފަހަރުގެ މުބާރާތުގައި ކުލަބު ވެލެންސިއާ އާއި ވިކްޓަރީ ސްޕޯޓްސް ކުލަބު ފިޔަވައި، ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބު ވާދަކުރާނެއެވެ. މީގެ ތެރެއިން ވެލެންސިއާ ނުކުޅެނީ އިދާރީ މައްސަލައެއްގެ ސަބަބުން އެފްއޭއެމްއިން އެ ޓީމު ސަސްޕެންޑްކޮށްފައި އޮތުމުންނެވެ.
މިިއީ، އެފްއޭއެމް އިން 19 އަހަރުން ދަށަށް ޚާއްސަކޮށް މުބާރާތެއް ބާއްވާ ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ 2018 ވަނަ އަހަރު ބޭއްވި މުބާރާތް ކުލަބު ގްރީން ސްޓްރީޓްސްއިން ކާމިޔާބުކުރިއިރު، އޭގެ ފަހުން 2022 ވަނަ އަހަރު ބޭއްވި މުބާރާތް ކާމިޔާބުކުރީ އީގަލްސްއިންނެވެ. އީގަލްސްއިން އެ ފަހަރު ތަށި އުފުލާލީ ފ. ނިލަންދޫ ޓާފް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި 1-0 ގެ ނަތީޖާއަކުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކުރުމަށްފަހުއެވެ.
މި ފަހަރުގެ މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ފުރަތަމަ ޑިވިޝަނާއި ޔޫތު ޗެމްޕިއަންޝިޕުގައި މުޅިން އަލަށް ވާދަކުރާ އޮޑި ސްޕޯޓްސް ކުލަބާއި، ޓީސީ ސްޕޯޓްސް ކުލަބާއި، ބުރު ސްޕޯޓްސް ކުލަބު އަދި ސަސްއެވެ. އަދި މި މުބާރާތުގެ ދެ ޗެމްޕިއަނުން ހިމެނުނީ ގްރޫޕް ބީގައެވެ. އެ ގޮތުން 2018 ވަނަ އަހަރުގެ ޗެމްޕިއަން ގްރީން ސްޓްރީޓްސް އާއި، 2022 ވަނަ އަހަރުގެ ޗެމްޕިއަން އީގަލްސްގެ އިތުރުން ދެން އެ ގްރޫޕުގައި ހިމެނެނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އެވެ.
ޔޫތު ޗެމްޕިއަންޝިޕްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހެނދުނާއި ހަވީރެވެ. އެ ގޮތުން ހެނދުނުގެ މެޗުތައް 8:00 ގައި ފަށާއިރު، ހަވީރު ކުޅޭ މެޗުތައް ފަށާނީ 16:00 ގައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހުގެ ނުވަވަނަ ދުވަހުގެ ހެނދުނު، ޓީސީ ނުކުންނާނީ އޮޑި ސްޕޯޓްސްއާ ދެކޮޅަށެވެ.
މި ފަަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ބާއްވަން އެންމެ ފުރަތަމަ ތާވަލުކުރި މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހަށެވެ. އެއަށްފަހު މި މަހުގެ އެއްވަނަ ދުވަހު ބާއްވަން ތާވަލުކުރުމަށްފަހު، އަނެއްކާވެސް ވަނީ ނުވަވަނަ ދުވަހަށް ފަސްކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މުބާރާތް ފަސްކުރަން ޖެހުނީ ގަލޮޅު ދަނޑުގެ ލައިޓްގެ މަސައްކަތް ކުރިއަށްދާތީއެވެ.