ފަލަސްތީނުގެ ހައްގުގައި ދިވެހިން އަޑު އުފުލަމުންދާތާ އެތައް އަހަރެއްވެފައިވާއިރު، މިފަހުން ދިވެހިން އެންމެ ބޮޑަށް ސަރުކާރަށް ގޮވާލަމުންދިޔައީ އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް ޔަހޫދީން އައުން ހުއްޓުވުމަށެވެ. ހާއްސަކޮށް މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު ހައްދު ފަހަނައަޅާފައިވާ ޔަހޫދީން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ފެށި ހަނގުރާމައާއެކު އިސްރާއީލުގެ ޕާސްޕޯޓް މަނާކުރުމަށް ގޮވާލަމުންދިޔަ ގޮވާލުމުގެ އަޑު ވަނީ ގަދަވެފައެވެ. ނަމަވެސް އޭރު ވެރިކަމުގައި އޮތް އެމްޑީޕީގެ ސަރުކާރުން އެކަން ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. މުސްލިމުން އަހުންނާއި އުހުތުންނަށް ލާއިންސާނީ އަނިޔާތަކެއް ދެމުންދާއިރު، އެކަމުގައި ރާއްޖެއަށް އެޅެން އޮތް ފިޔަވަޅުތައް އެމްޑީޕީގެ ސަރުކާރުން ނާޅާ ލަސްކުރުމުން އެތައް ބައެއްގެ ހިތުގައި ސުވާލުތައް އޮތީ އުފެދިފައެވެ.
Ban Israeli passport holders NOW!!! Boycott citizens from Israel.#BoycottIsrael pic.twitter.com/Y2BbgOMZbr
— 𝑨𝒛𝒘𝒂𝒓® #FreePalestine 🇵🇸 (@axvastaine7) October 18, 2023
މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެމްޑީޕީއަށް އޮތްއިރުވެސް އިސްރާއީލުގެ ޕާސްޕޯޓް މަނާކުރުމަށް ޤާނޫނަށް އިސްލާހު ނުގެނައީ އެމްޑީޕީގެ ސަރުކާރަށް ނުކެރިގެންތޯ ނުވަތަ ބަޔަކާއެކު އޮތް އަޑިނޭނގޭ ގުޅުންތަކެއްގެ ސަބަބުންތޯ ބުނެ ސުވާލުކުރާ މީހުން ދިޔައީ އިތުރުވަމުންނެވެ. ނަމަވެސް އެމްޑީޕީގެ ސަރުކާރު ނިމިގެންދިޔައިރުވެސް ފަލަސްތީނުގެ މައްސަލައިގައި ރައްޔިތުން ގޮވާލަމުންދިޔަ ގޮވާލުންތަކަށް އިޖާބަ ދީފައެއް ނުވެއެވެ. އދގެ އާއްމު މަޖިލީހުގެ ރައީސްކަމުގެ މަޤާމުވެސް ރާއްޖެއިން އަދާކޮށްފައިވާއިރު، އެމަޤާމުގެ ބޭނުންކޮށްގެންވެސް ފަލަސްތީނުގެ ހައްގުގައި އެކަށީގެންވާ ވަރުގެ މަސައްކަތެއް ކޮށްފައިވާނުވުމަކީ އެތައް ބަޔަކު ހިތާމަކުރާކަމެކެވެ. އޭގެ ބަދަލުގައި އިސްރާއީލުގެ ފަތުރުވެރިން ރާއްޖެ ގެނެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޗުއްޓީ ހޭދަކުރުމަށް ދިޔައީ ފުރުސަތު ދެމުންނެވެ. އެކަމުގެ ސަބަބުން ބައެއް ރަށްރަށުގައި ހަމަނުޖެހުންތައް އުފެދުމަށްވެސް މެދުވެރިވެފައި ހުރިކަން އެއީ ފެންނަން އޮތް ހަޤީޤަތެކެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު ރާއްޖޭގެ ވެރިކަމާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގަތުމަށްފަހު އެންމެ އިސްކަން ދެެއްވި އެއް މައްސަލައަކީ ފަލަސްތީނުގެ މައްސަލައެވެ. އެގޮތުން ފަލަސްތީނާއި ރާއްޖެއާއި ދެމެދު އޮތް ގުޅުންތައް ބަދަހިކޮށް، ރާއްޖެއިން ފަލަސްތީނުގެ ހައްގުގައި ކުރަމުންދާ މަސައްކަތްތައް ވަރުގަދަކުރެއްވިއެވެ. ލިބިވަޑައިގެންނެވި ކޮންމެ ފުރުސަތެއްގައި ރައީސުލްޖުމްހޫރިއްޔާ ގެންދެވީ ފަލަސްތީނުގެ ހައްގުގައި އަޑު އުފުއްލަވަމުންނެވެ. ހުޅަނގުގެ ބޮޑެތި ބާރުތައް ކުރިމަތީގައި ޖެހިލުންވެވަޑައިގަތުމެއް ނެތި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރައްވަމުން ގެންދެވިއިރު، އެކަން އެންމެ ބޮޑަށް ފާހަގަކުރީވެސް ފަލަސްތީނުގެ ސަރުކާރުންނާއި އެ ޤައުމުގެ ރައްޔިތުންނެވެ.
Thank you @MVPMNY 🇲🇻 🇵🇸 https://t.co/YrhOrOluhm
— State of Palestine (@Palestine_UN) June 2, 2024
ފަަލަސްތީނުގެ ހައްގުގައި ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ މަސައްކަތެއްވެސް ކުރައްވާނެކަން ހާމަކުރެއްވުމަށްފަހު، އަމަލުންވެސް އެކަން ވަނީ ދިވެހި ރައްޔިތުންނަށް ސާބިތުކޮށްދެއްވާފައެވެ. އެގޮތުން އިސްރާއީލުގެ ޕާސްޕޯޓް މަނާކުރުމަށް ދިވެހި ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު ގޮވާލަމުންދިޔަ ގޮވާލުމަށް އިޖާބަ ދެއްވައި، އިސްރާއީލުގެ ޕާސްޕޯޓް ރާއްޖޭގައި މަނާކުރަން ނިންމެވި ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަރުގަދަ ޝަހުސިއްޔަތު ދިވެހިންނާއި ދުނިޔެއަށް ހާމަކޮށްދެއްވިކަމެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމަށް ބައިނަލްއަޤްވާމީ ދުނިޔޭގެ ސަމާލުކަންވެސް ލިބިފައިވާއިރު، ދިވެހިންވެސް ގެންދަނީ އެމަނިކުފާނުގެ ނިންމެވުން ޝުކުުރުވެރިކަމާއި އުފަލާއެކު ފާހަގަކުރަމުންނެވެ. އެގޮތުން މީގެކުރިން ވެރިކަންކުރި ބޭފުޅުންނަށް މިފަދަ ފިޔަވަޅެއް އަޅުއްވަން ކެރިވަޑައިނުގަތްއިރު، ރައީސް މުއިއްޒުގެ ނިންމެވުން ހާމަވަނީ މީގެކުރިން ވެރިކަންކުރި ބޭފުޅުންނާއި އެމަނިިކުފާނު ތަފާތުކަންކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ރައީސް މުއިއްޒުގެ ނިންމެވުމަކީ ދިވެއްސަކަށްވީތީ ފަހުރުވެރިވާންޖެހޭފަދަ ނިންމެވުމެއްކަމަށްވެސް ސޯޝަލް މީޑިއާގައި ޝުޢޫރުތައް ފާޅުކުރި މީހުން ބުނެފައިވެއެވެ.
ފަލަސްޠީނަކީ އުއްމަތުގެ ބައެއް. ދިވެހީންނަކީ ވެސް ހަމަ އެއް އުއްމަތެއް. ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްޠީނާއެކު.
— Mohamed Firuzul (@mFiruzul) June 3, 2024
މިއީ ފަޚުރުވެރިވެވޭ ހަރުދަނާ ނިންމެވުމެއް އަދި އިސްނެންގެވުމެއް! ޝުކުރިއްޔާ ރައީސް @MMuizzu #FreePalestine
📸 Mihaaru pic.twitter.com/q1KjZYgybr
ދިވެހިންގެ އިތުުރުން، އެހެން ޤައުމުތަކުގެ ރައްޔިތުންވެސް ގެންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމަށް ތައުރީފްކުރަމުންނެވެ. އެގޮތުން ރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް، ބޮޑެތި ގައުމުތަކަށް ކުރަން ނުކެރުނުކަމެއް ރާއްޖެއިން ކުރުމަކީ ދިވެހި ސަރުކާރުގެ ހައިބަތާއި ގަދަރު އުފުލިގެންދިޔަކަމެއްކަން ބައެއް ފަރާތްތަކުން ފާހަގަކޮށްފައެވެ. އަދި އިސްލާމީ އެހެން ޤައުމުތަކުންވެސް ރައީސް މުއިއްޒު މިސާލަކަށް ބައްލަވައިގެން، ފަލަސްތީނުގެ ހައްގުގައި މަސައްކަތްކުރަންޖެހޭކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
Thank you, Maldives. Genocide perps and supporters are not wanted anywhere.
— Paulette Varghese Altmaier (@PauletteAlt) June 3, 2024
ކޮންމެއަކަށްވެސް އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް ދަތުރުކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމެވި ނިންމެވުމަކީ އެތައް ދިވެހިންނަކަށް އުފާވެރިކަން ގެނެސްދިން ނިންމެވުމެއްކަމާމެދު ޝައްކެއް ނެތްކަން ދިވެހިން ހާމަކުރަމުންދާ ޝުއޫރުތަކުން ހާމަވެއެވެ. އަދި ދިވެހިންގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންވެސް ދަނީ ރައީސް މުއިއްޒު ކުރައްވާ މަސައްކަތަށްވެސް ހުއްޓުމެއް ނެތި ޝުކުރު އަދާކުރަމުންނެވެ. އެގޮތުން ރައީސް މުއިއްޒުގެ ސަރުކާރުން ފަލަސްތީނުގެ ހައްގުގައި ކުރު މުއްދަތެއްގެ ތެރޭގައި ކޮށްފައިވާ، އަދި ކުރަމުންދާ މަސައްކަތަކީ ފަލަސްތީނުގެ ރައްޔިތުން އުފަލާއެކު ފާހަަގަކުރާ މަސައްކަތްތަކެއްކަން ފަލަސްތީނުގެ ސަރުކާރުންވެސް ދަނީ ފާހަގަކުރަމުންނެވެ.