އިސްރާޢީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭނެހެން ޤާނޫނަށް ބަދަލުގެނައުމަށް ސަރުކާރުން ނިންމެވުމާއި ގުޅިގެން އެކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމް ތައުރީފްކުރައްވައިފިއެވެ.
ރައީސް މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާޢީލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅު ހެދުމަށް، އިސްރާޢީލްގެ ފާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އަދުގެ ސަރުކާރުން ނިންމެވި ނިންމެވުމަށް ހުރިހައި ދިވެހިންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ޝުކުރުއަދާކޮށް ތައުރީފުކުރައްވާކަމަށެވެ.
In condemnation of Israeli genocide against Palestinians, I, as all other Maldivians, applaud our Government’s decision to ban Israeli passport holders from entering the country.
— Maumoon Abdul Gayoom (@maumoonagayoom) June 3, 2024
އިސްރާޢީލް ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެއަށް އެތެރެ ނުވެވޭގޮތަށް ނިންމި ނިންމުމުގެ ސަބަބުން ވަރަށް ގިނަ އަދަދެއްގެ ދިވެހިން ދަނީ ސަރުކާރަށް ތައުރީފުކުރަމުންނެވެ. އަދި މިކަން މިހާރު ވަނީ ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަމަށްވެސް އައިސްފައެވެ.
ޔަހޫދީ ދައުލަތުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް، ކުރިން ނުނަގާ ސްޓޭޑުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރާ ހަވާލުވެވަޑައިގަތުމަށްފަހު، ނަންގަވަމުންދާ ކަމަށާއި އެކި ޕްލެޓްފޯމުތަކުގައި ޚިޔާލުފާޅުކުރައްވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވަނީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ވިދާޅުވެފައެވެ. އަދި ރާއްޖޭން އެ މައްސަލައިގައި ކުރެވޭނެ ކަންކަން ކަނޑައަޅައި ފިޔަވަޅުތައް އެޅުމަށް ވަޒީރުންގެ މަޖިލީހުން މަސައްކަތް ކުރައްވަމުން އަންނަކަމަށް ވަނީ ވިދާޅުވެފައެވެ.