ތަޢުލީމު

ހަފްތާ ބަންދު: ދަރިވަރުންނަށް ލިބޭ އެންމެ އުފާވެރި ދުވަސްތައް


ސްކޫލް ކުއްޖަކަށް ލިބޭ އެންމެ އުފާވެރި ދުވަސްތަކަކީ ޗުއްޓީ ދުވަސްތަކެވެ. ކުދިންގެ އާއިލާއާއެކު ގިނަވަގުތު ހޭދަކުރެވޭ ދުވަސްތަކަކީ އެއީއެވެ. މީގެތެރޭގައި ހަފްތާބަންދު ފާހަގަކޮށްލެވެއެވެ. ނަމަވެސް އަޅުގަނޑުމެން ސްކޫލް ކުދިންނަށް ހަފްތާބަންދު ހޭދަކުރެވެނީ އެންމެ ރަނގަޅަށް ތޯ މިއީ އުފެދޭ ސުވާލެކެވެ. ދިވެހި ރާއްޖޭގެ ތަޢުލީމީ އޮނިގަނޑު އެކުލެވިފައި ވާގޮތުން ސްކޫލްކުދިންނަށް، ހަފްތާގެ ގިނަވަގުތު ކިޔެވުމާއި ސްކޫލުގެ އެހެނިހެން ހަރަކާތްތަކުގައި ހަރަކާތްތެރި ވާންޖެހެއެވެ.

ކިޔެވުމާއި އިތުރު ހަރަކާތްތަކުގައި ސްކޫލައި ގިނަ ވަގުތު ހޭދަކުރުމަށްފަހު، ސްކޫލްކުދިންނަށް ހިތްހަމަޖައްސާލުމަށް ލިބޭ ދުވަސްތަކަކީ ހަފްތާބަންދެވެ. ސްކޫލްކުދިންގެ އެންމެ މުހިންމު މަޤްސަދަކީ ކިޔަވައިގެން ރަނގަޅު ނަތީޖާތަކެއް ހޯދުން ކަމަށް ވާއިރު، ލިބޭ ހަފްތާ ބަންދު ގައިވެސް ކޮންމެވެސް ވަގުތެއް ކިޔެވުމުގައި ހޭދަކުރަންޖެހެއެވެ. ސްކޫލް ކުއްޖެއްގެ ހަފްތާބަންދު ހޭދަކުރަންވީ ގޮތާއިމެދު މުޙްޔިއްދީން ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދު ވިދާޅުވީ ފަސްދުވަހުގެ ކިޔެވުމަށްފަހު ލިބޭ ހަފްތާބަނދުގައި ކޮންމެވެސްވަރެއްގެ އަރާމެއް ސިކުނޑިއާއި ހަށިގަނޑަށް ލިއްބައިދޭން ޖެހޭނެ ކަމަށެވެ. ޖެހިގެން އަންނަ ހަފްތާއަށް ކުއްޖާ ރަނގަޅަށް ތައްޔާރު ވާނީ އޭރުން ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

ހަފްތާ ބަންދުގައި ކިޔެވުމަށް ކޮންމެވެސް ވަގުތެއް ޚާއްސަ ކުރި ނަމަވެސް ކުއްޖާގެ ސިކުނޑިއަށް ބުރަބޮޑު ނުވާނެ ފަދަ ގޮތަކަށް ރާވާލެވިގެން ކަންކަން ކުރުމަށް ވިސްނަން ޖެހޭ ކަމަށް ޕްރިންސިޕަލް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ. ހަފްތާ ބަންދުގައި އާއިލާގެ ގިނަ މެންބަރުންނާއެކު ސްކޫލުކުދިން އައިސްއުޅޭ އެއްތަނަކީ ކުޑަކުދިންގެ ބަގީޗާއެވެ. އެތަނުގައިތިބި ބައެއް ކުދިންނާ، އެކުދިންގެ ހަފްތާބަންދު ހޭދަކުރާގޮތް އޮޅުން ފިލުވާލުމުން ފާހަގަވެގެންދިޔައީ ގިނަ ކުދިން ހަފްތާބަންދު ހޭދަކުރަނީ ވަރައްވެސް ހެޔޮގޮތުގައިކަމެވެ. ނަމަވެސް ބައެއްކުދިން ހަފްތާބަންދުގައި ކިޔެވުމުގެ އެއްވެސް މަސައްކަތެއް ނުކުރާކަންވެސް ފާހަގަ ކޮށްލެވެއެވެ. އެފަދަ ކުދިން ހަފްތާ ބަންދުގައި ކޮންމެވެސް މިންވަރެއް ކިޔެވުމަށް ހޭދަކުރަންޖެހެއެވެ.