ޚަބަރު

އިސްރާއީލު ޕާސްޕޯޓު މަނާކުރަން ރާއްޖެއިން ނިންމި ނިންމުން ދުނިޔޭގެ ސަމާލުކަމަށް


  • ޕާސްޕޯޓު މަނާކުރުމަށް ނިންމި ޚަބަރު ހުޅަނގާއި މެދުއިރުމަތީ މީޑިއާތަކަށްވެސް ވަނީ އަރާފައި

  • ރާއްޖެއިން އިސްރާއިލް ޕާސްޕޯޓު މަނާ ކުރަނީ ޤާނޫނު އިސްލާހުކޮށްގެން

އިސްރާއިލް ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެއަށް އެތެރެ ނުވެވޭގޮތަށް ނިންމި ނިންމުން ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަމަށް އައިސްފިއެވެ.

އިސްރާޢީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭނެހެން ޤާނޫނަށް ބަދަލުގެނައުމަށް ސަރުކާރުން ނިންމީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.

އިސްރާއީލުގެ ޕާސްޕޯޓު މަނާކުރަން ދިވެހި ސަރުކާރުން ނިންމެވި ނިންމެވުމާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީޑިއާތަކުގެ ސަމާލުކަމަށް މިކަން ވަނީ އައިސްފައެވެ. އެގޮތުން ދުނިޔޭގެ ގިނަ މީޑީއާތަކުން މިކަން ރިޕޯޓުކޮށްފައިވާއިރު، ގިނަ ބަޔަކު ދަނީ ރާއްޖޭގެ މި ނިންމުމަށް މަރުހަބާވެސް ކިޔަމުންނެވެ. އެގޮތުން ޔަހޫދީ ދައުލަތުގެ ލާއިންސާނީ ޢަމަލުތައް ކުއްވެރިކުރާ ގިނަ ފަރާތްތަކުން މިކަން ދަނީ ފާހަގަ ކުރަމުންނެވެ.

ރާއްޖެއިން ޔަހޫދީ ދައުލަތުގެ ޕާސްޕޯޓު މަނާކުރުމުގެ ޚަބަރު ގެނެސްދީފައިވާ މީޑިއާތަކަށް ބަލާއިރު، އަވަށްޓެރި އިންޑިއާގެ ނޫސްތަކާއި މެދު އިރުމަތީގެ ޚަބަރުތައް ގެނެސްދޭ މީޑިއާތައް ފާހަގަކުރެވެއެވެ. މީގެ އިތުރުން ރަޝިއާ އަދި ހުޅަނގުގެ މީޑިއާތަކުގައިވެސް މި ޚަބަރު ގެނެސްދީފައިވާއިރު، އިސްރާއިލުގެ ނޫސްތަކަށްވެސް މި ޚަބަރު ވަނީ އަރާފައެވެ. އަދި މި ޚަބަރާއެކު އެ ޤައުމު ރައްޔިތުން ރާއްޖެ ދަތުރު ނުކުރުމަށް އެ ޤައުމުން ވަނީ އިންޒާރު ދީފައެވެ.

މީޑިއާ ރިޕޯޓުތަކުގައި އާންމު ގޮތެއްގައި ގެނެސްފައި ހުރި ވާހަކަތަކަށް ބަލާއިރު، ރާއްޖެއާއި އިސްރާއިލާ ދެމެދު މިހާރުވެސް އެއްވެސް ގުޅުމެއް ނެތްކަން ވަނީ ފާހަގަކޮށްފައެވެ.

އިސްރާއިލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، ޔަހޫދީ ދައުލަތުން ވަނީ އެމީހުންގެ މީހުން ރާއްޖެއަށް ދަތުރު ނުކުރުމަށް މީގެ ކުރިން އިންޒާރުވެސް ދީފައެވެ. އޭރު ދަތުރު ކުރުމުގެ އިންޒާރު ނެރުނީ، ޣައްޒާގައި ޔަހޫދީ އިސްރާއީލުން ހިންގަން ފެށި ޤަތުލްޢާމާއި ދެކޮޅަށް ދިވެހި ރައްޔިތުން މަގުމައްޗަށް ނިކުމެ އަޑު އުފުލަށް ފެށުމުންނެވެ.