ޚަބަރު

ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި


  • މިމައްސަލަ ތާވަލްކޮށްފައިވަނީ 20 ވަނަ މަޖިލީހުގެ 2 ވަނަ ޖަލްސާއަށް

  • މި ތިން ވަޒީރުންނަކީ 19 ވަނަ މަޖިލީހުން ރުހުން ނުދޭން ނިންމި ތިން ވަޒީރުން

ވަޒީރުންގެ މަޖިލީހުގެ 3 ވަޒީރަކަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ވަޒީރުންގެ މަޖީލީހުންގެ ތިން ވަޒީރުންކަމުގައިވާ އިސްލާމީ ކަންތައްތައްތަކާ ބެހޭ ވަޒީރު، ޑރ. މުހައްމަދު ޢަލީ ސަޢީދާއި، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރުގެ އިތުރުން ބަންޑާރަ ނައިބު އަހުމަދު އުޝާމް އަށް ރުހުން ދިނުމަށް މާދަމާ ޖަލްސާއަށް ވަނީ ތާވަލްކޮށްފައެވެ.

މި ސަރުކާރުގެ ވަޒީރުގެ މަޖީލީހުގައި ޖުމްލަ 22 ވަޒީރެއް ހިމެނިވަޑައިގަންނަވާއިރު، އޭގެ ތެރެއިން 19 ވަޒީރަކަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ދިނެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޭރު އޮތް މަޖިލީހުން ނިންމީ 3 ވަޒީރަަކށް ރުހުން ނުދިނުމަށެވެ. މިއީ ސަރުކާރަކުން ޢައްޔަން ކުރެއްވި ފުރަތަމަ ވަޒީރުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ރުހުން ނުދޭން މަޖިލީހުން ނިންމި ފުރަތަމަ ފަހަރެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އޭރު މަޖިލީހުގެ ސުޕަރ މެޖޯރިޓީއޮތް އެމްޑީޕީގެ މެންބަރުންނާއި އެޕާޓީއަށް އަމާޒުކޮށްފައެވެ.

ނިމިދިޔަ ޖެނުއަރީ މަހު ފަހުކޮޅު އެގޮތަށް މަޖިލީހުން ނިންމުމާއެކު، ރައީސްލްޖުމުހޫރިއްޔާ ވަނީ އެމަނިކުފާނަށް ޤާނޫނުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެ ތިން ބޭފުޅުން އަލުން ވަޒީރުކަމަށް އައްޔަން ކުރައްވާފައެވެ. އެކަމާއި ގުޅިގެން މަޖިލީހަށް އިދިކޮޅު މެންބަރުން ޤަރާރެއް ހުށަހަޅި ނަމަވެސް ދައުރު ނިމިގެން ދިޔައީ ޤަރާރު ކޮމެޓީ މަރުހަލާގަ އޮވެއެވެ.