ޚަބަރު

ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކުގެ މަޢުލޫމާތު ތައިލޭންޑުގެ ވިޔަފާރިވެރިންނާ ހިއްސާކޮށްފި


  • މި ސެޝަނުގައި ތައިލޭންޑުގެ ވިޔަފާރިވެރިންގެ ޖަމިއްޔާގެ 170 މަންދޫބުން ބައިވެރިވި

  • އިންވެސްޓްމެންޓު ފުރުޞަތުތަކުގެ އިތުރަށް ސަރުކާރުގެ ތަރައްޤީގެ ޕްލޭންގެ މައުލޫމާތުވެސް ދީފައިވޭ

ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކާއި ގުޅޭގޮތުން ތައިލޭންޑްގެ ވިޔަފާރިވެރިންގެ ޖަމިއްޔާގެ 170 އަށްވުރެ ގިނަ މަންދޫބުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ބައްދަލުވުމުގައި އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި، މާލީ ވުޒާރާގެ އިތުރުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ވަނީ ބައިވެރިވެފައެވެ. އެގޮތުން ވުޒާރާތަކުން ރާއްޖޭގައި ހުރި އިންވެސްޓްމެންޓު ފުރުޞަތުތަކާއި ސަރުކާރުގެ ތަރައްޤީގެ ޕޭނާއި ގުޅޭގޮތުން މައުލޫމާތު ދެއްވިއެވެ. މި ބައްދަލުވުމުގައި ތައިލޭންޑް ވިޔަފާރިވެރިން ރާއްޖޭގެ އިންވެސްޓްމެންޓު މާހައުލާއި ގުޅޭގޮތުން ވުޒާރާތަކާއި ކުރި ސުވާލުތަކަށް އެ ފަރާތްތަކުން ވަނީ ޖަވާބުދެއްވާފައެވެ.

ތައިލޭންޑް ވިޔަފާރިވެރިންގެ ޖަމިއްޔާ އާއި އިޤްތިޞާދީ ތަރައްޤީއާއިބެހޭ ވުޒާރާ ގުޅިގެން ބޭއްވި ސެޝަނުގައި ތައިލޭންޑު ވިޔަފާރިވެރިންގެ ޖަމީއްޔާގެ މެންބަރުން ތަމްސީލުކުރާ މަތީ ފަންތީގެ އެގްޒެކެޓިވުންނާއި، ވިޔަފަރިވެރިންނާއި، އިންވެސްޓަރުން އަދި ކުންފުނިތަކުގެ ސީއީއޯއިން ހިމެނެއެވެ. އެ ފަރާތްތަކަކީ އެ ޤައުމުގެ އަމިއްލަ ވިޔަފާރިތަކާއި އަދި ޕަބްލިކް ސެކްޓަރގައި އެކި ފަންތީގައި ހަރަކާތްތެރިވަމުންދާ ފަރާތްތައްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވުޒާރާއިން މަޢޫލޫމާތުދެއްވިއެވެ.

އަދި އެ ވިޔަފާރިވެރިންނަކީ ޓޮޕް އެގްޒެކެޓިވް ޕްރޮގްރާމް އިން ކޮމާސް އެންޑް ޓްރޭޑްގެ ބައިވެރިންނެވެ. އެ ޕްރޮގްރާމަކީ ޔުނިވާސިޓީ އޮފް ތައި ޗެމްބަރ އޮފް ކޮމާސްއާއި އެ ޤައުމުގެ މާލީ ވުޒާރާ އާއި ވިޔަފާރިއާއި ބެހޭ ވުޒާރާއާ އާންމު ސިނާޢަތްތަކާއި ބެހޭ ވުޒާރާގެ އިތުރުން ސިވިލް އެފެއާރޒް ވުޒާރާއައި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ތައިލޭންޑުގެ އެކި ސިނާޢަތްތަކުގެ ވިޔަފާރިވެރިން އެއް ޕްލެޓްފޯމަކަށް ގެނެސް ވިޔަފާރިތައް ކުރިއެރުމާއި ގުޅޭ ހިޔާލު ބަދަލުކޮށް މަޝްވަރާ ކުރުމަށް ގުޅުންހުރި ހުނަރުތައް ދަސްކޮށްދިނުމުގެ މަޤްޞަދުގައި ހިންގާ ޕްރޮގްރާމެކެވެ.