ދީން

ދީނީ ކަންތައްތަކުގައި ކުދިންނަށް ބާރުއަޅާ، ނަމޫނާ ދައްކަން ޖެހޭ


ދީނީ ކަންތައްތަކަށް އަހަންމިއްޔަތުކަން ދިނުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް ސަޤާފީ ރީތި އާދައެކެވެ. މި ރިވެތި އާދައަށް ކުޑަކުދިން އަހުލުވެރިވެފައި ވަނީ ކިހާ މިންވަރަކަށްތޯ ބަލައި ދެނެގަތުމީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ.އިސްލާމް ދީނުގެ ހިދާޔަތުގައި ދިވެހިން ތިބޭތާ މި ވަނީ 8 ޤަރުނަށްވުރެ ގިނަ ދުވަސް ވެފައެވެ. ދީނީ ގޮތުން ގިނަ ކަންތައްތަކަށް އަހުލުވެރިވުމަށްޓަކައި ތަފާތު މަގުތަކެއް މިއަދު ތަނަވަސްވެފައި ވާކަން ފާހަގަކޮށްލެވެއެވެ. މި ވަޞީލަތުގެ ބޭނުން އެންމެ އެކަށީގެންވާ މިންވަރަށް މިއަދު ހިފަމުން ދޭތޯ މީ ކޮންމެހެންވެސް ޖަވާބު ހޯދަންޖެހޭ ސުވާލެކެވެ. 

ދިވެހިންނަކީ ޒަމާނުއްސުރެއް އިސްލާމީ ރިވެތި އާދަތަކުގެ މަތީގައި ދިރިއުޅެމުން އައިސްފައިވާ ބައެކެވެ. އެކަކު އަނެކަކަށް އަޅާލައި އޯގާތެރިކަމާއި އެހީ ތެރިކަން ފޯރުކޮށްދެމުން ގެންދާ ބައެކެވެ. މަދު މީސްކޮޅެއް މި ގައުމުގައި އުޅުނުކަމުގައި ވީނަމަވެސް ކާބަފައިން ވަނީ އިސްލާމީ ރިވެތި އާދަތައް މިއަދުގެ ޖީލުތަކަށް ވާސިލްކޮށްދީފައެވެ. މި ރީތި އާދަތައް ދަމަހައްޓައި ނެގެހެއްޓުމަކީ މިއަދުގެ ކުޑަކުދިންނާއި ނަމޫނާ ދައްކަވަން ތިއްބެވި ފަރާތްތަކުގެ ޒިންމާއެކެވެ.

އަޅުގަނޑުމެންނަކީ މުސްލިމުންނަށް ވީތީ ޢަމަލުތައް ވަކި ގޮތަކަށް ބަހައްޓަން ޖެހެއެވެ. އިސްލާމީ ރިވެތި އާދަތައް ދަސްކޮށް އެއާ އެއްގޮތައް ކޮންމެ މީހަކުވެސް ޢަމަލު ކުރަންޖެހެއެވެ. މިއަދުގެ ކުޑަކުދިންނަށް އިސްލާމީ ކަންތައްތަކަށް އަހުލުވެރި ނުވެވޭ މައިގަނޑު އެއް ސަބަބަކީ ކަމުގެ މުހިންމުކަން އެ ކުދިންނަށް އަންގައި ދެވިފައިނުވާތީކަމަށް ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ލެކްޗަރަރ ސާމިޔާ ޒަކަރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ސާމިޔާ ޒަކަރިއްޔާ ވިދާޅުވީ އެކުއްޖެއްގެ ވަށައިގެންވާ މާހައުލުން ރަނގަޅު އާދަތައް ނުފެނުމާއި، އިސްލާމްދީންގައި އަންގަވާފައިވާ ކަންކަމުގެ މުހިންމުކަން ކުޑަކުދިންނަށް ނޭނގުމަކީ އެކުދިން ދީނީ އަޅުކަންތަކަށް ފަރުވާކުޑަކުރުމަށް ދިމާވާ ސަބަބެއްކަމަށެވެ. 

މި ޒަމާނަކީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ދީނީ ގިނަ މައުލޫމާތުތަކެއް ހޯދެއް އޮތް ޒަމާނަކަށް ވީ ނަމަވެސް ދީނީ ކަންތައްތަކަށް ދޭންވާ ސަމާލުކަން އެންމެ އެކަށީގެންވާ މިންވަރަށް އަންގައި ނުދެވުމާއި، ދީނީ ފޮތްތައް ކިޔުމަށް ދޭންވާ ސަމާލުކަން ނުދެވުން ފާހަގަ ކޮށްލެވެއެވެ.

ދީނީ ކަންތައްތަކަށް އަހުލުވެރިވުމަށް ޓަކައި މައިންބަފައިން ކުދިންނަށް ބާރުއަޅާ، ނަމޫނާ ދައްކަން ޖެހެއެވެ. މުޖުތަމައު ގެ ޒިންމާ ތަކުގެ ތެރޭގައި ރަނގަޅު ނަމޫނާ ދެއްކުން ހިމެނެއެވެ. މަގުމަތީގައި އުޅެންވީ ރީތި އަޚްލާޤާއި، ނަމާދުގައި ތިބެންޖެހޭގޮތް ދެއްކުމަކީވެސް ކުރެވިދާނެ ކަންތައްތަކެވެ. ސްކޫލުތަކުން ދީނީ ކަންތައްތަކަށް ސަމާލުކަން ދިނުމަށްޓަކައި ވެސް ގިނަ ކަންތައްތަކެއް ކުރަމުންގެންދެއެވެ. އޭގެ ތެރޭގައި ރިވެތި އާދަތައް ކިޔާދިނުމާއި ނަމާދު ކުރުމަށް ބާރު އެޅުން ހިމެނެއެވެ. ސްކޫލުގައި ކިޔަވަމުންދާ ކުދިން ދީނީ ކަންތަތަކަށް ސަމާޅުކަންދޭތޯ ސުވާލު ކުރުމުން އެކުދިން ބުނީ ދީނީ ކަންތައްތަކަށް ސަމާލުކަންދިނުމަށްޓައި ސްކޫލާއި މައިންބައިން ބާރު އަޅަމުންގެންދާކަމަށެވެ.

ދީނަށް އަހުލުވެރިވެރިވެގެން މެނުވީ އަޅުގަނޑުމެންގެ ދުނިޔަވީ ޙަޔާތާއި އުޚުރަވީ ޙަޔާތް ބާއްޖަވެރި އެއްނުކުރެވޭނެއެވެ. ދުނިޔަވީ ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ދީނާއި ގުޅިފައިވާތީ، ދީނަށް ހޭލުންތެރިވެ ކާމިޔާބު މީހަކަށް ވުމަށްޓަކައި ކޮންމެ ކުއްޖަކުވެސް މަސައްކަތް ކުރަންޖެހެއެވެ.

ދީނީ ކަންތައްތަކަށް އަހުލުވެރިވުން މުހިންމުވަނީ އަހަރުމެންނަކީ އިސްލާމްދީނުގެ އަހުލުވެރިންނަށް ވާތީއެވެ. އެހެންކަމުން، އަހަރުމެންގެ ދިރިއުޅުމުގައި ދީނަށް ފުށުނާރާ ގޮތަށް ސަމާލުވެ ދީނީ ކުލައެއް ޖައްސަން ޖެހެއެވެ. މި ކަންތައް ތަންފީޒު ކުރެވެން އޮތީ ކުޑަކުދިން އިސްލާމްދީނަށް އަހުލުވެރި ކުރުވައިގެން. އެހެންކަމުން، އެކުދިން އިސްލާމްދީނަށް އަހުލުވެރި ކުރެވުމަށްޓަކައި ކުރެވެންހުރި ހުރިހާ ކަމެއް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.