ޚަބަރު

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގައި ފަލަސްޠީނުގެ ޙައްގުތައް ފުޅާކުރަން ނިންމި ނިންމުމަށް ރައީސްގެ މަރުޙަބާ


  • މިއީ ރާއްޖޭން ކޯސްޕޮންސަރ ކުރި މައްސަލައެއް

  • ފަލަސްތީނުގެ ޙައްގުތައް ކަށަވަރުކުރުމަށް ރާއްޖޭން އަބަދުވެސް ތާއީދު ކުރާނެ

  • ރާއްޖެއިން ވޯޓު ދިނީ ފަލަސްޠީނުގެ ހައްގުތައް ކަށަވރުކުރުމަށް

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ މެންބަރުކަން ފަލަސްތީނަށްދީ، ފަލަސްޠީނުގެ ހައްގުތައް ފުޅާކުރުމަށް ނިންމި ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.


ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިންވަނީ އެ ޖަމުޢިއްޔާގެ މެންބަރުކަން ފަލަސްޠީނަށް ދީފައެވެ. ވޯލްޑް ހެލްތު އެސެމްބްލީގައި ނިންމި މި ތާރީޚީ ނިންމުން ނިމުނީ ރާއްޖެ ހިމެނޭހެން ދިން ވޯޓުންނެވެ. މިއާއެކު މީގެކުރިން ފަލަސްޠީނަށް ނުލިބޭ އެތައް ހައްގުތަކެއް އެޤައުމަށް ލިބިގެންދާނެއެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ 77 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ މެންބަރުކަން ފަލަސްޠީނަށްދީ އެ ޤައުމުގެ ޙައްގުތައް ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގައި ވޯޓުދިން 101 ޤައުމުގެ ތެރޭގައި ރާއްޖެ ވެސް ހިމެނޭ ކަމަށެވެ. މިއީ ފަލަސްތީނަކީ ފުރިހަމަ ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަގުވާމީ ތާއީދު އިތުރުވަމުންދާކަމުގެ ނިޝާނެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވަނީ އެ ނިންމެވުމަށް މަރުޙަބާ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހީން ފަލަސްތީނަށް ލިބެންޖެހޭ ޙައްގުތައް ކަށަވަރުކުރުމަށާއި ބައިނަލްއަގުވާމީ ޖަމްޢޮއްޔާ ޖަމާޢަތްތަކުގައި ފުރިހަމަ މެންބަރުކަން އެ ޤައުމަށް ލިބުމަށް ފުރިހަމައަށް ތާއީދު ކުރާ ކަމަށެވެ. ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ނިންމި ނިންމުމަށް ދިވެހިރާއްޖޭން ތާއީދު ކުރީ އެ ސަބަބާހުރެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ނިންމުމަކީ ހަމަޖެހުން ޤާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

މި ނިންމެވުމަށް މަރުޙަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ، ރާއްޖެއިން އެކަމަށް ކުރި ތާޢީދުން ހާމަވަނީ، ދިވެހިރާއްޖެއިން ފަލަސްޠީނުގެ ޙައްގުތައް ހޯދައިދިނުމަށް ސާބިތުކަމާއެކު ތިބިކަންކަމަށެވެ.


ވޯލްޑް ހެލްތު އެސެމްބްލީގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ހުށަހެޅި މައްސަލަ ދިވެހިރާއްޖޭން ވަނީ ކޯސްޕޮންސަރ ކޮށްފައެވެ. މި ނިންމުމަކީ ފަލަސްތީނުގެ ޙައްގުތަށް ކަށަވަރުކުރުމަށް ދުނިޔޭގެ ބޮޑު ބައެއް ތާޢީދު ކުރާކަމުގެ ނިޝާނެއް ކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރުވެސް ވަނީ ވިދާޅުވެފައެވެ. އަދި މި ނިންމުމާއެކު ފަލަސްތީނަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގައި ސްޓޭޓްމަންޓުތައް ދީ، ޕްރޮޕޯސަލްތަކާއި މައްސަލަތައް ހުށަހެޅުމާއި ކޯ ސްޕޮންސަރ ކުރުމުގެ ޙައްގު ލިބިގެންދާނެ ކަމަށް ވަޒީރު ކުރެއްވި ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.

ފަލަސްތީނަކީ މިނިވަން، މުސްތަގިއްލު ޤައުމެއްގެ ގޮތުގައި ކަނޑައަޅައި، 1967 ވަނަ އަހަރުގެ ކުރިން ބޯޑަރު އޮތްގޮތަށް އިރުމަތީ ޤުދުސަކީ ފަލަސްތީނުގެ ވެރިރަށް ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭން ފުރިހަމައަށް ތާއީދު ކުރާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި އަދި ބައިނަލްއަގުވާމީ ޖަމްޢިއްޔާތަކުގެ މެންބަރަކަށްވުމަށް ކުރަމުންއަންނަ މަސައްކަތްތަކުގައިވެސް ރާއްޖޭން އެ ޤައުމަށް ތާއީދު ކުރާނެ ކަމަށްވެސް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.