ޚަބަރު

މެއި މަހު މަސްތުވާތަކެތީގެ މައްސަލަތައް ދަށަށް


  • ޖުމްލަކޮށް ފުލުހުންނަށް ހުށައެޅި މައްސަލަތައް ދަށަށް

  • މަސްތުވާތަކެތީގެ މައްސަލަތަުގެ ޢަދަދު ވަރަށް ބޮޑަށް ވަނީ ދަށްވެފައި

  • އެންމެ ގިނައީ ވައްކަމުގެ މައްސަލަތައް

މަސްތުވާތަކެތީގެ މައްސަލަތައް މަދުކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން ވަނީ މިދިޔަ މަހު ހުށައެޅި މައްސަލަތަކުގެ ތަފާސް ހިސާބުތައް ޢާންމުކޮށްފައެވެ. އެގޮތުން މެއިމަހު ޖުމްލަ 759 މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވެއެވެ. ޖުމްލަކޮށް ގިނަ މައްސަލަތަކުގެ ޢަދަދު ވަނީ ދަށަށް ގޮސްފައެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިއަހަރުގެ ޖެނުއަރީ މަހު މަސްތުވާތަކެތީގެ 150 މައްސަލަ ހުށަހަޅާފައިވެއެވެ. އަދި ފެބްރުއަރީ މަހު މަސްތުވާތަކެތީގެ 126 މައްސަލައެއް ހުށަހަޅާފައިވާއިރު، މާޗް މަހު ހުށައަޅާފައިވަނީ 129 މައްސަލައެވެ. އަދި އޭޕްރީލް މަހު މަސްތުވާތަކެތީގެ 116 މައްސަލަ ހުށަހެޅި ނަމަވެސް ނިމިދިޔަ މަހު ހުށަހަލާފައި ވަނީ 88 މައްސަލައެވެ. މިއީ ޖުމްލަކޮށް ބޮޑު ދަށްވުމެކެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގެ ޢަދަދު މަދުވެފައިވާއިރު، ފުލުހުން ދަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ޚާއްޞަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެތައް މިލިއަން ރުފިޔާއެއްގެ މަސްތުވާތަކެތި ރާއްޖޭގެ މަގުތަކަށް ދިޔުމުގެ ކުރިން ހުއްޓުވާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެފައިވެއެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން މެއި މަހު ވައްކަމުގެ 244 މައްސަލައެއް ހުށަހަޅާފައިވެއެވެ. ދެން އެންމެ ގިނައީ އެކްސިޑެންޓުގެ މައްސަލަތަކެވެ. އެގޮތުން އެކްސިޑެންޓްގެ 169 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ 45 މައްސަލައާއި، މަކަރާއި ހީލަތުގެ 25 މައްސަލައާއި، ޖިންސީ ގޯނާގެ 13 މައްސަލައާއި، އަނިޔާ ކުރުމުގެ 30 މައްސަލައެއް ފުލުހުންނަށް މިދިޔަ މަހު ހުށައަޅާފައިވެއެވެ. އަދި ގެވެށި އަނިޔާގެ 18 މައްސަލައާއި، ފޭރުމުގެ 36 މައްސަލައާއި، ފޯޖް ކުރުމުގެ 12 މައްސަލައާއި، އެއްޗެހި ގެއްލުމުގެ 78 މައްސަލައެއް މިދިޔަ މެއި މަހު ފުލުހުންނަަށް ހުށަހަޅާފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިދިޔަ އޭޕްރީލް މަހާއި އަޅާބަލާއިރު މެއި މަހު ހުށަހަޅާފައިވާ މައްސަލަތައް ޖުމްލަކޮށް ވަނީ މަދުވެފައެވެ. އޭޕްރީލް މަހު 976 މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވެއެވެ.