ޚަބަރު

ބިދޭސީ މީހާ މަރުވި މައްސަލާގައި ހައްޔަރުކުރި ލޯންޗު ކެޕްޓަނުގެ ބަންދަށް 15 ދުވަސް


  • ލޯންޗް ދުއްވަން އިނީ ދިވެހި ފިރިހެނެއް

  • މި ހާދިސާ ހިނގާފައިވަނީ އިއްޔެ

  • މަރުވީ ބިދޭސީ ފިރިހެނެއް

އދ. ދަނގެތީ ކައިރީގައި ފާނަ މަސްވެރިކަމަށް ގޮސް އުޅުނު މީހާގެ ގައިގައި ލޯންޗުން ޖެހި މަރުވި މައްސަލާގައި ހައްޔަރުކުރި ލޯންޗް ދުއްވި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. އެމީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވަނީ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ޙާޒިރުކުރުމުންނެވެ. މިއީ ދިވެހި ފިރެހެނެކެވެ.

ލޯންޗުންޖެހި މަރުވެފައިވަނީ ބަންގްލަދޭޝް މީހެކެވެ. ދަނގެތީ ކައިރިއަށް އެމީހާ ފާނަ މަސްވެރިކަމަށް ގޮސްއުޅުނީ ދިވެއްސަކާއި އިތުރު 4 ބިދޭސީންނާއެކުކަމަށް މަޢުލުމާތު ލިބިފައިވެއެވެ.

ފުލުހުން ވިދާޅުވީ ދަނގެތި ކައިރިއަށް ފާނަ މަސްވެރިކަމަށް ފައިބާ އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހިފައިވާކަމުގެ މަޢުލޫމާތު ލިބިފައިވަނީ އިއްޔެ ހެނދުނު 07:55 ހާއިރުކަމަށެވެ. އޭނާ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ އިތުރަށް ތަހުގީގްކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ.