ކުޅިވަރު

ރެއާލުން 15 ވަނަ ފަހަރަށް ޔޫރަޕުގެ ޗެމްޕިއަންކަން ހޯދައިފި


ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑް ބަލިކޮށް، ރެއާލް މެޑްރިޑުން 15 ވަނަ ފަހަރަށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލީގައި މިރޭ ކުޅުނު ފައިނަލް މެޗު ރެއާލުން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި އާއެކު ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލުން 15 ވަނަ ފަހަރަށް މި ތަށި އުފުލާލިއިރު، މިއީ މެޗަކުން ބަލިނުވެ އެ ޓީމުން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

މިރޭ ކުޅުނު މެޗުގެ ކުރީކޮޅު ޑޯޓްމުންޑަށް ވަނީ ލަނޑެއް ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އެ ޓީމުގެ ކަރީމް އަޑެޔޭމީއަށް ލިބުނު ހުސް ފުރުސަތު ބޭނުންނުކުރެވި ދިޔައިރު، ނިކްލަސް ފުލްކްރޫގް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ރެއާލުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި އެ ޓީމަށް ޑޯޓްމުންޑުގެ ގޯލާ އަމާޒުކޮށް ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

މި މެޗުގެ ދެވަނަ ހާފުގައި ރެއާލުން ކުޅުން ރަނގަޅުކުރިއިރު، އެ ޓީމުން ލީޑު ނަގާފައިވަނީ މެޗުގެ 74 ވަނަ މިނެޓުގައެވެ. ޓޯނީ ކްރޫސް ނަގައިދިން ކޯނަރަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ޑެނީ ކާވަހާލްއެވެ. އަދި މެޗުގެ 83 ވަނަ މިނެޓުގައި ރެއާލުން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. ޑޯޓްމުންޑްގެ އިއަން މާޓްސަން ހެދި ގޯހެއްގެ ފައިދާ ނަގައި، ޖޫޑް ބެލިންހަމް ދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ވިނީޝިއުސް ޖޫނިއާއެވެ. އޭގެ ފަހުން މި މެޗުގެ ފަހުކޮޅު ޑޯޓްމުންޑުގެ ފުލްކްރޫގް ބޮލުން ޖެހި ލަނޑެއް ވަނީ އޮފްސައިޑް ކަމަށް ދައްކާފައެވެ.

މި މޮޅާއެކު ރެއާލުން ޗެމްޕިއަންކަން ހޯދިއިރު، އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ އަކީ މި ތަށި އެންމެ ގިނަ ފަހަރު ހޯދި ކޯޗެވެ. އެގޮތުން މިއީ ކޯޗެއްގެ ގޮތުގައި އޭނާ ޗެމްޕިއަންސް ލީގުގެ ތަށި ކާމިޔާބުކުރި ފަސްވަނަ ފަހަރެވެ. އަދި މީގެ ކުރިން ކުޅުންތެރިއެއްގެ ގޮތުގައި ވަނީ ދެ ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިރޭގެ މެޗާއެކު ރެއާލުގެ ލެޖެންޑް ކްރޫސް، އޭނާގެ ކުލަބު ފުޓްބޯޅަ ކެރިއަރު ނިންމާލާފައިވަނީ ހަ ޗެމްޕިއަންސް ލީގާއެކުއެވެ. އެއީ ރެއާލާއެކު ފަސް ފަހަރު އަދި ބަޔާން މިއުނިކާއެކު އެއް ފަހަރު މި މުބާރާތް ކާމިޔާބުކޮށްގެންނެވެ.