ޚަބަރު

ކުޑަކުދިންގެ ބްރޯޑްކާސްޓްކުރުމުގެ ދުވަސް


މިއަދަކީ، ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން ފާހަގަކުރާ ކުޑަކުދިންގެ ބްރޯޑްކާސްޓްކުރުމުގެ ދުވަހެވެ. ކުޑަކުދިންގެ ބްރޯޑްކާސްޓްކުރުމުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ މެއިމަހު 10 ވަނަ ދުވަސް ފާހަގަކުރުމަށް ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފައެވެ. މިއީ މިނިންމުމުގެ ދަށުން މި ދުވަސް ޚާއްޞަ ގޮތެއްގައި ފާހަގަކުރާ ފުރަތަމަ ފަހަރެވެ.

ކުޑަކުދިންގެ ބްރޯޑްކާސްޓްކުރުމުގެ ދުވަސް ފާހަގަކުރަނީ، ރާއްޖެއާއި ދުނިޔޭގައި މީޑިއާގެ ދައުރު ފުޅާވެ، ކުރިއަރާއިރު އޭގެ ރަނގަޅު އަސަރުތަކަށް ކުޑަކުދިން އަހުލުވެރިކުރުމަށެވެ. އަދި ބްރޯޑްކާސްޓްކުރުމުގެ ވެއްޓަކީ ކުޑަކުދިންނާ ރައްޓެހި ވެއްޓަކަށް ހެދުމަށެވެ. އަދި ބްރޯޑްކާސްޓްކުރުމަކީ ރާއްޖޭގައި ފުޅާވަމުން، ތަރައްޤީވަމުން އަންނަ ކަމަކަށްވުމުން، ރާއްޖޭގެ ކުރިޔަށް އޮތް ޖީލުތަކުގައި ބްރޯޑްކާސްޓްކުރުމުގެ މަސައްކަތްތަކަށް ފަރިތަ އަދި އެކަން ރަނގަޅު ގޮތުގައި ދެމެހެއްޓުމުގެ ވިސްނުން ހުރި ބަޔަކު ތިބުމަށް މަގުފަހިކުރުމަކީވެސް، މި ދުވަސް ޕީއެސްއެމުން ފާހަގަކުރުމުގެ މުހިންމު ބޭނުމެކެވެ.

ދިވެހިރާއްޖޭގައި ކުރިންވެސް ކުޑަކުދިންގެ ބްރޯޑްކާސްޓްކުރުމުގެ ދުވަސް ފާހަގަކޮށްފައިވެއެވެ. މި ދުވަސް އޭރު ފާހަގަކުރީ އދ. ގެ ކުޑަކުދިންނާބެހޭ ޖަމްޢިއްޔާއިން ނިންމި ނިންމުމަކާ ގުޅިގެނެވެ. އޭރު، މިދުވަސް ފާހަގަކުރަން ފެށީ ނަވާރަސަތޭކަ ނުވަދިހަ ދޭއްގައެވެ. އެ ދުވަސްވަރު، ރާއްޖެވެސް ހިމެނޭގޮތުން ސަތޭކަ ބާރަ ޤައުމަކުން އެއްހާހަށްވުރެ ގިނަ ޓީވީ އަދި ރޭޑިއޯ ސްޓޭޝަނުން މި ދުވަސް ފާހަގަކޮށްފައިވެއެވެ.

އޭރު މި ދުވަސް ފާހަގަކުރުމަށް އދ. އިން ކަނޑައެޅީ، ބްރޯޑްކާސްޓަރުންނަކީ ކުޑަކުދިންގެ ޙާލަތު ރަނގަޅުކޮށް، ތަޢުލީމާއި އެކުދިންގެ މުނިއުފަލަށް މުހިންމު މަސައްކަތްތަކެއް ކުރެވޭނެ ފަރާތްތަކެއް ކަމަށް އެޖަމްޢިއްޔާ ޤަބޫލުކުރާތީއެވެ. އަދި ކުޑަކުދިންގެ ބޭނުންތައް ބޮޑެތި މީހުންނަށް މީޑިއާ މެދުވެރިކޮށް ބުނުމުގެ ފުރުޞަތު ކުޑަކުދިންނަށް ލިބިދިނުމަށްޓަކައެވެ. އޭރު މިދުވަސް ފާހަގަކުރީ ކޮންމެ އަހަރެއްގެ ޑިސެމްބަރ މަހުގެ 21 ވަނަ ދުވަހުއެވެ.

ނަވާރަސަތޭކަ ނުވަދިހަ ދެއަކުން ފެށިގެން އެތައް އަހަރެއްވަންދެން ޓީވީ މޯލްޑިވްސްއާއި ދިވެހިރާޖޭގެ އަޑުން ބައިނަލްއަޤުވާމީ ކުޑަކުދިންގެ ބްރޯޑްކާސްޓްކުރުމުގެ ދުވަސް ފާހަގަކުރިއެވެ. އެހެންނަމަވެސް މިކަން މެދުކެނޑިފައި އޮތުމަށްފަހު ޕަބްލިކް ސަރވިސް މިޑިއާއިން މިވަނީ މި ދުވަސް ފާހަގަކުރަން ފަށާފައެވެ.

މިކަން ފާހަގަކުރަން ޕީއެސްއެމުން މި ފެށީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މި ގޮތަށް ކަނޑައެޅުމުންނެވެ. އަދި މި ދުވަސް ކޮންމެ އަހަރެއްގެ މެއިމަހުގެ 10 ވަނަ ދުވަހު ހެނދުނު ހަޔަކުން ހަވީރު ހަޔަކަށް ފާހަގަކުރުމަށް ވަނީ ނިންމާފައެވެ. މި ދުވަހު ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސްގެ ޚަބަރާއި ޕްރޮގްރާމްތައް މައިގަނޑު ގޮތެއްގައި ބިނާކުރެވޭނީ ކުޑަކުދިންނާ ގުޅުންހުރި ވާހަކަތަކުގެ މައްޗަށެވެ. އަދި ކުޑަކުދިންގެ ޝޫޢޫރުގެ މައްޗަށް. މިއަދު ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމްއިން ދުވާލުގަޑިތަކުގެ ޚަބަރު ގެނެސްދިނުމުގައި މުހިންމު ދައުރެއް އަދާކުރަނީވެސް ކުޑަކުދިންނެވެ. އަދި ޚަބަރާއި ރިޕޯޓްތައް ތައްޔާރުކުރުމުގައިވެސް ކުޑަކުދިންގެ މުހިންމު ދައުރެއް ފެނިގެން އަދި އިވިގެން އެބަދެއެވެ. 

ކުޑަކުދިންގެ ބްރޯޑްކާސްޓްކުރުމުގެ ދުވަސް ފާހަގަކުރުމުގައި ސްކޫލްކުދިންނާއި ބެލިވެރިންގެ އެހީތެރިކަމާއެކު ފަންސާހެއްހާ ދަރިވަރުން ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމްގައި މިއަދަށްޓަކައި ވަނީ މަސައްކަތްކޮށްފައެވެ. މިކަމަށްޓަކައި ދަރުވަރުންނަށް ޕީއެސްއެމްއިން އެއްދުވަހުގެ ތަމްރީން ޕްރޮގްރާމެއްވެސް ވަނީ ހިންގާފައެވެ.