ސައުދީ ކިންގްސް ކަޕުގެ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން އަލް ނަސްރު ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން އަލް ހިލާލުން ހޯދައިފިއެވެ.
ކިންގް އަބްުދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމުގައި ރޭ ކުޅުނު މި މެޗު އަލް ހިލާލުން ކާމިޔާބުކޮށްފައިވަނީ ޕެނަލްޓީ ޖަހައިގެން 5-4 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ހަތްވަނަ މިނެޓުގައި އަލް ހިލާލްގެ އަލެކްސަންޑަރ މިޓްރޮވިޗް ބޮލުން ލަނޑެއް ޖަހައި، އެ ޓީމަށް ލީޑު ނަގައިިދިނެވެ. އަދި ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު އަލް ނަސްރުގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ އޯވަހެޑް ކިކަކުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
އޭގެ ފަހުން މި މެޗުގެ 56 ވަނަ މިނެޓުގައި އަލް ނަސްރުގެ ގޯލްކީޕަރު ޑޭވިޑް އޮސްޕީނާއަށް ވަނީ ރަތް ކާޑެއް ދައްކާފައެވެ. އެއާއެކު އަލް ނަސްރުން ބާކީ އޮތްބައި ކުޅުނީ އެ ޓީމުގެ އެންމެ މުހިންމު ކީޕަރު ނެތިއެވެ. އަދި މެޗުގެ 87 ވަނަ މިނެޓުގައި އަލް ހިލާލްގެ އަލީ އަލްބުލާހީ، ބޯޅަ ނެތީސް ކުޅުންތެރިއަކަށް ހަމަލާ ދިނުމުން ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ.
އަލް ހިލާލްގެ ކުޅުންތެރިއަކު މަދުވިތާ މާ ގިނައިރުތަކެއް ނުވެ، އައިމަން ޔަހުޔާ ބޮލުން ޖެހި ލަނޑުން، އަލް ނަސްރުން ވަނީ ނަތީޖާ ހަމަަހަމަކޮށްގައެވެ. އަދި އަލް ހިލާލުން މި މެޗުގެ 90 މިނެޓުގެ ކުޅުން ނިންމާލަން ޖެހުނީ ދެ ކުޅުންތެރިއަކު މަދުކޮށެެވެ. އެއީ އެ ޓީމުގެ ޑިފެންޑަރު ކަލީދޫ ކުލިބާލީއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ.
އިތުރު ވަގުތުގެ ތެރޭގައިވެސް ނަތީޖާ ނުނެރެވުމުން ޖެހި ޕެނަލްޓީތަކުގައި އަލް ނަސްރުގެ ހަތް ޕެނަލްޓީގެ ތެރެއިން ތިން ޕެނަަލްްޓީ ވަނީ ނާކާމިޔާބުވެފައެވެ. ހިލާލުން ވަނީ ހަތް ޕެނަލްޓީގެ ތެރެއިން ފަސް ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.
މިއީ އަލް ހިލާލުން މި މުބާރާތް ކާމިޔާބުކުރި 11 ވަނަ ފަހަރެެވެ. މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކުރީ 13 ފަަހަރު ތަށި އުފުލާލި އަލް އަހްލީއެވެ.