ކުޅިވަރު

ޔޫރޯ 2024: ނެދަލަންޑްސްގެ ސްކޮޑުގައި ޑިޕާއި އާއި ޑި ޔޮން ހިމަނައިފި


އަންނަ ޖޫން މަހު ޖަރުމަނުގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ނެދަލަންޑްސްގެ ސްކޮޑުގައި ތަޖުރިބާކާރު ފޯވާޑް މެމްފިސް ޑިޕާއި އާއި މިޑްފީލްޑަރު ފްރެންކީ ޑި ޔޮން ހިމަނައިފިއެވެ.

ނެދަލަންޑްސްގެ 26 ކުޅުންތެރިންގެ ސްކޮޑުގައި ޑިޕާއި އާއި ޑި ޔޮން ހިމެނިއިރު، މި ދެ ކުޅުންތެރިންވެސް ތިބީ އަނިޔާގައި ކުޅުމާ ދުރުގައެވެ. އެކަމަކު މި ދެ ކުޅުންތެރިން އެއްކޮށް ފިޓްވެ، މުބާރާތުގެ މެޗުތަކުގައި ކުޅެވޭނެކަމުގެ އުއްމީދު ބޮޑު ކަމަށް ނެދަލަންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން ވަނީ ބުނެފައެވެ.

ނެދަލެންޑްސްގެ ޓީމަށް އަނިޔާގެ މައްސަލަ ބޮޑުވެފައިވާއިރު، ޖަރުމަނުގެ ބޮރޫޝިއާ ޑޯޓުމުންޑުގެ ޑިފެންޑަރު ލަން މާޓްސަން އާއި ގޯލްކީޕަރު ނިކް އޮލިޖަށްވެސް ވަނީ ފުރުސަތު ގެއްލިފައެވެ.

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނެދަލަންޑްސް ހިމެނެނީ ގްރޫޕް ޑީގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ފްރާންސް އާއި، ޕޮލަންޑްގެ އިތުރުން އޮސްޓްރިއާއެވެ.