މިފަހަރުގެ ޙައްޖު މޫސުމާ ގުޅޭ މަޢުލޫމާތު ގެނެސްދިނުމަށް ޕީއެސްއެމް ނިއުސްއިންވަނީ ތައްޔާރުވެފައެވެ.
މިފަހަރުގެ ޙައްޖާއި ގުޅޭ މަޢުލޫމާތު މައްކާގެ މާތް ބިމުން ބެލުންތެރިންނާ ހަމައަށް ގެނެސްދޭނީ ނިއުސް ޓީމުން ޖަރނަލިސްޓް ވަފީޤާ ޙާމިދުއެވެ. ރާއްޖެއިން ޙައްޖަށް ދާ ފުރަތަމަ ގްރޫޕާއެކު ވަފީޤާ މިހާރު ވަނީ ސަޢުދީ ޢަރަބިއްޔާއަށް ފުރާފައެވެ.
ޙައްޖުގެ ކަންކަމާ ގުޅޭ މަޢުލޫމާތު އެންމެ ސައްޙަކަމާއެކު ގެނެސްދީ، އެމަންޒަރުތަކާ ޚަބަރުތައް ގެނެސްދިނުމުގެ ފުރުޞަތަކީ ޕީއެސްއެމާއި ޙައްޖު ކޯޕަރޭޝަން ގުޅިގެން ފަހިކޮށްފައިވާ ފުރުޞަތެކެވެ.
އެގޮތުން ޙައްޖު މޫސުމުގެ ޚަބަރާއި ޕްރޮގްރާމްތަކާއި އަދި މަޢުލޫމާތު ވަފީޤާ ގެނެސްދޭނެއެވެ. އޭގެތެރޭގައި ޙައްޖުގެ މާތްކަމާއި މަތިވެރިކަމާއި، ޙައްޖުގެ އަޅުކަން އަދާކުރާނެ ގޮތާއި ގުޅޭ މަޢުލޫމާތު ތަފްސީލީގޮތެއްގައި ދީނީ ނަޒަރަކުން ގެނެސްދޭނެއެވެ. އަދި މީގެއިތުރުން ދިވެހި ޙައްޖާޖީންގެ ވާހަކަތަކާއި، ޙައްޖު ކޯޕަރޭޝަންގެ އިންތިޒާމްތަކާ ގުޅޭ މަޢުލޫމާތުވެސް ޙައްޖު ކަވަރޭޖްގައި ވަފީގާ ގެނެސްދޭނެއެވެ. އަދި މައްކާ، މަދީނާއާއި ގުޅޭ ތާރީޚީ ވާހަކަތައްވެސް ޙިއްސާކުރާނެއެވެ.
މީގެއިތުރުން ޙައްޖު ދުވަހުގެ ޚާއްސަ ކަވަރޭޖް ޕީއެސްއެމުން ގެނެސްދޭނެއެވެ. މިކަވަރޭޖުގައި ޙައްޖު ޚުތުބާގެ ދިވެހި ތަރުޖަމާ، އަރަފާތް ބިމުން ވަގުތުން ގެނެސްދިނުމަށް ދަނީ މަސައްކަތްކުރަމުންނެވެ.
ޙައްޖަށް މީހުން ފުރުމުގެ ކުރިން އެފަރާތްތަކަށް ބޭނުންވާ މަޢުލޫމާތުވެސް ޕީއެސްއެމްގެ މި ކަވަރޭޖްގެ ތެރެއިން ވަނީ ގެނެސްދޭން ފަށާފައެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ޙައްޖު ދުވަސް ދިމާވަނީ ޖޫން މަހުގެ 16 ވާ އާދީއްތަ ދުވަހާއެވެ. މިފަހަރު ރާއްޖޭގެ ހަވާލުގައި ދާ ހުރިހާ ޙައްޖާޖީންވެސް ޙައްޖައް ގެންދަނީ ޙައްޖު ކޯޕަރޭޝަން މެދުވެރިކޮށެވެ. ޖުމްލަ 1000 ކޯޓާ ރާއްޖެއަށް ލިބިފައިވެއެވެ.