ޚަބަރު

ފުރަތަމަ ސަޢުދީއަށްދާ 296 ޙައްޖާޖީން ފުރައިފި


  • ރާއްޖެއަށް ލިބިފައިވަނީ 1000 ޙައްޖު ކޯޓާ

  • 50 ކޯޓާ ކަނޑައަޅާފައިވަނީ ފަގީރުންނަށް

  • ޙައްޖަށް މީހުން ފޮނުވުމަށް އިތުރު 3 ފްލައިޓް ބާއްވާނެ

ރާއްޖެއިން މިއަހަރު ޙައްޖަށްދާ 1000 ހައްޖާޖީންގެތެރެއިން ފުރަތަމަ ސަޢުދީއަށްދާ 296 ޙައްޖާޖީން ފުރައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފް ވަނީ މިއަހަރު ރާއްޖެއިން ޙައްޖަށް ފުރި ޙައްޖާޖީންނާ އެއަރޕޯޓުން ބައްދަލުކުރައްވާފައެވެ. އެގޮތުން ޙައްޖުގެ އިންތިޒާމްތަކާއި، ޙާލަތު އެމަނިކުފާނު ބައްލަވާލެއްވިއެވެ.

ސަރުކާރުން ނިންމެވިގޮތަށް މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމުގެ ހުރިހާ ކަމެއް ކުރިއަށްގެންދަވަނީ ޙައްޖު ކޯޕަރޭޝަނުންނެވެ. ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ މިއަހަރު މީހުން ޙައްޖަށް ގެންދިއުމަށް އިތުރު 3 ފްލައިޓް އަދި ބާއްވާނެކަމަށެވެ. އޭގެ ތެރެއިން އެއް ފްލައިޓް އޮންނާނީ ޖޫން 3 ގައި އަދި އަނެއް ފްލައިޓް އޮންނާނީ ޖޫން މަހުގެ 7 ވަނަ ދުވަހުއެވެ. ޙައްޖުވެރިންގެ ފަހު ފްލައިޓް ފުރާނީ ޖޫން މަހުގެ 10ވަނަ ދުވަހުއެވެ.

މިފަހަރު ރާއްޖެއިން ޙައްޖު ކޯޓާ ދިން 1000 މީހުންގެ ތެރޭގައި، ފަގީރުންގެ ދަފްތަރުގައި ހިމެނޭ 50 މީހުން ހިމެނެއެވެ. މިފަރާތްތަކަށް ޙައްޖުވުމުގެ ފުރުޞަތު ސަރުކާރުގެ އެހީގައި ވަނީ ހަމަޖައްސަވާދެއްވާފައެވެ. މިއީ ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އެފަދަ އާއިލާތަކަށް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމެވުމެކެވެ.

ޙައްޖުގެ އިންތިޒާމްތަކާ ގުޅޭގޮތުން ޕީއެސްއެމަށް މަޢުލޫމާތު ދެއްވަމުން ޙައްޖު ކޯޕަރޭޝަންގެ ހެޑް އޮފް އޮޕަރޭޝަންސް އައިޝަތު ޤާހިރް ވިދާޅުވީ، ރާއްޖެއާއި ސަޢުދީގެ އިންތިޒާމްތައްވެސް އެންމެ ފުރިހަމައަށް ހަމަޖައްސާފައިވާކަމަށެވެ. އެގޮތުން ރާއްޖެއިން ފުރުމާއި، ސަޢުދީ އެއަރޕޯޓުން ފެށިގެން ދެން ކުރަންޖެހޭ ދަތުރުތަކާއި އަދި ތިބުމާ ކެއުމުގެ ހުރިހާ އިންތިޒާމްތައްވެސް ހަމަޖައްސާފައިވާކަމަށެވެ.

މިކަމުގައި އެހީތެރިކަން ދިނުމުގައި ސަޢުދީގައި މިހާރުވެސް ޙައްޖު ކޯޕަރޭޝަނާ އިސްލާމިކް މިނިސްޓްރީގެ ޓީމްތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ޙައްޖާޖީންނަށް އެހީތެރިކަން ދިނުމަށް ހެލްޕް ޑެސްކާ ހޮޓްލައިނެއްވެސް ވަނީ ޤާއިމުކޮށްފައެވެ. މިފަހަރުގެ ޙައްޖުގައި ޓްރެކިން ޑިވައިސްވެސް ބޭނުންކުރާނެއެވެ. މިއީ ވަކިވަކި ޙައްޖާޖީން ތިބި ތަންތަން ވަގުތުން ބަލާލެވެނޭ ޑިވައިސްއެކެވެ.

"ކޮންމެ ޙައްޖާޖީއަކަށް ބޯޑިންއާއެކު ޓްރެކިން ޑިވައިސްގެ ގޮތުގައި، އެމީހެއްގެ ކާޑުގައި އަޅުވަން ޓެގެއް ދޭނެ. އޭގެން ވަގުތުން ބަލާލެވޭނެ އެމީހަކު ހުރި ތަނެއް." ޙައްޖު ކޯޕަރޭޝަންގެ ހެޑް އޮފް އޮޕަރޭޝަންސް އައިޝަތު ޤާހިރް ވިދާޅުވިއެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ޙައްޖު ދުވަސް ދިމާވަނީ ޖޫން މަހުގެ 16 ވާ އާދީއްތަ ދުވަހާއެވެ.

ޙައްޖުވެރިންގެ ފުރުމުގެ އިންތިޒާމްތައް ލުއިފަސޭހަކުރުމަށް، ޙައްޖައްދާ ފަރާތްތަކާ އެމީހުންގެ އާއިލާތައް ދަތުރުކުރުމަށް ސަރުކާރުން ވަނީ ބަސް ދަތުރުތައް ބާއްވައިދީފައެވެ. އެގޮތުން މާލެއާއި ހުޅުމާލެ ހިމެނޭގޮތަށް 5 ރޫޓަކުން، 35 ސްޓޮޕަކަށް ބަހުގެ ޚިދުމަތް ދީފައިވެއެވެ.