ޚަބަރު

ލ.ގަމުގެ ނަރުދަމާ ނިޒާމް ރައީސް އިފްތިތާޙްކޮށްދެއްވައިފި


ރާއްޖޭގެ އެންމެ ބޮޑު ރަށްކަމުގައިވާ ހައްދުންމަތީ ގަމު ނަރުދަމާ ނިޒާމުގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ އަބްދުލްޤައްޔޫމް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފިއެވެ. މިއީ ފްރާންސް ސަރުކާރުގެ ލޯނު އެހީއާއި ސަރުކާރުގެ ބަޖެޓުން ޚަރަދުކުރައްވައިގެން ނިންމަވާފައިވާ މަޝްރޫއެކެވެ.

ހައްދުންމަތީ ގަމުގައި އިފްތިތާޙް ކުރެވުނު ނަރުދަމާ ނިޒާމަކީ، ފްރާންސް ސަރުކާރުގެ ލޯނު އެހީއާއި ސަރުކާރުން ޖުމްލަ 88 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވައިގެން ނިންމެވި މަޝްރޫޢެކެވެ. އެމް.ޑަބްލިއު އެސް.ސީއާއި ހަވާލުކުރައްވައިގެން ކުރިއަށްގެންދެވި މިމަޝްރޫއުގެ ދަށުން 23 ކިލޯމީޓަރުގެ ނަރުދަމާގެ ނިޒާމެއް ގަމުގައިވަނީ ޤާއިމްކޮށްފައެވެ. ގަމުގެ ކޮންމެ ގެއެއްވެސް ވަނީ މި ނަރުދަމާގެ ނިޒާމާއި ގުޅާލެވިފައެވެ. މިރަށުގެ ނަރުދަމާ ނިޒާމު ބެލެހެއްޓުމުގެ މަސައްކަތް ކުރާނީ ފެނަކަ ކޯޕަރޭޝަނުންނެވެ.

ގަމު ނަރުދަމާ ނިޒާމު އިފްތިތާހްކޮށްދެއްވުމަށް ހަމަދު ބިން ޚަލީފާ އަލްސާނީ ސްކޫލުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވީ، ހައްދުމަތީ ގަން ފަދަ ބޮޑެތި ރަށްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރެއްވުމަކީ ވަރަށް މުހިންމުކަމެއްކަމަށާއި، ހުއްޓިފައިވާ ބޮޑެތި ބައެއް މަޝްރޫއުތައް ކުރިއަށް ނުގެންދެވި ހުރީ މީގެ ކުރީގެ ސަރުކާރުން ގޯސްގޮތަކަށް އެފަދަ މަޝްރޫޢުތައް ހިންގެވުމަށް ނިންމަވާފައިވާތީކަމަށެވެ. 

ރައީސް ވިދާޅުވީ، ބިންބޮޑު އާބާދީބޮޑު ގަމަށް ބޭނުންވާ ތަރައްގީގެ ކަންކަން ސަރުކާރުން ކޮށްދެއްވާނެކަމަށާއި އެގޮތުން ގަމުގެ ފެނުގެ ނިޒާމްގެ މަސައްކަތް ވަރަށް އަވަސް މުސްތަގުބަލެއްގެ ތެރޭގައި ހަމަޖެހިގެންދާނެކަމަށެވެ. ހައްދުންމައްޗަކީ ބިން ބޮޑު ތަރައްގީ ކުރެވެން އޮތްތަނެއްގެ ގޮތުގައި ސަރުކާރުން ބަލައިގަންނަކަމަށް ރައީސް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިގް އިބްރާހީމް ވިދާޅުވީ، ގަމުގެ ނަރުދަމާގެ ނިޒާމަކީ އެންމެ ޒަމާނީ ފެންވަރުގެ ވަސީލަތްތައް ބޭނުންކުރައްވައިގެން ނިންމަވާފައިވާ ޒަމާނީ މަޝްރޫޢެއްކަމަށާއި، މިމަޝްރޫޢުގެ ދަށުން ގަމުގެ ހުރިހާ ގެއަކަށް ނަރުދަމާގެ ޚިދުމަތް ލިބިގެންދާނެކަމަށެވެ. މިދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި 10 ރަށުގެ ނަރުދަމާގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރެވިފައިކަން މިނިސްޓަރ ޠާރިޤް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މިހާރު ހެދިފައިވާ އެންމެ ބޮޑު ދިގު މަގުކަމުގައިވާ ހައްދުންމަތީ ބޮޑުމަގުގެ މަޝްރޫޢު މިހާރު ނިމުމަކާއި ގާތްވެފައިވާއިރު، ބަނދަރު ބޮޑުކުރުމާއި، ކުޅިވަރު ދަނޑުތަކާއި، ސްކޫލު މަރާމާތާއި، ގަމު ރީޖަނަލް ހޮސްޕިޓަލުގެ މެޝިނަރީތައް އާކުރެއްވުމުގެ މަސައްކަތްވެސް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.