ޚަބަރު

ޢާއިލާތަކަށް ޒިޔާރަތްކޮށް ހާލަތު ދެނެގަތުމަށް "ހާލު ކިހިނެތް؟" ޕްރޮގްރާމް ފަށައިފި


  • ޕްރޮގްރާމް މާލޭގައި ފެށީ ހިޔާ ސަރަޙައްދުން

  • މުޅި ރާއްޖޭގައި ޕްރޮގްރާމް ކުރިއަށް ގެންދާނެ

  • 1 އަހަރު ތެރޭ ހުރިހާ ޢާއިލާތަކަށް ޒިޔާރަތްކުރާނެ

އޯގާތެރި މުޖުތަމަޢުއެއް ބިނާކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެދަށުން ރައްޔިތުންގެ ޙާލަތު ދެނެގަނެ، ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން "ހާލު ކިހެނެއް؟" ގެ ނަމުގައި ޕްރޮގްރާމެއް ފަށްޓަވައިފިއެވެ.

މުޅި ރާއްޖޭގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި ޕްރޮގްރާމް ފެށީ، ހިޔާ ފްލެޓް ސަރަޙައްދުންނެވެ.

"ހާލު ކިހިނެތް" ޕްރޮގްރާމްގެ މަޢުލޫމާތު ޙިއްސާކުރައްވަމުން އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ.އައިޝަތު ޝިހާމް ވިދާޅުވީ ދަޢުލަތުގެ އަޅާލުމާ އޯގާތެރިކަން އެކި ގޮތްގޮތުން ބޭނުންވާ މީހުން މުޖުތަމަޢުގައި އެބަތިބިކަމަށެވެ. މި ޕްރޮގްރާމްގެ މަޤުޞަދަކަށްވަނީ ރައްޔިތުންގެ ގާތަށް ގޮސް، ހާލު ބަލާ، މުޖުތަމަޢުގައި ނާޒުކު ފައްތަރެއްގައި ތިބި އާއިލާތަކާ މީހުން ދެނެގަނެ، ދަޢުލަތުން އެމީހުންނަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުންކަމަށެވެ.

މިއީ އަމާން އޯގާތެރި މުޖުތަމަޢުއެއް ބިނާކުރުމަށް ވަރަށް މުހިންމު ޕްރޮގްރާމެއްކަމަށާއި މި ޕްރޮގްރާމްގެ ތެރެއިން ރާއްޖޭގައި ދިރިއުޅޭ ކޮންމެ ޢާއިލާއަކަށް ޒިޔާރަތްކޮށް ހާލު ބަލާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ބޭނުންވަނީ ސަރުކާރާ މުޖުތަމަޢުއާ ގުޅުން ބަދަހިކުރުން. ބޭނުންވަނީ މުޖުތަމަޢުގެ މައްސަލަތައް ބޮޑު ނުވަނީސް، ބޮޑު ގެއްލުމެއް ކުރިމަތި ނުވަނީސް އެކަންކަން ދެނެގަނެ އެކަންކަން ޙައްލުކުރަން މަސައްކަތް ކުރުން. މުޖުތަމައުއަށް ހެޔޮ ބަދަލެއް ގެނައުން ބޭނުމަކީ." އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.އައިޝަތު ޝިހާމް ވިދާޅުވިއެވެ.

ވަޒީރު ވަނީ މި ޕްރޮގްރާމް ކުރިއަށްގެންދިއުމުގައި، ބޭނުންވާ މަޢުލޫމާތު އެއްކުރަން މުޖުތަމަޢުގެ ފުރިހަމަ އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ. އަދި ޢާއިލާތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު އެއްކުރުމަށް ސަރުކާރާއެކު ޖަމުޢިއްޔާ ޖަމާޢަތްތަކުންވެސް ބައިވެރިވުމަށް އެދިވަޑައިގަތެވެ.

މި ހޯދާ މަޢުލޫމާތުތަކަށް ބިނާކޮށް، ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް އެކިއެކި ޕްރޮގްރާމްތައްވެސް ކުރިއަށްގެންދެވުމަށް ވަނީ ނިންމަވާފައެވެ. އަދި މުޖުތަމަޢުގައި ތިބި އެހީތެރިކަން ބޭނުންވާ މީހުންނަށް އެހިތެރިކަން ފޯރުކޮށްދޭ ނިޒާމުތައްވެސް ހަރުދަނާކުރާނެއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި، ރައްޔިތުންނަށް ޚިދުމަތްދޭ މުއައްސަސާތަކާއި، ކަމާގުޅުންހުރި އިދާރާތަކާއި އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ބައިވެރިވެއެވެ.

ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އަމާޒަކީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް، ދައުލަތުގެ ޚާއްސަ ސަމާލުކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ތާވަލުކުރެވިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ރާވާފައިވީ ނަމަވެސް، ޚާއްސަ ސަމާލުކަން ބޭނުންވާ ފަރާތްތަކުން އަވަސް އެހީތެރިކަން ހޯދުމަށް ވުޒާރާގެ ކޯލް ސެންޓަރުގެ ނަންބަރު 1433 އާއި ގުޅާ، މަޢުލޫމާތު ހިއްސާކުރެވޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި ޚާއްސަ އިސްކަމެއް ދީގެން އެ ގެތަކަށް ޒިޔާރަތްކޮށް އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވުޒާރާގެ ޓީމްތަކުން ކުރާނެކަމަށް އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އެކަކު އަނެކެއްގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ރީތި ސިފަތައް ދިވެހި މުޖުތަމަޢުގައި އަށަގެންނެވުމާއެކު، ސަރުކާރާއި ރައްޔިތުންނާއި ދެމެދު ގުޅުން ބަދަހިކޮށް އިތުބާރު އުފެއްދުމަކީ މި ޕްރޮގްރާމުން ހާސިލްކުރަން ބޭނުންވާ މުހިންމު ކަންކަމެވެ. މިފަދަ މުހިންމު ޕްރޮގްރާމެއް ކުރިއަށްގެންދިއުމުގައި، މުޖުތަމަޢުގެ އެހީތެރިކަމާ ފުރިހަމަ އެއްބާރުލުން ދިނުމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން އެދެއެވެ.