ޚަބަރު

ޢަރަފާތު ދުވަހުގެ ޚުތުބާ ދެއްވާނީ ޝޭޚް މާހިރު


ޢަރަފާތު ދުވަހުގެ ޚުތުބާ ދެއްވާނީ ޝޭޚް މާހިރު ބިން ޙަމަދު ކަމުގައި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ނިންމައިފިއެވެ.

މާތްވެގެންވާ މަސްޖިދުލް ޙަރަމްގެ އިމާމުގެ މަޤާމަށް ޢުމުރުން 55 އަހަރުގެ ޝޭޚް މާހިރު ޢައްޔަންކުރެއްވީ 2007ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ކުރިން އޭނާ ވަނީ މަސްޖިދުލް ނަބަވީގެ އިމާމުކަން ވެސް ކުރައްވައިފައެވެ. އޭނާ ތަޢުލީމް ޙާޞިލްކުރެއްވީ މައްކާގެ އުއްމުލް ޤުރާ ޔުނިވަރސިޓީންނާއި ރިޔާޞްގެ ކިންގް ސަޢުދު ޔުނިވަރސިޓީންނެވެ.

ޢަރަފާތު ދުވަހަކީ ޙައްޖުގެ އަޅުކަމުގެ އެންމެ މުޙިއްމު ދުވަހެވެ. ޢަރަފާތު ދުވަހުގެ ޚުތުބާ ދެނީ މަސްޖިދުލް ނަމިރާގައެވެ. އެ މިސްކިތް ބިނާކޮށްފައި ވަނީ ކީރިތި ރަސޫލާ މުޙައްމަދު ﷺ ޢަރަފާތު ދުވަހުގެ ޚުތުބާ ދެއްވި މަޤާމުގައެވެ. މަސްޖިދުލް ނަމިރާއަކީ މައްކާގެ ދެވަނައަށް އެންމެ ބޮޑު މިސްކިތެވެ.

މި އަހަރުގެ ޙައްޖު މޫސުން ފެށުމަށް ހަމަޖެހިފައި ވަނީ ޖޫން 14ވަނަ ދުވަހުއެވެ. އަދި ޢަރަފާތު ދުވަހަކީ ޖޫން 16ވަނަ ދުވަހެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މި އަހަރު ދެ މިލިއަން މުސްލިމުން ޙައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ސަޢުދީ ޢަރަބިއްޔާއަށް ދާނެއެވެ.