ކުޅިވަރު

ބަޔާންގެ އައު ކޯޗަކަށް ވިންސެންޓް ކޮމްޕެނީ


ޖަރުމަނުގެ ގަދަ ބާރު ބަޔާން މިއުނިކްގެ އައު ކޯޗުގެ މަގާމަށް ބާންލީއަށް އިރުޝާދުދިން ވިންސެންޓް ކޮމްޕެނީ ހަމަޖައްސައިފިއެވެ.

މިދިޔަ 11 ސީޒަނުގައި ޖަރުމަނު ލީގު ކާމިޔާބުކޮށްފައިވާ ބާޔާންއިން މި ފަހަރުގެ ސީޒަން ނިންމާލާފައިވަނީ އެއްވެސް ތައްޓެއް ނުލިބިއެވެ. އެއާއެކު އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ޖަރުމަނުގެ ތޯމަސް ޓުޗެލް ވަކިކުރުމަށް އެ ޓީމުގެ މެނޭޖުމަންޓުން ނިންމައި، އެހެން ކޯޗެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުނުވުމުން، ޓުޗެލް ބެހެއްޓުމަށް އެ ޓީމުން ފަހުން ނިންމި ނަމަވެސް އޭނާ ވަނީ ސީޒަން ނިމުމުން ޓީމު ދޫކޮށްލާފައެވެ.

އައު ކޯޗެއް ހޯދުމުގެ މަސައްކަތުގައި ބަޔާނުން ވަނީ ގިނަ ކޯޗުންނާ މަޝްވަރާކޮށްފައެވެ. އެ ގޮތުން ޖަރުމަނު ގައުމީ ޓީމުގައި ހުރި ބަޔާންގެ ކުރީގެ ކޯޗު ހޫލިއަން ނާގަލްސްމަން އާއި، ސްޕޯޓިން ލިޒްބަންގެ ކޯޗު ރުބެން އަމޮރިމް އަދި ބަޔާ ލެވަކޫސަނަށް ޖަރުމަން ލީގާއި ޖަރުމަން ކަޕް ކާމިޔާބުކޮށްދިން ޒަބީ އަލޮންސޯއާވެސް ވަނީ ވާހަކަ ދައްކާފައެވެ. އެކަމަކު އެންމެ ފަހުން ބަޔާނުން ގެނައީ އިނގިރޭސި ޕްރިމިއަރ ލީގުން ރެލިގޭޓްވި ބާންލީގެ ކޯޗު ކޮމްޕެނީއެވެ.

ކޮމްޕެނީ ބަޔާނާއެކު ހަދާފައިވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. ބަޔާނަށް ސޮއިކުރުމަށްފަހު ކޮމްޕެނީ ބުނީ އެ ޓީމުގެ ކޯޗުކަމަކީ ފުޓްބޯޅައިގެ ބޮޑު ޝަރަފެއް ކަމަށެވެ. އަދި ފާޑުކިޔުންތަކަށް ރައްދުދެމުން ކޮމްޕެނީ ބުނީ އަމިއްލަ ނަފްސާ މެދު އިތުބާރު އެބައޮތް ކަަމަށެވެ.

މެންޗެސްޓާ ސިޓީއަށް ކުޅެ ހަތަރު ފަހަރު ޕްރިމިއަރ ލީގު ކާމިޔާބުކޮށްފައިވާ ކޮމްޕެނީ ފުޓްބޯޅަ ކުޅުމުން ހުއްޓާލީ 2020 ވަނަ އަހަރެވެ. ކުޅުން ހުއްޓާލުމަށް ފަހު ކޮމްޕެނީ ކޯޗެއްގެ ގޮތުގައި ފުރަތަމަ ހަރަކާތްތެރިވެފައިވަނީ އޭނާގެ އުފަން ގައުމު ބެލްޖިއަމްގެ ޓީމެއް ކަމަށްވާ އެންޑަލެކްޓްގައެވެ. އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ދެ އަހަރު ހޭދަކުރުމަށްފަހު ކޮމްޕެނީ ވަނީ 2022 ވަނަ އަހަރު ބާންލީގެ ކޯޗުކަމާއި ހަވާލުވެފައެވެ. އެއަށްފަހު އެ ޓީމު އިނގިރޭސި ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީމުގެ ގޮތުގައި ޕްރިމިއަރ ލީގަށް ޕްރޮމޯޓުވި ނަމަވެސް، މި ސީޒަންގެ އެ ޓީމު ވަނީ އަނެއްކާވެސް ރެލިގޭޓުވެފައެވެ.