ޚަބަރު

އެއަރ ސާރވިސް ކޮންގްރެސްގެ އޮފިޝަލް ޑެސްޓިނޭޝަން ޕާރޓްނަރަކަށް އެމްއެމްޕީއާރުސީ


  • އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް އޮންނާނީ އަންނަ މަހު ކުރުނބާ މޯލްޑިވްސްގައި

  • ދުނިޔޭގެ އެކިކަންކޮޅުތަކުން 300 ފަރާތެއް ބައިވެރިވާނެ

އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްގެ އޮފިޝަލް ޑެސްޓިނޭޝަން ޕާރޓްނަރަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީ ހަމަޖައްސައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލްއާއި އެމްއެމްޕީއާރުސީން ވަނީ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މިރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމަށާއި އެއަރޕޯޓްގެ މާސްޓަރ ޕްލޭން އެކުލަވާލެވިފައި ވަނީ އެއަރޕޯޓުގެ ތަރައްޤީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަން ވެސް އިތުރަށް ތަރައްޤީވާނެ ގޮތަށްކަމަށެވެ. އެގޮތުން ދުނިޔޭގެ ގިނަ ގައުމުތަކާއި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ގުޅިގެން ދާނެ ކަމަށް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީން ބުނީ އެ ކުންފުނިން މަސައްކަތް ކުރަނީ އައު ޕާރޓްނަރުންނާއި ގުޅިގެން ފަތުރުވެރިކަމުގެ ނެޓްވޯކް އިތުރަށް ފުޅާކޮށް އެއާޕޯޓް އަދި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ކޮންމެ އަހަރަކުވެސް އިތުރުކުރުމަށްކަމަށެވެ. މިފަދަ ކޮންގްރެސް އެއް ބޭއްވުމަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓި މެނޭޖިން ޑިރެކްޓަރުން، އެއަރޕޯޓް ގެ ސީނިއަރ މެނޭޖްމަންޓާއި ޕާރޓްނަރުންވެސް ވަނީ ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.

އެއަރ ސާރވިސް ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 9 އަކުން 11 އަށް ކުރުނބާ މޯލްޑިވްސްގައެވެ. މި ކޮންގްރެސްގައި ދުނިޔޭގެ އެކިކަންކޮޅުތަކުން 300 ފަރާތެއް ބައިވެރިވާނެއެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ ފުރަތަމަ އޭވިއޭޝަން ރޫޓް ޑިވެލޮޕްމަންޓް އިވެންޓެވެ. މި އިވެންޓުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ޚާއްސަ ފަރާތްތަކުން ބައިވެރިވެ އެ ދާއިރާގެ ކުރިމަގަށް އަލި އަޅުވައި އެކި މައުލޫމާތުތައް ހިއްސާކުރާނެއެވެ.