މިއަހަރު ބާއްވާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ބްރޯޑްކާސްޓިންގ ރައިޓްސް ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ލިބިއްޖެއެވެ. މިކަން ހާމަކުރެއްވީ ޕީއެސްއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޒީނާ ޒާހިރެވެ.
ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓުބޯޅަ މުބާރާތް ދައުލަތުގެ މީޑިއާއިން ނުގެނެސްދެވުމުން އެކަމުގެ ކަންބޮޑުވުން އާންމުން ފާޅުކޮށްފައިވާ ކަމަށެވެ. އެހެންކަމުން، އެ މުބާރާތް މިއަހަރު ރައްޔިތުންނަށް ގެނެސްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އެގޮތުން މިހާރު ބްރޯޑްކާސްޓިންގ ރައިޓްސް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ. ބްރޯޑްކާސްޓިންގ ރައިޓްސް ހޯދުމަށް ސަރުކާރުން ދެއްވި އެއްބާރުލުމަށް ޒީނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ޒީނާ ވިދާޅުވީ މި ސަރަހައްދަށް ޔޫރޯ ފުޓުބޯޅަ ދައްކަނީ ސޮނީ މެދުވެރިކޮށް ކަމަށާއި އެންމެ ފަހުގެ މުބާރާތް ނުދެއްކުނީ އެކުންފުންޏަށް ދައްކަން ޖެހިފައިހުރި ދަރަނި ނުދައްކާ ހުރުމުން ކަމަށެވެ. ނަމަވެސް މިހާރު އެ ދަރަނި ދެއްކުމަށް ޕްލޭނެއް ހެދުމަށްފަހު ބްރޯޑްކާސްޓިންގ ރައިޓްސް ޕީއެސްއެމަށް ލިބިފައިވާކަމަށް ޒީނާ ވިދާޅުވިއެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތް ދެއްކުމުގެ ކަންކަން މިހާރު ކުރަމުންދާއިރު ވަރަށް އަވަހަށް ލޯންޗު ކުރާނެކަމަށް ޒީނާ ވިދާޅުވިއެވެ.
ޖޫން 14 ގައި ޖަރުމަންވިލާތުގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ހުރިހާ މެޗެއް އެޗްޑީ ކޮލިޓީގައި ގެނެސްދިނުމަށް ވަނީ ނިންމާފައެވެ. އަދި ބެލުންތެރިން އެކަމަށް އިތުރު އެއްވެސް އަގެއް ދައްކަން ނުޖެހޭގޮތަށެވެ.
"ޔޫރޯ ދެއްކުމަށް ރައިޓްސް އޮތް ހަމައެކަނި ދިވެހި ފަރާތަކީ ޕީއެސްއެމް. ޕީއެސްއެމްގެ ޓީވީއެމް އަދި ޔެސްޓީވީން ގެނެސްދޭނަން އިރާދަކުރެއްވިއްޔާ." ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވިއެވެ.
ޖަރުމަނުވިލާތުގެ 10 ސިޓީއެއްގައި ކުޅޭ މި މުބާރާތުގައި ޔޫރަޕްގެ 24 ޤައުމަކުން ވާދަކުރާނެއެވެ. މި ޤައުމުތައް ހަ ގްރޫޕަކަށް ބަހާލައިގެން މި މުބާރާތުގައި ޖުމްލަ 51 މެޗް ކުޅޭނެއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ޖުލައި 14 ވަނަ ދުވަހު ބާލިންގައެވެ.
ޔޫރޯ ފުޓުބޯޅާ މުބާރާތުގެ އިތުރުން، އިތުރު ފްރަންޗައިޒް ޝޯވތައްވެސް ދެއްކުމަށް މަސައްކަތްކުރައްވަމުން އަންނަކަމަށް ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވިއެވެ.