ޚަބަރު

ޕީއެސްއެމްގެ އަތޮޅު ބިއުރޯތަކުގެ ޚިދުމަތް އަލުން ފަށަނީ


  • އައު މެނޭޖުމަންޓުން ހަވާލުވިއިރު ހުރިހާ ބިއުރޯއެއް ވަނީ ހުއްޓިފައި

  • މިއަހަރު މަދުވެގެން 2 ބިއުރޯ ޚިދުމަތަށް ގެންނާނެ

  • ވަޞީލަތް އިތުރުކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުން

  • 25 މިލިއަން ރުފިޔާގެ ސާމާނު ދަނީ ހޯދަމުން

ޕީއެސްއެމްގެ އަތޮޅު ބިއުރޯތަކުގެ ޚިދުމަތް އަލުން ފަށަން ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ ޕީއެސްއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރެވެ.

ޕީއެސްއެމުން ވޭތުވެދިޔަ 6 މަސްދުވަހު ކޮށްފައިވާ މަސައްކަތުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވީ ކުންފުނީގެ ވަޞީލަތްތައް އިތުރުކުރުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށެވެ. އެގޮތުން ޓެކްނިކަލް ކެޕޭސިޓީ އިތުރުކުރުމަށްޓަކައި 25މިލިއަން ރުފިޔާގެ ސާމާނު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަން ޒީނާ ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ބްރޯޑްކާސްޓްކުރުމަށާއި މީޑިއާ ކޮންޓެންޓް އުފައްދަން ބޭނުންވާ މުހިންމު ވަޞީލަތްތަކާއި ތަކެތި ހިމެނޭކަމަށް ޒީނާ ވިދާޅުވިއެވެ. ޒީނާ ވިދާޅުވީ ފާއިތުވި 5 އަހަރު ކުންފުންޏަށް އެއްވެސް ވަޞީލަތެއް ހޯދާފައި ނުވާކަމަށެވެ.

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ ކުންފުނީގެ މެނޭޖުމަންޓާ ހަވާލުވެވަޑައިގެންނެވިއިރު އަތޮޅުތެރޭގެ ހުރިހާ ބިއުރޯއެއްގެ ޚިދުމަތް ހުއްޓިފައިވާކަމަށެވެ. ނަމަވެސް ޚިދުމަތް މެދުކެނޑިފައިވާ ސަރަހައްދީ ބިއުރޯތައް އަލުން އޮޕަރޭޝަނަށް ގެނައުމުގެ އަމަލީ މަސައްކަތްވެސް ފަށްޓަވާފައިވާކަމަށް ޒީނާ ވިދާޅުވިއެވެ. އެގޮތުން މިއަހަރުގެ ތެރޭގައި މަދުވެގެން 2 ބިއުރޯއެއް ޚިދުމަތަށް ގެނައުމަށް މަސައްކަތްކުރައްވާކަން ޒީނާ ފާހަގަކުރެއްވިއެވެ.


"އެ ބިއުރޯއިން ޓީވީއާއި ރޭޑިއޯ މެދުވެރިކޮށް މަޢުލޫމާތުތައް ގެނެސްދޭނެ. 2 ބިއުރޯއަށްވެސް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން." ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވިއެވެ.

މީޑިއާ ސެންޓަރުތައް ހިންގުމަށްޓަކައި އެކި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުން 7 ބިމެއް ޕީއެސްއެމަށް ޚާއްސަކޮށްފައިވެއެވެ. ޒީނާ ވިދާޅުވީ އޭގެތެރެއިން 4 ރަށަކަށް ޒިޔާރަތްކުރައްވާ، އަލުން ބިއުރޯގެ މަސައްކަތް ފެށުމަށްޓަކައި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

ޒީނާގެ ވާހަކަފުޅުގައި ވަނީ، ސުނާމީފަދަ ކާރިސާތަކުގެ އެލަރޓާއި، މޫސުން ލަފާކުރާ ގޮތް ފަދަ ކޮންމެހެން ރައްޔިތުންނަށް ބޭޏުންވާ މުހިންމު މައުލޫމާތުތައް، ވަގުތުން ގެނެސްދިނުމަށްޓަކައި ޖަޕާނުގެ ހިލޭއެހީގައި ކުރިއަށްގެންދާ "އިންޓަގްރޭޓެޑް ސަރވިސަސް ޑިޖިޓަލް ބްރޯޑްކާސްޓިންގ – ޓެލެސްޓީރިއަލް" މަޝްރޫޢުއަށް އެކި ސަރަހައްދުތަކުން 20 ބިމެއް ހަމަޖެހިފައިވާކަމަށެވެ. މި މަޝްރޫޢުގެ މަސައްކަތްތައް ކުރަން ކަނޑައަޅައިފައިވާ ރަށްރަށުގެ ތެރެއިން އެންމެ ރަށެއް ފިޔަވައި ހުރިހާ ރަށެއްގައި މަސައްކަތް ކުރިޔަށްދާކަމަށް ޒީނާ ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް 9 ރަށެއްގައި ޓަވަރުގެ މަސައްކަތް ނިންމާފައިވާކަމަށާއި، ކެޕޭސިޓީ ބިލްޑްކުރުމުގެ މަސައްކަތްވެސް ފަށްޓަވާފައިވާކަމަށް ޒީނާ ވިދާޅުވިއެވެ.

ޒީނާ ވަނީ ކުންފުނީގެ މުވައްޒަފުންގެ ހުނަރު ތަރައްޤީކުރުމުގެ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. ޕީއެސްއެމްގައި މިވަގުތު 384 މުވައްޒަފުން މަސައްކަތް ކުރަމުން އަންނަކަން ފާޙަގަކުރައްވާ ޒީނާ ވިދާޅުވީ، މުވައްޒަފުންނަށް ހުނަރާއި ތަމްރީން ދިނުމަށް މަސައްކަތްކުރައްވަމުން އަންނަކަމަށެވެ. އެގޮތުން ބައިނަލްއަގުވާމީ އެކި މީޑިއާތަކާއި ޓީވީ ޗެނަލްތަކާއެކު ފަހުމުނާމާތަކުގައި ސޮއިކޮށް، މީހުން ބިނާކުރުމާއި ހުނަރު ތަރައްގީކުރުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށް ޒީނާ ވިދާޅުވިއެވެ. އަދި ބައިނަލްއަގުވާމީ މީޑިއާތަކާއި، މީޑިއާއާ ގުޅުންހުރި އެކި ފަރާތްތަކާއި، ޕީއެސްއެމާ ދެމެދު ހީނަރުވެފައި އޮތް ގުޅުން އަލުން ބަދަހިކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާކަމަށްވެސް ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވިއެވެ.