ޚަބަރު

ވަށާޖެހޭ ތަޢުލީމީ ނިޒާމަކަށް ދިރާސާކުރުން މުހިންމު: ޑރ. ޝަފީޢު


  • ޖީޕީއީ ކިކްސް ފޯރަމް ބާއްވަނީ ވިލާ ކޮލެޖާ ގުޅިގެން

  • ފޯރަމްގައި ތަޢުލީމީ ދާއިރާގެ ދިރާސާ ޕްރޮޖެކްޓްތަކަށް މަޝްވަރާކުރާނެ

  • ދިރާސާތަކަށް ފަންޑު ހޯދުމަށް މަސައްކަތްކުރާނެ

ވަށާޖެހޭ ތަޢުލީމީ ނިޒާމެއް ޤާއިމުކުރުމަށް ދިރާސާކުރުން މުހިންމުކަމަށް ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީއު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ގްލޯބަލް ޕަރޓްނަރޝިޕް ފޯރ އެޑިއުކޭޝަންގެ "ނޮލެޖް އެންޑް އިނޮވޭޝަން އެކްސްޗޭންޖް ފޯރަމް"ގައި ވާހަކަދައްކަވަމުންމެވެ.

ޖީޕީއީ އަކީ ތަޢުލީމީ ދާއިރާއިން ދިރާސާކޮށް، ހުރި މައްސަލަތަކަށް ދިރާސީ ޙައްލުތައް ހޯދުމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާއެކެވެ. ތަޢުލީމީ ދާއިރާގައި ދިރާސާކުރާ ބައިނަލްއަޤްވާމީ ފަރާތްތައް ހިމެނޭގޮތަށް ބާއްވާ "ކިކްސް މޯލްޑިވްސް ނެޝަނަލް އަޕްޓޭކް ފޯރަމް 2024" ބާއްވާފައިވަނީ ވިލާކޮލެޖާ ގުޅިގެންނެވެ. މި ފޯރަމްގެ އެންމެ ބޮޑު އެއް ބޭނުނަމަކަށްވަނީ ހޯދުންތަކަށް މަޝްވަރާކޮށް، ދިރާސާކުރުމަށް މާލީ އެހީތެރިކަން ހޯދުމެވެ.

ފޯރަމް ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން ތަޢުލީމި ވަޒީރު ޑރ.އިސްމާޢީލް ޝަފީއު ވިދާޅުވީ މިފަދަ ފޯރަމްތަކީ ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ޒަމާނީ ހެޔޮ ބަދަލުތައް ގެނައުމަށް ވަރަށް މުހިންމު ފޯރަމެއްކަމަށެވެ. ޚާއްސަކޮށް ރާއްޖޭގެ ތަޢުލީމީ ވެށި ދިރާސާކޮށް، ރާއްޖެއަށް އެކަށޭނަ ބަދަލުތައް ގެނައުމަށް މި ދިރާސަތައް އެހީވެދޭކަމަށް ވަޒީރު ވިދާޅުވިއެވެ. މި ފޯރަމްގެ ސަބަބުން އެހެން ޤައުމުތަކުގައި ތަޢުލީމީ ދާއިރާގައި ގެންގުޅޭ "ބެސްޓް ޕްރެކްޓިސް"ތައްވެސް އެނގިގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެއްވެސް ކުއްޖަކު ބާކީނުކޮށް ކިޔަވައިދިނުމުގެ ސިޔާސަތަށް ބޭނުންވާ މުހިންމު ހޯދުންތައް ހޯދޭ. މިގެ ސަބަބުން ދެމެހެއްޓެނިވި ވަށާޖެހޭ ތަޢުލީމީ ނިޒާމެއް ޤައުމަށް މުހިންމު މަޢުލޫމާތު އެއްކުރެވޭ." ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

މި ފޯރަމްގައި ބައިވެރިވާ ޤައުމުތަކާ އިންސްޓިޓިއުޝަންތަކުން މިހާތަނަށް ކޮށްފައިވާ ދިރާސާތަކުގެ މަޢުލޫމާތު، ފަންޑު ދޭ ފަރާތްތަކާ ފޯރުކޮށްދިނުން ހިމެނެއެވެ. އަދި އިތުރަށް ކުރިއަށްގެންދަން ބޭނުންވާ ދިރާސާތަކާއި އެކަންކަމުގެ މުހިންމުކަން ފަންޑު ފޯރުކޮށްދޭ ފަރާތްތަކާ ޙިއްސާކުރުން ހިމެނެއެވެ. ޖީޕީއޭއަށް މާލީ އެހީދޭ ފަރާތެއްގެ ގޮތުން ފޯރަމްގައި ބައިވެރިވަނީ ކެނެޑިއަން އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ރިސަރޗް ސެންޓަރއިންނެވެ.

ފޯރަމްގެ ސެޝަންތަކުގައި މުހިންމު އެކި ދާއިރާތަކުން ޕެނަލްތަކާ މަޝްވަރާތައް ކުރިއަށްދާނެއެވެ. މިއީ 1 ދުވަހުގެ ފޯރަމެކެވެ.