ކުޅިވަރު

ޔޫރޯ 2024: ސްޕެއިންގެ ޕްރޮވިޝަނަލް ސްކޮޑުން އަސެންސިއޯ ބާކީކޮށްފި


އަންނަ މަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ސްޕޭނުން އެކުލަވާލި ޕްރޮވިޝަނަލް ސްކޮޑުން މިޑްފީލްޑަރު މާކޯ އަސެންސިއޯ ބާކީކޮށްފިއެވެ.

ޔޫރަޕްގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫރޯއަށް ސްޕެއިންއިން އެކުލަވާލި 29 ކުޅުންތެރިންގެ ސްކޮޑުން ޕީއެސްޖީގެ ކުޅުންތެރިޔާ އަސެންސިއޯ ބާކީވިއިރު، އޭނާއަކީ 2016 ވަނަ އަހަރުން ފެށިގެން ސްޕެއިންގެ ގައުމީ ޓީމަށް ކުޅެމުން އައި ކުޅުންތެރިއެކެވެ. އެކަމަކު، ބާސެލޯނާއަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް ލަމިނޭ ޔަމާލަށް ސްޕެއިންގެ ސްކޮޑުން ވަނީ ޖާގަ ލިބިފައެވެ.

އެސެންސިއޯގެ އިތުރުން ސާޖިއޯ ރާމޮސް އާއި ޕައު ޓޮރޭޒްގެ އިތުރުން ޕެޑްރޯ ޕޯރޯއަށްވެސް މިފަހަރުގެ ސްޕެއިންގެ ސްކޮޑުން ޖާގަ ލިބިފައިނުވާއިރު، ރެއާލް މެޑްރިޑްގެ ޑިފެންޑަރު ނާޗޯ ވަނީ ސްކޮޑުގައި ހިމަނާފައެވެ. އަދި މީގެއިތުރުން ފެރާން ޓޮރޭޒް އާއި އަޔޮޒޭ ޕެރޭޒަށްވެސް މިފަހަރުގެ ސްކޮޑުން ވަނީ ޖާގަ ލިބިފައެވެ.

ލުއިސް ޑެލަ ފުއެންޓޭގެ ކޯޗުކަމުގެ ދަށުން މިފަހަރުގެ ޔޫރޯ އަށް ނިކުންނަ ސްޕެއިންގެ ސްކޮޑަށް ބަލާލާއިރު، ގޯލްކީޕަރުންގެ ގޮތުގައި އުނާއީ ސިމޯނޭ އާއި އާސެނަލްގެ ކީޕަރު ޑޭވިޑް ރަޔާވެސް ވަނީ ހިމަނާފައެވެ. އަދި ފޯވާޑުންގެ ތެރޭގައި އަލްވާރޯ މޮރާޓާ އާއި ޑެނީ އޮލްމޯވެސް ހިމެނެއެވެ.

ޖަރުމަނުގައި އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޓީމުތަކުން އެކުލަވާލާ ފައިނަލް ސްކޮޑް އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ކުރިން އިއުލާން ކުރަންޖެހޭނެއެވެ.