ސިއްހަތު

ހިޖާމާ ޖެހުމުގައި ސަމާލުވުމަށް އިލްތިމާސްކުރައްވައިފި


ހިޖާމާ ޖެހުމުގައި ސާފުތާހިރު ކަމަށް ދޭންޖެހޭ ސަމާލުކަން ކުޑަވުމުގެ ސަބަބުން އެއިޑްސް އާ ހެޕަޓައިޓިސް-ބީ، ފަދަ ގައިންގަޔަށް އަރާ ނުރައްކާތެރި ބަލިތައް ފެތުރުމުގެ ފުރުޞަތު އޮވެދާނެތީ މިކަމަށް ސަމާލުވުމަށް ހެލްތް މިނިސްޓްރީން އިލްތިމާސް ކުރައްވައިފިއެވެ. 

ހެލްތް މިނިސްޓްރީން ވިދާޅުވީ އެކި ކަހަލަ ބަލިބަލީގެ ޝިފާއެއްގެ ގޮތުގައި ހިޖާމާ ޖެހުން އިތުރުވަމުންދާކަން އެ މިނިސްޓްރީއަށް ފާހަގަކުރެވިފައިވާކަމަށެވެ. އެހެންނަމަވެސް މިކަން ކުރަންޖެހޭ އެންމެ ރަނގަޅު ގޮތް ނޫންގޮތްގޮތަށް މިކަންކުރުމާއި، މިކަމަށް އިހުމާލުވުމުގެ ފުރުޞަތު އޮތުމާ ގުޅިގެން މިއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް އެ މިނިސްޓްރީން ފާހަގަކުރައްވައެވެ. ހިޖާމާ ޖެހުމުގައި ގެންގުޅޭ އާލާތާއި މަސައްކަތުގައި ބަލަހައްޓަން ޖެހޭ ސާފުތާހިރުކަމުގެ ކަންތައްތައް ފުރިހަމައަށް ނުބެލެހެއްޓިއްޖެ ނަމަ ހިޖާމާ ޖަހާ، ތަންތަނުގައި ދޮސްލުން ފަދަ ކަންތައްތަކުގެ އިތުރުން އެއިޑްސް، ހެޕަޓައިޓިސް-ބީ، އަދި ހެޕަޓައިޓިސް-ސީ ފަދަ ނުރައްކާތެރި ބަލިތައް ގައިން ގަޔަށް އެރުން އެކަށީގެންވާ ކަމަށް ހެލްތް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ހެލްތް މިނިސްޓްރީން ވިދާޅުވީ ޙިޖާމާ ޖެހުމަށް ބޭނުންވާ ފަރާތްތަކުން އެ ޚިދުމަތް ދިނުމަށް ހެލްތް މިނިސްޓްރީގައި ރަޖިސްޓްރީ ކުރަންޖެހޭކަމަށެވެ. އަދި އެކަމަށް އެދެން މިހާރުވަނީ ފުރުޞަތު ހުޅުވާލައްވަފައެވެ. ފަހަކަށް އައިސް ހިޖާމާ ޖެހުމުގެ ޚިދުމަތް ވަނީ ވަރަށް އާންމުވެފައެވެ. އަދި ހިޖާމާ ޖެހުމަށް ބޭނުންކުރާ އާލާތްތައް ގިނަ ފިހާރަތަކުގަޔާއި އޮންލައިން ފިހާރަ ތަކުގައި ވިއްކަން ބަހައްޓާފައިހުންނަކަން ފާހަގަ ކުރެވޭކަމަށެވެ.