ޚަބަރު

"މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމަށް ސީ.އެސް.އާރް.އައި އިނިޝިއޭޓިވްގެ ދައުރު މުހިއްމު"


  • ވަޒީރު މިހެން ވިދާޅުވީ ސިޑްސް ގައި ދިވެހިރާއްޖޭގެ ފުރަތަމަ ސައިޑް އިވެންޓްގައި

ކުދި ޖަޒީރާ ޤައުމުތުކަށް ދިމާވާ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށާއި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމަށް ސީ.އެސް.އާރް.އައި އިނިޝިއޭޓިވްގެ ދައުރު މުހިއްމުކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް، ސިޑްސް ކޮންފަރެންސްގައި ރާއްޖޭގެ ފުރަތަމަ ސައިޑް އިވެންޓް ފަށްޓަވާދެއްވާ ވާހަކަދައްކަވަމުންނެވެ.

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން އިންތިޒާމުކޮށްގެން، ސިޑްސް ގައި ދިވެހިރާއްޖޭގެ ފުރަތަމަ ސައިޑް އިވެންޓް ބާއްވާފައިވަނީ ފްރޮމް އެމްބިޝަންސް ޓު ޕްރެކްޓިސް: އެޑްވާންސިންގް ސިޑްސް 4 ގޯލްސް ތްރޫ ދަ ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑްސް (ސީ.އެސް.އާރް.އައި) އިނީޝިއޭޓިވްގެ ދަށުންނެވެ.

މި ސައިޑް އިވެންޓްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ.

އިވެންޓްގެ ޕެނަލިސްޓުންގެ ގޮތުގައި ތިއްބެވީ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ޢަލީ ޝަރީފްގެ އިތުރުން ސެކްރެޓޭރިއެޓް އޮފް ދަ ޕެސިފިކް ރީޖަނަލް އެންވަޔަރަންމެންޓް ޕްރޮގްރާމްގެ ޑިރެކްޓަރ ޖެނެރަލް ސެފަނަޔާ ނަވަދްރާ އާއި މިނިސްޓްރީ އޮފް ކްލައިމެޓް ރެޒިލިއެންސް ދަ އެންވަޔަރަންމެންޓް އެންޑް ރިނިއުއެބަލް އެނަރޖީ ގްރެނަޑާގެ ޑިރެކްޓަރ ޓިޓަސް އެންޓޯންއެވެ.

މިއިވެންޓް ފައްޓަވައިދެއްވަމުން މިނިސްޓަރ ޠާރިޤު ވަނީ ކުދި ޖަޒީރާ ޤައުމުތުކަށް ދިމާވާ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށާއި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމަށް ސީ.އެސް.އާރް.އައި އިނިޝިއޭޓިވްގެ ދައުރުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި ތިމާވެށީގެ ގޮތުން ނާޒުކު ކުދި ޖަޒީރާ ޤައުމުތައް ގުޅިގެން މިކަމުގައި މަސައްކަތް ކުރުމަށް ވަޒީރުގެ ވާހަކައިގައި ބާރުއެޅުއްވިއެވެ.

ހަތަރުވަނަ ސިޑްސް މަހާސިންތާ އަކީ " ޗާރޓިންގ ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ" މި ޝިއާރުގެ ދަށުން 'ސިޑްސް'ގެ ޤައުމުތަކުގެ ލީޑަރުންނާއި އަދި އެކި ދާއިރާތަކުން ގުޅުންހުރި ހިއްސާދާރުން އެކީގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދެމެހެއްޓެނިވި، ތަނަވަސް، އަދި ވިލުންތެރި މުސްތަގުބަލަކަށް މަސައްކަތް ކުރުމަށް ކޮންމެ ދިހަ އަހަރަކުން އެއްފަހަރު ބާއްވާ މުހިއްމު މަހާސިންތާއެކެވެ.