ޚަބަރު

ލަންކާގައި ދިވެހި ވިޔަފާރިވެރިންގެ އުފެއްދުންތައް ވިއްކުމަށް މަޝްވަރާކޮށްފި


  • ލަންކާގައި އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ހުޅުވުމަށް މަޝްވަރާކުރެއްވި

  • ޓްރޭޑް ފެއަރއެއް ބޭއްވުމަށްވެސް މަޝްވަރާކުރެއްވި

ދިވެހި ކުދި ވިޔަފާރިތަކަށް ސްރީލަންކާގައި ހުރި ފުރުޞަތުތައް ހޯދުމަށް، އެޤައުމުގައި ހުންނަ ދިވެހި ސަފީރާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން މަޝްވަރާކުރައްވައިފިއެވެ. ބީސީސީން ބުނީ މިއީ ބައިނަލްއަޤްވާމީ މައިދާނުގައި ކުދި ވިޔަފާރިތަކަށް ހުރި ފުރުޞަތުތައް ހޯދުމަށް ބީސީސީން ކުރަމުންދާ މަސައްކަތުގެ ދަށުން، ކުރެއްވި މަޝްވަރާތަކެއްކަމަށެވެ.

ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައެޅުއްވި އައު ސަފީރު މަސްއޫދު އިމާދާއެކު، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)ގެ އިސްވެރިން ބޭއްވި ބައްދަލު ކުރެއްވުމުގައި، ބީސީސީގެ މެނޭޖިންގ ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަންތައްތަކުގެ ތެރޭގައި، ދިވެހި އުފެއްދުންތަކަށް ޚާއްޞަ އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ސްރީލަންކާގައި ހުޅުވުމާއި، ދެޤައުމުގައި ވިޔަފާރިތަކަށް ހުރި ފުރުޞަތުތަކާއި، ސްރީލަންކާގައި ބާއްވާ ޓްރޭޑް ފެއަރތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި ކުދި ވިޔަފާރިތަކަށް ހޯދައި ދިނުން ހިމެނޭ ކަމަށް ބީސީސީން ވަނީ ބުނެފައެވެ. މީގެއިތުރުން ކުދި ވިޔަފާރިތަކަށް ފަހި ފުރުޞަތުތައް ހޯދައި ދިނުމަށްޓަކައި އެކްސްޕޯ، ނުވަތަ ޓްރޭޑް ފެއަރއެއް ބޭއްވުމާއި ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމެއް ފަށައި، އެކި ދާއިރާތަކުން ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ހޯދުމާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބެންހުރި ފުރުޞަތުތައް ފަހިކޮށްދީ، ވިޔަފާރިތަކާއި ވީހާވެސް ގާތުން މަސައްކަތް ކުރުމަށް ބީސީސީން ދަނީ މަސައްކަތް ކުރަމުންނެވެ. ބީސީސީ އަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި އެ ވިޔަފާރިތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.