ދީން

އިތުރު 1000 މީހުންގެ ހައްޖު ކޯޓާ ރާއްޖެެއަށް ދޭން ނިންމައިފި


މިއަހަރުތެރޭ އިތުރު އެއްހާސް މީހުންގެ ހައްޖުކޯޓާ ސަޢޫދީ ސަރުކާރުން ރާއްޖެއަށް ދެއްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

މީގެ ކުރިންވެސް ރައީސް ޔާމީންގެ އެދިވަޑައިގަތުމުގެ މަތިން ސަޢޫދީ ސަރުކާރުން އެޤައުމުގެ ރަސްގެފާނުވަނީ ރާއްޖެއިން ހައްޖަށްދާ މީހުންގެ ކޯޓާ އެއްހާސް މީހުންނަށް އިތުރުކޮށްދެއްވާފައެވެ. ރައީސް ޔާމީން ވިދާޅުވީ، މިއަހަރުން ފެށިގެން 2000 ދިވެހިންނަށް ހައްޖަށްދިއުމުގެ ފުރުސަތު ލިބިގެންދިޔައީ، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމަކަށްވުމާއެކު ރައީސް ޔާމީނު ސަޢޫދީ ރަސްގެފާނު އަރިހުގައި ދެންނެވުމުން ކަމަށާއި، ސައުދީޢަރަބިއްޔާއާއި ރާއްޖެއާއި ދެމެދު ވަރާތް ގާތްގުޅުމެއް އުފެދިފައިވާކަން މިކަމުން ދޭހަވާކަމަށެވެ. އަދި ސައުދީ ޢަރަބިއްޔާއަކީ ރައީސް ޔާމީން ކުރިއަށްގެންދަވާ ތަރައްޤީގެ މަޝްރޫޢުތަކުގައި އެހީތެރިވެދެއްވާ އެންމެ މުހިންމު އެއްގައުމުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ސައުދީގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ގިނަ އަދަދެއްގެ މިސްކިތްތަށް އިމާރާތް ކުރައްވަން ފައްޓަވައި، އެކި މަރުހަލާތަކުގައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ގދ. ތިނަދޫގެ އިސްލާމީ މަރުކަޒުގެ އަމަލީ މަސައްކަތް މިހާރުފައްޓަވާފައިވާއިރު، އައްޑޫ ސިޓީގައިވެސް އިސްލާމީ މަރުކަޒެއް ޤާއިމްވެގެންދާނެކަމުގައި ވިދާޅުވިއެވެ.