ޔަހޫދީންގެ އަނިޔާވެރި އަމަލުތައް ހުއްޓުވައި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ދުނިޔޭގެ ލީޑަރުން ތެދުވަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ 4 ވަނަ 'އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް' މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން އިއްވަވާ ޚާއްޞަ ޤައުމީ ބަޔާން އިއްވަވައިދެއްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޑްސްގެ ލީޑަރުންގެ ބައްދަލުވެ، މަޝްވަރާކުރަމުންދާއިރު ހައްދުފަހަނަ އަޅާފައިވާ ޔަހޫދީން ގެންދަނީ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ އަމުރުތަކަށް ބެލުމެއް ނެތި، ފަލަސްތީނުގެ އާއްމުންނާއި ދެކޮޅަށް ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންކަމަށެވެ. އެހެންކަމުން ނަސްލެއް ނައްތާލުމަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ގަތުލްއާއްމު ވަގުތުން ހުއްޓާލުމަށް ސިޑްސްގެ ޤައުމުތަކުގެ ލީޑަރުން ގުޅިގެން ގޮވާލަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"ޔަހޫދީން ލީޑަރުން އިންސާފުގެ ކުރިމައްޗަށް ގެނެސް، އެމީހުންގެ ޖަރީމާތަކަށް ޒިންމާކުރުވަންވީ ވަގުތު ޖެހިއްޖެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސިޑްސް މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާފައިވާއިރު، އެމަނިކުފާނު ގެންދަވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ބައިނަލްއަޤްވާމީ ކޮންމެ ޕްލެޓްފޯމެއްގައިވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްވާކަން ފާހަގަކޮށްލެއެވެ.