ކުޅިވަރު

އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު އިބާދުﷲ އަށް


މި އަހަރުގެ ޖުލައި މަހު ފްރާންސްގެ ވެރިރަށް ޕެރިހުގައި ބާއްވާ އޮލިމްޕިކް ގޭމްސްގައި ވާދަކުރުމުގެ ފުރުސަތު ރާއްޖޭގެ ދުވުންތެރިޔާ އިބާދުﷲ އާދަމަށް ލިބިއްޖެއެވެ.

ޖެމެއިކާގައި ތަމްރީނު ހަދަމުން އަންނަ އިބާދުﷲ އަކީ މި ފަހުން އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބެލި ޓައިމް ޓްރަޔަލްސްތަކުގައި އެންމެ ރަނގަޅު ޓައިމިންއެއް ނެރުނު އެތުލީޓެވެ. އެގޮތުން ޓައިމް ޓްރަޔަލްގައި އިބާދުﷲ ވަނީ 10.50 ސިކުންތުން 100 މީޓަރުގެ ރޭސް ނިންމާފައެވެ.

މިއީ ގދ. ތިނަދޫއަށް އުފަން އިބާދުﷲ އޮލިމްޕިކްސްގައި ވާދަކުރާނެ ފުރަތަމަ ފަހަރެވެ. އިބާދުﷲ އަށް ޖެމެއިކާގެ ދެ އަހަރުގެ ޓްރެއިނިން ސްކޮލަރޝިޕެއް ލިބުނީ އޭނާ ހޯދަމުން އަންނަ ކުރިއެރުންތަކުގެ ސަބަބުންނެވެ. އެގޮތުން އިބާދުﷲ އަކީ މިދިޔަ ފަސް އަހަރެއްހާ ދުވަހު ގައުމީ ޓީމުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދި ޒުވާން ފިރިހެން އެތުލީޓެވެ. އެގޮތުން 2022 ވަނަ އަހަރު ތުރުކީގެ ކޮންޏާގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ އެތުލީޓުންގެ ތެރެއިން 100 މީޓަރު ދުވުމަށް ބަލާއިރު، ޓައިމިން އެންމެ ރަނގަޅީ އިބާދުﷲ ގެއެވެ. އެގޮތުން އެ ގޭމްސްގައި 100 މީޓަރު ދުވުމުގައި ރާއްޖޭގައި އުފެދުނު އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދަށް ވުރެ ބާރަށް ދުވުނުއިރު، އިބާދުﷲ ވަނީ ސެމީ ފައިނަލުގައިވެސް ވާދަކޮށްފައެވެ.

ޓްރައިޕާޓައިޓް އިންވިޓޭޝަނަލް ފުރުސަތެއްގައި އިބާދުﷲ އަށް އޮލިމްޕިކްސްއިން ފުރުސަތު ލިބުނުއިރު، މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭން ފުރަަތަަމަ ފަހަރަށް ހަތަރު ކުޅިވަރެއްގައި ވާދަކުރާނެއެވެ. އެގޮތުން އިންވިޓޭޝަނަލް ފުރުސަތުތަކުގައި އެތުލެޓިކްސްގެ އިތުރުން ސްވިމިން އަދި ބެޑްމިންޓަނުގައިވެސް ވާދަކުރާނެވެ. އެގޮތުން ބެޑްމިންޓަނުން ރާއްޖެ ތަމްސީލުކުރާނީ ފާތިމަތު ނަބާހާ (ނަބާ) އެވެ. އަދި ދެކުނު އޭޝިއާ ކޮލިފައިން ކާމިޔާބުކޮށް ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީއަށްވެސް ވަނީ ފުރުސަތު ލިބިފައެވެ. އެއާއެކު ދީމާ ވެފައިވަނީ ދުނިޔޭގެ އެންމެ ޝަރަފުވެރި ކުޅިވަރު މުބާރާތް ކަމަށްވާ އޮލިމްޕިކްސްއަށް ކޮލިފައިވި ރާއްޖޭގެ ފުރަތަމަ އެތުލީޓަށެވެ.