ޚަބަރު

ފުލުހުންގެ އެހީތެރިކަމާއެކު 7 އަތޮޅަކަށް ޓެކްސްޓް ފޮތްތައް ފޮނުވައިފި


  • 2194 ފޮތް ފޮށިގަނޑު އަތޮޅުތެރެއަށް ގެންގޮސްފައިވޭ

  • ފޮތްތައް ފޮނުވުމަށް ލަސްވީ މޫސުން ގޯސްވުމުން

އަތޮޅުތެރޭގެ ސްކޫލްތަކުގެ ތެރެއިން 7 އަތޮޅެއްގެ ސްކޫލަތަކަށް ބޭނުންވާ ޓެކްސްޓް ފޮތް ފުލުހުންގެ އެހީތެރިކަމާއެކު ތަޢުލީމާ ބެހޭ ވުޒާރާއިން ފޮނުވައިފިއެވެ. މީގެ ތެރޭގައި ރާއްޖޭގެ ބޮޑެތި އަތޮޅުތައް ހިމެނެއެވެ. މިއާއެކު ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ފޮތްތައް ހަވާލުކުރެވިފައިވާ ކަމަށް ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ރަށްރަށުގެ ސްކޫލްތަށް ބޭނުންވާ ފޮތްތައް ފޯރުކޮށްދިނުމުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ރާއްޖޭގެ 7 އަތޮޅަކަށް 26.3 ޓަނުގެ 2194 ފޮށިގަނޑު ފުލުހުންވަނީ ހަވާލުކޮށްފައެވެ.

ފުލުހުން ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ހއ. އާއި ހދ. އަތޮޅަށް 1006 ފޮތް ފޮށިގަނޑު އުފުލާފައިވެއެވެ. ށ. އަތޮޅަށް 389 ފޮތް ފޮށިގަނޑު ގެންގޮސްފައިވާއިރު ނ އަތޮޅަށް 260 ފޮތް ފޮށިގަނޑު ގެންގޮސްފައިވެއެވެ. އަދި ޅ. އަތޮޅަށާއި ފުވައްމުލައް ސިޓީއަށް 142 ފޮށިގަނޑު، އައްޑޫ ސިޓީއަށް 225 ފޮތް ފޮށިގަނޑު ގެންގޮސްފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން އިއްޔެ ފެށިއިރު ބައެއް ދަރިވަރުންނަށް ފޮތްތައް ހަމަނުވުމުން ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސްކޫލް ފެށެންވާއިރަށް ފޮތްތައް ހަމަނުވުމުގެ މައްސަލައަކީ ކޮންމެ އަހަރެއްގައިވެސް ދިމާވާ މައްސަލައެކެވެ. މިއަހަރަށް ބަލާއިރު ފޮތްތައް ފޮނުވުމުގައި ލަސްވެފައިވަނީ ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްދުވަސްވުމުންނެވެ.