ޚަބަރު

ޓެރަރިސްޓް ބައެއްގެ ގޮތުގައި ރާއްޖެ ދަނީ ލޭބަލް ކުރަމުން


ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރަމުންދާއިރު، ރާއްޖެއަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އެހެން ބަޔަކު ލޭބަލް ކުރަމުންދާކަމަށާއި، އެކަމަކީ ރާއްޖޭގެ ސަރުކާރުން ޤަބޫލުކުރައްވާކަމެއް ނޫންކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ބޭއްވި ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން ގެއްލިގެން ދިޔަ ކޮންމެ ފަހަރަކު، އެކަމުގެ ފަހަތުގައި ދިވެހިންގެ ތެރެއިން ޤައުމަށް ޣައްދާރުވާ ބަޔަކުތިބޭކަމަށާއި، މިކަން ތާރީޚުގެ ފަތްފުތްތަކުން ވަރަށް ރަނގަޅަށް އެނގެން އެބަހުރިކަމަށެވެ. މިނިސްޓަރ ވިދާޅުވީ މަދުންނަމަވެސް މިހާރުވެސް އެފަދަކަންތައްތައް ހިނގަމުންދާކަމަށާއި، ރާއްޖެއަކީ ޓެރަރިސްޓް ޖަމާޢަތަކަށް ހެދުމަށް ބަޔަކުމީހުން ކުރާ މަސައްކަތްތަކަކީ ބަލައިގަނެވޭނެފަދަ ކަންތައްތަކެއް ނޫންކަމަށެވެ. ރާއްޖެ އަކީ އިސްލާމްދީނާއި އިސްލާމީ އަޤީދާގެ މަތީގައި ދެމި ތިބޭ ބައެއް އުޅޭޤައުމެއްކަމަށެވެ.

 "ދިވެހި ރާއްޖެއަކީ އަބަދުވެސް ސުލްހައަށް ލޯބިކުރާ ފުރިހަމަ އިސްލާމްދީނުގެ ރުކުންތަކާއި އުސޫލިތަކާ ޤާނޫނުތަކާއި ޤަވައިދުތަކަށް އެއްގޮތަށް އުޅެމުންދާ ޤައުމެއް ގޮތުގައި އަބަދުވެސް ދެމިތިބުމަށް މަސައްކަތް ކުރާ ޤައުމެއް. އެހެންނަމަވެސް ޤައުމުގެ މިނިވަންކަމާއި އިސްތިގްލާލަށް ބުރޫ އަރާ މިންވަރަށް އަޅުގަނޑުމެންގެ ޤައުމަކީ ޓެރަރިޒަމްގެ ނުވަތަ ޓެރަރިޒަމްއަށް ބިރު ހީވާފަދަ ޤައުމެއް ގޮތުގައި ސިފަކުރުމަކީ އެއީ މިއަދު ރާއްޖެއަށް އޮތް ނުރައްކަލަކަށްވުން އެއީ އެކަށީގެންވާކަމެއް. އެހެންވީމަ މިއަދު އަޅުގަނޑުމެން އިސްލާމްދީނުގެ އަޤީދާގެ މަތީގައި ތިބޭއިރު އަޅުގަނޑުމެން ވަރަށް ވިސްނަންޖެހޭ އަޅުގަނޑުމެން ދައްކާ ވާހަކައާއި، ބުނާ ބަހާ އެކަމުން ނިކުމެދާނެ ނަތީޖާއެއްގެ މައްޗަށް. މިކަންތައްތަކަކީ މިއަދު އަޅުގަނޑުމެން ކޮންމެހެންވެސް ވިސްނާލަން ޖެހޭ ކަންތައްތައް." ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވީ ދިވެހިންނަކީ ފަޚުރުވެރި ބައެއްކަމަށާއި، ދިވެހިންނަކީ ދިވެހިންގެ މިނިވަންކަން ދިފާޢުުކުރުމުގައި އެމީހުގެ ލެއިން ޤުރުބާންވާ ބައެއްކަމަށެވެ. ދިވެހި ފަސްގަނޑު މިއަދާހަމައަށްވެސް މިނިވަން އަމިއްލަ ޤައުމެއްގެ ގޮތުގައި ދެމިއޮންނަނީ މި ސަބަބަށްޓަކައިކަމަށް މިނިސްޓްރ ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/14627913644478.jpg|ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ހޯމް މިނިސްޓަރ އުމަރު ނަސީރު ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ހޯމް މިނިސްޓްރީ

އެމެރިކާފަދަ ތަންތަނުގައި ކުރި ސިވިލް ހަނގުރާމައިގައި ހިނގައިދިޔަ ކަންތައްތަކަށް މިސާލު ޖައްސަވަމުން މިނިސްޓަރ ވިދާޅުވީ އަޅުގަނޑުމެންގެ ޤައުމު ކިތަންމެ ކުޑަކަމުގައި ވީނަމަވެސް، ޤައުމާ ބައްދަލުވާ ނުރައްކާތަކުގައި ދުޝްމަނުންނާ ކުރިމަތިލުމަށްޓަކައި، އަޅުގަނޑުމެންގެ ކޮމާންޑަރުންނަށް، ސިފައިންނަށް އަދި ރައްޔިތުންނަށް، އެމީހުން ހަނގުރާމަކުރަނީ އެމީހުންގެ ޤައުމަށްޓަކައިކަން ހަނދާންކޮށްދޭން ނުޖެހޭކަމަށެވެ. އެއީ ދިވެހިންނަކީ އެއަށްވުރެ ބޮޑަށް ޤައުމާއި ދީނާއި ވަތަނަށް ލޯބިކުރާ ބައެއްކަމަށްވާތީކަމަށް މިނިސްޓަރ ވިދާޅުވިއެވެ. " އެހެންވެގެން ދިވެހި ފަސްގަޑު މިއަދާ ހަމައަށް މިނިވަން ޤައުމެއްގެ ގޮތުގައި މި ބޮޑު އިންޑިޔާ ކައިރީގައި، އަދި މި ސްރީލަންކާ ކައިރީގައި އެހެން ދީނަކަށް އަޅުކަންކުރާ އެހެން ބަހަކުން ވާހަކދައްކާ އަމިއްލަ ވަންތަ ޤައުމެއްގެ ގޮތުގައި ދިވެހި ރާއްޖެ މި އޮތީ މިހެން ވެގެން. އެހީ ދިވެހިންގެ ގައިގައި ހުންނަ ޚާއްސަ ހުނަރެއް. ދިވެހިންގެ ގައިގައި ހުންނަ ޚާއްސަ ހިއްވަރެއް. އަޅުގަނޑުމެން މި ދުވަސްތައް ފާހަގަކުރައްވަމުން މިގެންދަވަނީ އަޅުގަނޑުމެންނާ އެފަދަ ދުވަހެއް ބައްދަލުވާ ދުވަހު އަޅުގަނޑުމެންގެ މި ޖީލުވެސް އަދި އަޅުގަނޑުމެންގެ ކުރިއަށް އޮތް ޖީލުވެސް އެފަދަ ކަންކަމާ ސާބިތުކަމާއި، ހިތްވަރާއި ކެރުމާއެކުގައި، ކުރިމަތި ލުމުގެ ދުވަހެއް ޝައުގުވެރިކަމާއި، ކުރިމަތި ލުމުގެ ދުވަހެއް ދިވެހިންގެ ހިތްތަކަށް ގެނައުމަށް." މިނިސްޓަރ ވިދާޅުވިއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އައްޑޫ ސިޓީގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވީ އަޅުގަނޑުމެންގެ މިނިވަންކަން ހަލާކުކޮށްލުމަށްޓަކައި ބޭރުގެ ބާރުތަކުން މަސައްކަތް ކުރަމުންދާކަމަށާއި، މީ މީގެކުރިން އަޅުގަނޑުމެންގެ ތެރޭގައި މިކަންތައްކުރެވިފައި ގޮތެއް ނޫންކަމަށެވެ.

"އަޅުގަނޑުމެންގެ ޤައުމު މިދެކޭ ނުރައްކާތެރި މާހައުލު ނޫނީ ނުރައްކާތެރިކަން އަޅުގަނޑުމެން އެއްގޮތަކަށްވެސް ލުއި ގޮތަކަށް ވިސްނައިގެން ނުވާނެ. ވަރަށް ސީރިއަސްކޮށް އަޅުގަނޑުމެން ވިސްނަން ޖެހޭނީ." އޭނާ ވިދާޅުވިއެވެ. 

މި ރަސްމިއްޔާތުގައި ހިތަދޫ ސްކޫލް ދަރިވަރުންވަނީ ޝަހީދުންގެ ދުވަހާ ގުޅޭގޮތުން ޚާއްސަ އައިޓަމެއްވެސް ހުށަހަޅާދީފައެވެ.

ޝަހީދުންގެ ދުވަސް ފާހަގަކުރައްވަނީ ޤައުމަށްޓަކައި ޝަހީދުވެ ގޮސްފައިވާ ޤައުމީ އަބްޠާލުންގެ ޚިދުމަތްތަކުގެ ހަނދާން އާކޮށް އެ އަބުޠާލުންގެ ޒިކުރާ އާލާކުރުމަށް. މި ދުވަސް ނިސްބަތްވެގެންވަނީ އިސްލާމްދީނާއި ޤައުމުގެ ދިފާއުގައި ޕޯޗްކީޒުންނާ ހަނގުރާމަ ކުރައްވައި ސުލްތާން ހަވަނަ ( އަލި ރަސްގެފާނު) ޝަހީދުވެވަޑައިގެންނެވި ދުވަހަށެވެ.