މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތްތަކެއް ސާފުކުރުމުގެ މަސައްކަތް ދިވެހިންނާއި ހަވާލުކޮށްފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލުން ބަލަހައްޓަމުން ގެންދާ ހުޅުމާލޭގެ 10 މިސްކިތާއި މާލޭގެ 22 މިސްކިތް އަދި ވިލިމާލޭގެ ދެ މިސްކިތުގައި ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރާނީ ބިދޭސީންގެ ބަދަލުގައި މުޅިން ވެސް ދިވެހިން ކަމަށެވެ.
މާލޭގެ މިސްކިތްތައް ފޮޅައި ސާފުކޮށް، ބެލެހެއްޓުމުގެ މަސައްކަތަށް ދިވެހިން ހޯދަން މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އެކައުންސިލުން ދިޔައީ މަސައްކަތް ކުރަމުންނެވެ.
އެގޮތުން އެންމެ ފުރަތަމަ އިޢުލާންކުރީ މިސްކިތްތަށް ސާފުކުރާނެ 114 ދިވެހިން ހޯދުމަސެވެ. ނަމަވެސް އެއިޢުލާންކޮށްގެން އެކަށީގެންވާ ތަރުޙީބެއް ނުލިބުމުން ދެވަނަ ފަހަރަށް އިޢުލާނު ކުރުމުން 200 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
މާލެ ސިޓީގައި ކައުންސިލުން ބަލަހައްޓަމުން ގެންދާ ހުޅުމާލޭގެ 10 މިސްކިތް، މާލޭގެ 22 މިސްކިތް އަދި ވިލިމާލޭގެ 2 މިސްކިތުގައި ފޮޅާ ސާފުކުރުމުގެ މަސައްކަތް ބިދޭސީންގެ ބަދަލުގައި މިއަދުން ފެށިގެން ކުރަމުން ދާނީ ދިވެހިން. pic.twitter.com/qH1Ag6RaCH
— Malé City Council (@MaleCitymv) May 26, 2024
މިސްކިތްތައް ފޮޅައި ސާފު ކުރާ މީހުންނަށް މުސާރައިގެ ގޮތުގައި މަހަކަށް 12،000 ރުފިޔާ ވަނީ ހަމަޖައްސާފައެވެ.
މާލެ ސަރަހައްދުގެ މިސްކިތްތަށް ބެލެހެއްޓުން ސިޓީ ކައުންސިލުގެ ދަށުން ކުރިއަށްދާ އިރު، މިސްކިތްތައް ސާފުތާހިރުކޮށް ބެލެހެއްޓުމާއި، އާބާތުރަފިލުވައި ބޭނުންވާ އެކިއެކި މަރާމާތުތައް ކުރުމުގެ އިތުރުން މިސްކިތްތަކުގެ ސެކިއުރިޓީ ރަނގަޅުކުރުމަށް ސީސީޓީވީ ކެމެރާ ހަރުކޮށް ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.