ޚަބަރު

ޕްރައިވެޓް ސެކްޓަރާއި ގުޅިގެން ނޫނީ ސިޑްސްގެ ލަނޑުދަނޑިތައް ހާސިލެއް ނުކުރެވޭނެ: ރައީސް


  • ރައީސް މިހެން ވިދާޅުވީ ސިޑްސް ޖީބީއެން ފޯރަމް ނިންމުމަށް ބޭއްވި މަތީ ފަންތީގެ ބައްދަލުވުމުގައި

  • ސިޑްސްގެ ތަރައްޤީއަށް ޕްރައިވެޓް ސެކްޓަރުގެ ދައުރު ބޮޑުކަން ފާހަގަކުރެއްވި

ކުދި ޖަޒީރާ ޤައުމުތަކުގެ ސަރުކާރުތަކާއި ޕްރައިވެޓް ސެކްޓަރާއި ގުޅިގެން މަސައްކަތްކޮށްގެން ނޫނީ މިފަހަރު ބާއްވާ ސިޑްސް ކޮންފަރެންސްގައި ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލު ނުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސިޑްސް ކޮންފަރެންސްގެ ހަވާސާގެ ތެރެއިން ބޭއްވި ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް ނިންމުމަށް ބޭއްވި މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކެރީބިއަންގެ ޤައުމެއްކަމަށްވާ އެންޓީގާ އެންޑް ބާބިޔުޑާ ބާއްވާ 4 ވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ހަވާސާގެ ތެރެއިން ބޭއްވި ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް ނިންމުމަށް ބޭއްވި މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ އެކި މައްސަލަތައް ހައްލުކުރުމުގައި ސިޑްސްގެ ޤައުމުތަކުގެ ސަރުކާރުތަކާއި ޕްރައިވެޓް ސެކްޓަރާއި ގުޅިގެން ކުރެވޭނެ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ޕްރައިވެޓް ސެކްޓަރުގައި ހަރަކާތްތެރިވާ އެކި ވިޔަފާރިތަކަށް، ފަހި މާހައުލެއް ޤާއިމްކޮށްދިނުމަށް ސިޑްސްގެ ޤައުމުތަކުގެ ސަރުކާރުތަކަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ގޮވާލެއްވިއެވެ.

ރައީސް ވިދާޅުވީ މުޖްތަމައު ބާރުވެރިކުރުވުމާއި ބާޒާރުގެ އާދަކާދަތައް ކަނޑައެޅުމުގެ އިތުރުން އީޖާދީ މަސައްކަތްތަކާއި ޓެކްނޮލޮޖީއަށް ބެލިކަމުގައިވިޔަސް ޤައުމެއްގެ އިޤްތިޞާދެއްގައި އެންމެ މުހިއްމު ދައުރެއް އަދާކުރެވޭނީ ޕްރައިވެޓް ސެކްޓަރަށްކަމަށެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކަށް ބަލާއިރު، ޕްރައިވެޓް ސެކްޓަރުގެ ދައުރުގެ މުހިއްމުކަން ބޮޑުވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ސަރުކާރުތަކާއި ވިޔަފާރިތައް ގުޅިގެން ހިންގާ މަސައްކަތްތައް އިތުރުކޮށް، އިތުބާރު ދަމަހައްޓައިގެން އިޤްތިޞާދު ކުރިއަރުވަން މަސައްކަތްކުރަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމަކީ އުއްމީދުތަކާއި ޔަގީންކަން ގެނެސްދޭ ފޯރަމްތަކެއްކަން ފާހަގަކުރެއްވިއެވެ. އަދި 3 ކަމެއް ހާސިލުކުރުމަށް މަސައްކަތްކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އެކަންކަމަކީ،

- އެންމެ ކުދި ވިޔަފާރިއާއި، ކުދި ވިޔަފާރިއާއި، މެދު ފަންތީގެ ވިޔަފާރީގެ އިތުރުން، ޒުވާނުން ވިޔަފާރިވެރިން ކުރިއަރުވަމުން އިންވެސްޓްކުރުމާއި،

- ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ހިމެނުމަށް އިސްކަންދިނުމާއެކު ލޯކަލް ކޮމިއުނިޓީތައް ބާރުވެރިކުރުވުމާއި

- ތަޖުރިބާ ހިއްސާކޮށް، ޕާޓްނަރޝިޕްތައް ޤާއިމްކުރާނެ ޕްލެޓްފޯމްތައް ޤާއިމްކުރުން

ރައީސް ވިދާޅުވީ ވިޔަފާރިތައް ހިންގުމަށް ފަސޭހަވާނޭ ގޮތްތައް މަގުފަހިކޮށް، ފައިނޭންސް ކުރާނެ އައު ދާއިރާތައް ހުޅުވާލަންޖެހޭކަމަށާއި ގައުމުތަކުގެ މެދުގައި ކުރާ ވިޔަފާރިތަކަށްވެސް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަންޖެހޭކަމަށެވެ. މީގެއިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރީތަކަށް މާކެޓް ހޯދައިދިނުމަކީ ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވެދޭނެކަމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އައު އިންވެސްޓްމަންޓްތަކާއި އީޖާދީ މަސައްކަތްތައް އިތުރުކޮށް، ދެމެހެއްޓެނިވި ތަރައްޤީއަކަށް މަސައްކަތްކުރަން ބާރު އަޅައި މާހައުލެއް ޤާއިމްކުރަން ހުރިހާ ފަރާތްތަކުންވެސް މަސައްކަތްކުރަންޖެހޭކަމަށެވެ. އަދިި ވިޔަފާރީއާ ގުޅޭ ޤާނޫނާއި ގަވާއިދުތަކަކީ ވިޔަފާރިތަކުން ތަކްލީފްތައް އުފުލުމުގެ ބަދަލުގައި، ފަސޭހައިން ކަންކަން ކުރެވެން އޮންނަ ހަރުދަނާ އުސޫލުތަކަކާއި ޤަވާއިދުތަކަކަށް ހަދަންޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަމިއްލަ ވިޔަފާރިތަކަކީ ކުޑަ މުޖްތަމައުތަކުގައި މުހިއްމު ދައުރެއް އަދާކުރާ ބައެއްކަމަށާއި، އެ ވިޔަފާރިތަކުގެ މަސައްކަތްތަކުގެ ސަބަބުން ސަރުކާރަށް ފޯރުކޮށްދޭން ދަތި އެތައް ހިދުމަތްތަކެއް އެ ވިޔަފާރިތަކުން ފޯރުކޮށްދޭކަމަށެވެ. އެހެންކަމުން އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަކީ ސަރުކާރުތަކަށްވެސް އޭގެ ސަބަބުން ފައިދާތަކެއް ކުރާނެކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އެއީ ޖަޒީރާ ރަށްތަކެއްގެ ހިމެނޭ ސިޑްސްގެ ގައުމުތަކަށް ވަރަށް މުހިއްމުކަމެއްކަމަށެވެ.

ރައީސް ވިދާޅުވީ މުޖްތަމައުގެ ބާރުވެރިކަމަށް އެމަނިކުފާނުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ވިޔަފާރީގައި ހަރަކާތްތެރިވާ ކަނބަލުން ބާރުވެރިކުރުވުމަށް 6.5 މިލިއަން ޑޮލަރުގެ ލޯނު ސްކީމެއް ތައާރަފްކުރަން ނިންމާފައިވާކަމަށާއި، އޭގެތެރެއިން 25 އިންސައްތަ ހާއްސަކުރާނީ ހާއްސަ އެހީއަށް ބޭނުންވާ އަންހެނުންނަށްކަމަށެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީއަށް ވާސިލުވުމަށް ވިޔަފާރީގައި ހަރަކާތްތެރިވާ ކަނބަލުން އިތުރުކުރަންޖެހޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޑްސްގެ ގައުމުތަކުން ތަރައްޤީ ހާސިލުކުރުމަށް ދިމާވެފައި އޮތް އެންމެ ބޮޑު ދައްޗަކީ މާލީ އެހީތެރިކަން ހޯދުންކަމަށާއި، އެކަމަށްވެސް ހައްލުތަކެއް ގެނައުމަށް ޕްރައިވެޓް ސެކްޓަރުގެ ދައުރު ބޮޑުކަމަށެވެ. އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ނިސްބަތްވާ އަމިއްލަ ވިޔަފާރިތަކާއި ކުދި ވިޔަފާރިތަކުގެ ބޭނުންތަކަށް ވިސްނައިގެން މިހާރަށްވުރެ ފަސޭހަ، އަގުހެޔޮ، އަދި އެކަށޭނަ ގޮތަކަށް ކަންކަން ކުރުމަށް ރާވައި އިސްކަންދީގެން، ޒިންމާދާރުކަމާއި ދުރުވިސްނުމާއެކު މާލީ އެހީތެރިކަމުގެ ދޮރުތައް ހުޅުވާލުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުދި ޖަޒީރާ ޤައުމުތަކުގެ ސަރުކާރުތަކާއި ޕްރައިވެޓް ސެކްޓަރާއި ގުޅިގެން މަސައްކަތްކޮށްގެން ނޫނީ މިފަހަރު ބާއްވާ ސިޑްސް ކޮންފަރެންސްގައި ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލު ނުކުރެވޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.