ކުޅިވަރު

އައިޕީއެލް: ކަލްކަތާއިން ތިންވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދައިފި


އިންޑިއަން ޕްރިމިއަރ ލީގު (އައިޕީއެލް) ގެ ފައިނަލް މެޗުގައި ފަސޭހަކަމާއެކު ސަންރައިޒާސް ހައިދަރުއާބާދު ބަލިކޮށް، ކަލްކަތާ ނައިޓް ރައިޑާސްއިން ތިންވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދައިފިއެވެ.

ޗެންނާއީގައި ހުންނަ އެމްއޭ ޗިދަމްބަރަމް ސްޓޭޑިއަމުގައި މިރޭ ކުޅުނު ފައިނަލް މެޗުން ކަލްކަތާ މޮޅުވީ އަށް ވިކެޓުންނެވެ. މިއާއެކު އެ ޓީމުން ތިންވަނަ ފަހަރަށް އައިޕީއެލްގެ ޗެމްޕިއަންކަން ހޯދިއިރު، މީގެ ކުރިން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ 2012 އަދި 2014 ވަނަ އަހަރެވެ. އަދި މިއީ އައިޕީއެލްގެ ފައިނަލުގައި ކަލްކަތާ ވާދަކުރި ހަތަރުވަނަ ފަހަރެވެ.

މިރޭ ކުޅުނު މެޗުގެ ގުރު ދިމާވުމުން ހައިދަރުއާބާދު އެންމެ ފުރަތަމަ ކުޅެން އަރަން ނިންމި ނަމަވެސް، މި އިނިންގްސްގައި އެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. އެގޮތުން 18.3 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހައިދަރުއާބާދަށް ހެދުނީ އެންމެ 113 ލަނޑެވެ.

އެގޮތުން އެ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ޓްރަވިސް ހެޑް ވަނީ ފުރަތަމަ ބޯޅައިން ނުބައިވެފައެވެ. އަދި އަބިޝޭކް ޝަރްމާ ނުބައިވީ ފަސް ބޯޅައިން ދެ ލަނޑު ހަދާފައި ވަނިކޮށެވެ. ހައިދަރުއާބާދަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 19 ބޯޅައިން 24 ލަނޑު ހެދި ކެޕްޓަން ޕެޓް ކަމިންސް އާއި 23 ބޯޅައިން 20 ލަނޑު އެއްކުރި އައިޑެން މާކްރަމްއެވެ. މި އިނިންގްސްގައި ކަލްކަތާގެ އަންޑްރޭ ރަސެނަލް ވަނީ ތިން ވިކެޓް ނަގާފައެވެ.

ޖަވާބުގައި ކަލްކަތާ ކުޅެން އަރައި، އެ ޓީމުން ވަނީ 10.3 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 114 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. ކަލްކަތާއިން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ނުބައިނުވެ 26 ބޯޅައިން 52 ލަނޑު ހެދި ވެންކަޓޭޝް އައްޔަރެވެ. އަދި އެ ޓީމުގެ ރަހުމާނުﷲ ގުރްބާޒް ވަނީ 32 ބޯޅައިން 39 ލަނޑު ހަމަކޮށްފައެވެ.

މި މެޗުން ހައިދަރުއާބާދު ބަލިވިއިރު، އެ ޓީމުން އެންމެ ފަހުން ޗެމްޕިއަންކަން ހޯދާފައިވަނީ 2016 ވަނަ އަހަރެވެ. އަދި ހައިދަރުއާބާދު ވަނީ 2018 ވަނަ އަހަރުގެ ފައިނަލުގައި ޗެންނާއި ސުޕަރ ކިންގްސް އަތުން ބަލިވެފައެވެ.