ޚަބަރު

5 ރަށުގެ ނަރުދަމާ ނިޒާމާއި 4 ރަށުގެ ފެނުގެ ނިޒާމް ޤާއިމްކުރަނީ


ރާއްޖޭގެ 5 ރަށެއްގެ ނަރުދަމާ ނިޒާމާއި 4 ރަށެއްގެ ފެނުގެ ނިޒާމް ޤާއިމްކުރެއްވުމުގެ މަސައްކަތް މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމް.ޑަބްލިޔު.އެސް.ސީއާ ޙަވާލުކުރައްވައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ޙަވާލުކުރައްވާފައިވާ މި މަޝްރޫޢުތަކަކީ، އޯޕެކް ފަންޑުގެ ލޯން އެހީގެ ދަށުން ކުރިއަށް ގެންދަވާ މަޝްރޫޢުތަކެކެވެ. އޯޕެކް ފަނޑުގެ ލޯނު އެހީގައި ހިންގަވާ މިމަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވާ ރަށްތަކަކީ، ރ.ހުޅުދުއްފާރު، ބ.ތުޅާދޫ، ނ.ވެލިދޫ، ގއ.ކޮލަމާފުށި އަދި ގދ.ގައްދޫ އެވެ. މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އެމް.ޑަބްލިޔު.އެސް.ސީއާއި ޙަވާލުކުރައްވާފައިވާ މި މަޝްރޫޢުގެ ދަށުން ގައްދޫގައި ކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ނަރުދަމާ ނިޒާމްގެ މަސައްކަތެވެ.

314 މިލިއަން ރުފިޔާގެ މިމަޝްރޫޢު އެމް.ޑަބްލިޔު.އެސް.ސީއާއި ޙަވާލުކުރެއްވުމަށްފަހު، ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހިމް ވިދާޅުވީ، މިމަޝްރޫޢުގެ ދަށުން ހިމެނޭ ރަށްތަކުގައި ފެނުގެ ވިއުގައާއި ފެން ޕްލާންޓާއި ފެން ތާންގީ ބެހެއްޓުމުގެ އިތުރުން ސްވަރޭޖް ޓާރީޓްމަންޓް ޕްލާންޓުވެސް ޤާއިމްކުރެވޭނެކަމަށެވެ. ތާރިޤް ވިދާޅުވީ، މި މަޝްރޫޢުގެ ބީލަމު މަސައްކަތް ކުރިޔަށް ގެންދަވާފައިވަނީ، އޮފިޑްގެ ޕްރޮކިއުމަންޓް އުސޫލުތަކާއި އެއްގޮތަށް އިންޓަރނޭޝަނަލް ކޮންސަލްޓެންޓެއްގެ އެހީތެރިކަމާއި އެކުގައި ކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ އެމްޑަބްލިޔުއެސްސީ އަކީ ފެނާ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގައި ފާހަގަކޮށްލެވޭ ކުންފުންޏެއް ކަމަށެވެ. އަދި ސަރުކާރުގެ ގިނަ މަޝްރޫޢުތައް ކުރިއަށް ގެންގޮސް އެ މަޝްރޫޢުތައް ނިންމަންޖެހޭ ތާރީޚަށް ނިންމައި، ސަރުކާރާ ޙަވާލު ކުރައްވާފައިވާކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ރައްޔިތުންނާ ގުޅިފައިވާ މިފަދަ މަޝްރޫޢުތައް ވީހާވެސް އަވަހަކަށް ނިންމުމުގެ ޤާބިލްކަން އެކުންފުނީގައި އެބަހުރިކަމަށްވެސް ފަޒުލް ވިދާޅުވިއެވެ. މިމަޝްރޫޢު ނިންމައި 540 ދުވަހުގެ ތެރޭގައި ނިންމައި ސަރުކާރާ ޙަވާލު ކުރަންޖެހެއެވެ.