ޚަބަރު

ޗައިނާގެ ވިޔަފާރިވެރިންގެ ޖަމުޢިއްޔާއިން ރާއްޖެއަށް 44 ޓަނުގެ ފިޔާ ހަދިޔާކޮށްދި


  • ފިޔާ ބެހުން ކުރިއަށްދަނީ ހިޔާ ޓަވަރު 4ގައި

  • ފިޔާ ބަހަނީ ޢާންމުކޮށް ހުޅުވާލައިގެން

  • މިހާތަނަށް 4000އަށްވުރެ ގިނަ މީހުން ފިޔާ ގެންގޮސްފައިވޭ

ޗައިނާގެ ވިޔަފާރިވެރިންގެ ޖަމުޢިއްޔާ، ޗައިނާ ޗެމްބަރ އޮފް ކޮމާސްއިން ރާއްޖެއަށް 44 ޓަނުގެ ފިޔާ ހަދިޔާކޮށްފިއެވެ. އެ ޖަމުޢިއްޔާއިން މި އެހީ ދީފައިވަނީ ދެޤައުމު ގުޅިގެން އުފައްދާފައިވާ ޖަމިޢްޔާއެއްކަމަށްވާ މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަނާއެވެ. އަދި މި ތަކެތި ބެހުމުގެ މަސައްކަތް ކުރިއަށްގެންދަނީ ރާއްޖޭގެ ޖަމުޢިއްޔާއެއްކަމަށްވާ "ދަ ކޮމަނާސް"އާއި ގުޅިގެންނެވެ.

މިފަހަރު ހަދިޔާކުރި ފިޔާ ބަހާފައިވަނީ ހިޔާ ފްލެޓް ހިމެނޭ ސަރަޙައްދުގައެވެ. ދަ ކޮމަނާސްގެ ފަރާތުން ބުނީ، ހިޔާ ސަރަޙައްދުގައި ފިޔާ ބެހުމަށް ނިންމީ މި ދުވަސްވަރަކި ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު، ހިޔާ ޓަވަރުގައި ތަކެތި ބެހެއްޓުމަށް ރަނގަޅު ޖާގައެއް ލިބުމުންކަމަށެވެ. ފިޔާ ބެހުމުގެ މަސައްކަތް ކުރިއަށްދަނީ ހިޔާ ޓަވަރު 4ގައެވެ.

ދަ ކޮމަނާސްއިން ބުނީ ފިޔާ ބަހަނީ ހަމައެކަނި ހިޔާ ޓަވަރުގައި ދިރިއުޅޭ ރައްޔިތުންނަށް އެކަނި ނޫންކަމަށާއި، އެ މަސައްކަތް ކުރިއަށްގެންދަނީ ޢާންމުކޮށް ހުޅުވާލައިގެންކަމަށެވެ. ނަމަވެސް ފުރަތަމަ ފިޔާ ބަހާފައިވަނީ އެ ޖަމުޢިއްޔާގައި ނިކަމެތިންގެ ގޮތުގައި ރެޖިސްޓްރީކޮށްފައިވާ 100 ޢާއިލާއަށްކަމަށް އެ ޖަމުޢިއްޔާއިން ވަނީ ބުނެފައެވެ.

ޗައިނާގެ ވިޔަފާރިވެރިންގެ ޖަމުޢިއްޔާއިން ބަހަމުންދާ ފިޔާ މިހާތަނަށް 4000އަށްވުރެ ގިނަ މީހުން ގެންގޮސްފައިވާކަމަށް ދަ ކޮމަނާސްއިން ވަނީ ބުނެފައެވެ. 33 ޓަނަށްވުރެ ގިނަ ފިޔާ މިހާތަނަށް ވަނީ ބަހާފައެވެ.