މިފްކޯގެ ކާރުޚާނާތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފައްޓަވާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އެ ވުޒާރާއިން ފުރަތަމަ 6 މަސްދުވަހު ކުރެވުނު މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވަމުންނެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ސަރުކާރުން ބައްލަވަމުން ގެންދަވަނީ މަސް ޕްރޮސެސްކުރާ ފެސިލިޓީތަކުގެ ޚަރަދު ކުޑަ ކުރެވޭނެ ގޮތްތައްކަމަށެވެ. އެގޮތުން އަމާޒަކީ ރާއްޖޭގައި މަސްވެރިކަން ކުރާ އުޅަނދުތަކާއި ރާއްޖޭގައި މަސް ފްރޮސެސްކުރާ ކާރުހާނާތަކުގެ ހިންގުމުގެ ހަރަދު ކުޑަކުރެވޭނެ ގޮތަކަށް މުޅި ސިޔާސަތު ބަދަލުކުރުންކަމަށެވެ.
އެގޮތުން މިފްކޯގެ ފެސިލިޓީތަކުގެ މިއަހަރުގެ ތެރޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރަން ފައްޓަވާނެކަމަށާއި، އެންމެ ބޮޑަށް އިސްކަން ދޭނީ މިފްކޯގެ ފެސިލިޓީތަކުގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ކުރަންޖެހޭ ތަންތަނަށްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ކޫއްޑޫއާއި ފެލިވަރުގެ ޕްރޮސެސް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުން ދާކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މިހާރުގެ އަމާޒަކީ ދިވެހިރާއްޖޭގައި މަސްވެރިކަން ކުރާ އުޅަނދުފަހަރާއި އަދި މަސް ޕްރޮސެސްކުރާ ކާރުހާނާތަކުގެ މިހާރު މިހިނގާ ހަރަދުގެ %35 އަކީ އިއާދަކުރުވަނިވި ހަކަތައަށް ބަދަލުކުރުން އެއީ އަޅުގަނޑުމެންގެ އަމާޒެއްގެ ގޮތުގައި އަޅުގަނޑުމެން މިހާރު މިއޮތީ ކަނޑައަޅާފައި. މިކަމަށް ކުރަންޖެހޭ އިންވެސްޓްތަކެއްވެސް އެބަހުރޭ. އަދި މި އިންވެސްޓްމަންޓް އިރާދަކުރެއްވީތީ ވޯލްޑް ބޭންކްގެ ޕްރޮޖެކްޓްގެ ތެރެއިން މި ފަންޑް ކޮންމެވެސް ވަރަކަށް އަޅުގަނޑުމެންނަށް އެބަ ސެކިއޯރ އެބަ ކުރެވޭ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މިހާރު މަސްވެރިކަން ކުރަމުންދާ އުޅަނދުތަކުގެ ޑިޒައިންއަށްވެސް ކޮންމެސް ވަރެއްގެ ބަދަލެއް ގެންނަން ޖެހޭކަމަށް ޤަބޫލުކުރެވޭކަމަށެވެ. ރޯމަހުގެ ގޮތުގައި ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ އަދަދު މަދުކުރުމަކީވެސް މި ސަރުކާރުގެ އަމާޒެއްކަމަށް ވަޒީރު ވިދާޅުވިއެވެ.