ޚަބަރު

އޭއައި ބޭނުންކޮށްގެން ކިޔަވައިދޭން މުދައްރިސުން ތަމްރީނުކުރަނީ


  • މުދައްރިސުން ތަމްރީން ކުރުމުގެ ޤައުމީ ޕްރޮގްރާމެއް މިއަހަރު ފަށާނެ

  • އޭ ލެވެލްގައި ބައިވެރިވާ ދަރިވަރުން އިތުރުކޮށް، މަސައްކަތުގެ ތަމްރީނު ދޭން މަސައްކަތް ކުރަނީ

އާޓިފިޝިއަލް އިންޓަލިޖެންސް ފަދަ، ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން އުނގެނުމާއި އުނގަންނައިދިނުން ހަރުދަނާ ކުރުމަށް މުދައްރިސުން އަހުލުވެރި ކުރުމަށް މިއަހަރު އިސްކަމެއް ދެއްވާނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ދިރާސީ އަހަރުގެ ޚިޠާބު ދެއްވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވަނީ ފެންވަރު ރަނގަޅު ތަޢުލީމަކާއި ތަރުބިއްޔަތެއް ދަރިވަރުންނަށް ފޯރުކޮށްދެވޭނީ ފެންވަރު ރަގަޅު، އުފެއްދުންތެރި ވިސްނުމުގެ މުދައްރިސުންތަކެއް ދާއިރާގައި ޚިދުމަތުގައި ތިބެގެންކަން ފާހަގަކުރައްވާފައެވެ.

ތަޢުލީމީ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ފެންވަރު ރަގަޅު މުދައްރިސުން ދާއިރާގައި މަދުވުމުންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އެ މައްސަލަ ޙައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްކަމެއް ދެއްވާކަމަށެވެ. އެގޮތުން ދާއިރާގައި މިހާރު މަސައްކަތް ކުރާ މުދައްރިސުންގެ ދުޅަހެޔޮކަމަށްޓަކައި، މުދައްރިސުން ސްކޫލުގައި ހޭދަކުރާ މަސައްކަތުގެ ވަގުތު، ވަކި މިންގަނޑެއްގައި ހިފެހެއްޓުން މުހިއްމުކަން ފާހަގަކުރެއްވިއެވެ. އަދި ސްކޫލުތަކުގައި ކިޔަވައިދޭ މުދައްރިސުންނަކީ ދޭސީ މުދައްރިސުންނަށް ހެދުމަށްޓަކައި، ޤައުމީ ފެންވަރުގެ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މިއަހަރު ފަށާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އާޓިފިޝިއަލް އިންޓަލިޖެންސް ފަދަ، ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން އުނގެނުމާއި އުނގަންނައިދިނުން ހަރުދަނާ ކުރުމަށް މުދައްރިސުން އަހުލުވެރި ކުރުވުމާއި، ޝާމިލުކޮށްގެން އުނގަންނައިދިނުމުގައި އެސިސްޓިވް ޓެކްނޮލޮޖީ ބޭނުންކޮށްގެން އުނގަންނައި ދިނުމަށް މުދައްރިސުން އަހުލުވެރި ކުރުވުމަށް، ޚާއްޞަ އިސްކަމެއް މި ދިރާސީ އަހަރު ދެއްވާނެކަމަށެވެ.

"ޚިދުމަތްތެރި މުދައްރިސުން! ޓެކްނޮލޮޖީގެ ބޮޑު ބަދަލަކަށް ދުނިޔެ މިސްރާބު ޖަހާފައިވާއިރު، ތަރައްޤީގެ މައިދާނުގައި އަޅުގަނޑުމެންގެ މި ލޮބުވެތި ދިވެހިރާއްޖޭގެ، މުސްތަޤުބަލުގެ ޖީލު ބައްޓަން ކުރަންވާނީ، ޓެކްނޮލޮޖީއަށް އަހުލުވެރި، ކުރިއެރުމަށް ލޯބިކުރާ، އިސްލާމީ މަތިވެރި އަގުތައް އަށަގެންފައިވާ ބައެއްގެ ގޮތުގައި" ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވިއެވެ.

މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ފެށި ދިރާސީ އަހަރާއެކު ސަރުކާރުގެ ސްކޫލުތަކުގައި 12،662 ޓީޗަރުން މަސައްކަތްކުރާނެއެވެ. އެއީ 10،729 ދިވެހި ޓީޗަރުންނާއި 1،933 ބިދޭސީ ޓީޗަރުންނެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ ދަރިވަރުންނަށް އުނގެނުމުގެ މައިދާނުގައި ތަފާތު ރޮނގުތަކުން ކުރިއަށް ދެވޭނެ މަގުތަނަވަސްކުރުން މުހިއްމުކަމަށެވެ. ގޮތުން އޭ-ލެވެލް މަރުޙަލާގައި ދަރިވަރުންގެ ބައިވެރިވުން އިތުރުކޮށް ފަންނީ ތަފާތު ދާއިރާތަކުން މަސައްކަތްތެރިކަމުގެ ތަޢުލީމާއި ތަމްރީނު ލިބޭނޭގޮތަށް ފަރުމާކުރެވިގެން ހިންގާ ޕްރޮގްރާމްތަކެއް ކައިރި މުސްތަޤުބަލެއްގައި ފެށުމަށް މަސައްކަތް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.