މަތީ ތަޢުލީމާ ތަމްރީން ހޯދުމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނު ލިބޭ ދަރިވަރުން އަންނަމަހު ކުރީ ކޮޅު އިޢުލާން ކުރައްވާނެކަމަށް މަތީ ތައުުލީމާއި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި އަހަރު ސްޓޫޑެންޓް ލޯނަށް ކުރުމަތިލުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލީ މިދިޔަ ފެބްރުއަރީމަހުގެ 29 ވަނަ ދުވަހުއެވެ. އަދި ސްޓުޑެންޓް ލޯނަށް އެދުމުގެ މުއްދަތު މިމަހުގެ 2 ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ.
ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް ލޯން ސްކީމަށް ކުރިމަތިލުމަށް ހުޅުވާލީ 500 ފުރުޞަތަށެވެ. މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވަނީ އަލަށް ކިޔަވަން ފަށަން ބޭނުންވާ ދާއިރާތަކުން 370 ފުރުޞަތު ޚާއްސަކޮށްފައިވެއެވެ. އަދި ކިޔަވަމުންދާ ކެޓަގަރީއަށް ޚާއްސަކޮށްފައިވަނީ 130 ފުރުޞަތެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސްޓޫޑެންޓް ލޯނަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނުދޫކުރުމަށް ނިންމަވާފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވީ ސްޓޫޑެންޓް ލޯނަށް ކުރިމަތިލި 1709 ދަރިވަރުންގެ ތެރެއިން ލޯނަށް ޝަރުތު ހަމަވާ ދަރިވަރުން ދެނަގަަތުމުގެ މަސައްކަތްތައްކުރަމުން ދާކަމަށެވެ. އަދި އެ މަސައްކަތްތައް ނިންމާ އަންނަ މަހުގެ ކުރީކޮޅު އިޢުލާނުކުރާނެކަމަށް ޝަފޢީު ވިދާޅުވިއެވެ. ޝަފީޢު ވަނީ ސްޓޫޑެންޓް ލޯނުގެ އިތުރަށް ރާއްޖެއަށް ލިބެމުންދާ ސްކޮލަރޝިޕްތަކަށް ފުރުޞަތު ހުޅުވާލަމުންދާކަންވެސް ފާހަގަކުރައްވާފައެވެ.
"ސްޓޫޑެންޓް ލޯނަށް އެދި ހުށައެޅީ ކުދިންގެ ތެރެއިން އެބައުޅޭ މިހާރު ކިޔަވަމުންދާކުދިންވެސް. ބައެއް ކުދިންގެ ޑޮކިއުމަންޓްތައް ހަމަނުވާނަމަށް ޑޮކިއުމަންޓްތައް ހަމަކުރުމުގެ ފުރުޞަތުތައްވެސް އަޅުގަނޑުމެން އެބަ ދެން. ބޭރުގެ ޤައުމުތަކުން ކިޔަވައިދނުމަށްޓަކައި ބެލެނިވެރިން ޚަރަދުކުރަންވެއްޖެނަމަ އެއީ ވަރަށް ބޮޑު ޚަރަދެއް. އަހަރުގެ ކުރީކޮޅޫ ތުރުކީން ލިބުނު ސްކޮލަރޝިޕްގެ ފުރުޞަތުތައް ވެސް ފޯރުކޮށްދީފައިވާނެ. މިހާރުވެސް ލިބެމުންދާވަރަކަށް އިޢުލާންކުރަމުން މިދަނީ." މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވިއެވެ.
ސްޓޫޑެންޓް ލޯނު ސްކީމްގެ ދަށުން އެ ދަރިވަރަކު ބޭނުން ޤައުމަކަށް ކިޔަވަންދެވޭނެއެވެ. އަދި އެ ލޯނު ނަގައިގެން ކިޔެވުމުގެ ފުރުޞަތު ދެނީ ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކަށް ޚާއްސަކޮށްގެންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ހިމެނޭގޮތަށް އިމާރާތް ކުރުމުގެ ދާއިރާއާއި އޭވިއޭޝަންގެ ދާއިރާއާއި ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ޤައުމަށް ކޮންމެހެން ބޭނުންވާ ދާއިރާތަކަށް ޚާއްސަކޮށްފައިވާކަން ވަޒީރު މީގެ ކުރިން ވަނީ ފާހަގަކުރައްވާފައެވެ.
މިފަހަރުގެ ލޯން ސްކީމްގައިވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޖާގަތަކެއް ޚާއްސަކޮށްފައިވާއިރު، އެކުދިންގެ ހާލަތަށް ރިޢާޔަތްކޮށް ކޯސް ފުރިހަމަ ކުރުމަށް ބޭނުންވާ ޚަރަދުތައް ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އަދި މިހާރުވެސް ކޯހުގައި ކިޔަވަމުންދާ ދަރިވަރުން ކުރަންޖެހޭ އެހެނިހެން ޚަރަދުތައް ކުރުމަށްވެސް މިފަހަރުގެ ލޯން ސްކީމްގެ ތެރެއިން ފުރުޞަތު ދެއްވާނެކަމަށާއި، ހިލޭ ޑިގްރީގައި ކިޔަވަމުންދާ ދަރިވަރުންވެސް އިތުރު ޚަރަދުތައް ހަމަޖެއްސުމަށް ލޯނަށް އެދެވޭނެކަމަށް މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މީގެ އިތުރުން މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިޚްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނު ދިނުމަށް ވެސް ނިންމާފައިވެއެވެ. އެގޮތުން މި ލޯނު ސްކީމުގެ ދަށުން ޓޮޕްއަޕް ލޯނު ދިނުމަށް ހަމަޖެހިފައިވަނީ 7 ލައްކަ ރުފިޔާއަށް ވުރެ ބޮޑުނުވާ އަދަދަކަށްކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.