ޚަބަރު

މާލީ ބަޔާން ހުށަނާޅާ ކެނޑިޑޭޓުންނަށް ބޮޑު ޖޫރިމަނާއެއް ނުވަތަ ޖަލު ހުކުމެއް!


  • އަދަބަކީ 70 ހާސް ރުފިޔާއިން ޖޫރިމަނާކުރުން ނުވަތަ 1 އަހަރަށް ޖަލަށްލުން

  • މާލީ ބަޔާން ހުށައެޅީ 320 ކެންޑިޑޭޓުން

  • މާލީ ބަޔާން ހުށަނާޅަނީ 48 ކެންޑިޑޭޓުން

ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ޤާނޫނުގައި ބުނާ މުއްދަތުގައި މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނަށް ބޮޑު ޖޫރިމަނާއެއް ނުވަތަ ޖަލު ހުކުމެއް އަންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް މިހެން ވިދާޅުވީ ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ޤާނޫނުގައި ބުނާ މުއްދަތުގައި ބައެއް ފަރާތްތަކުން މާލީ ބަޔާން ހުށަހަޅާފައި ނުވާތީއެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައިވާ ގޮތުން ކޮންމެ ކެންޑިޑޭޓެއްގެ އިންތިޚާބާގުޅޭ މާލީ ކަންކަމާ ބެހޭގޮތުން ހަދާފައިވާ މާލީ ބަޔާނެއް ތައްޔާރުކޮށް، އިންތިޚާބު ބާއްވާ ތާރީޚުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭނެއެވެ. ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުން މާލީ ބަޔާން ހުށައަޅަންޖެހޭ މުއްދަތު މިމަހުގެ 22 ވަނަ ދުވަހަށް ހަމަވިއިރު މާލީ ބަޔާން ހުށައެޅީ 320 ކެންޑިޑޭޓުން ކަމަށާއި 48 ކެނޑިޑޭޓުން މާލީ ބަޔާން ހުށަހަޅާފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އެހެންކަމުން މާލީ ބަޔާން ހުށަނާޅާ 48 ކެންޑިޑޭޓުންގެ މައްޗަށް ދަޢުވާ އުފުލުމަށް ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުއްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވީ އިންތިޚާބެއްގައި ވާދަކުރާ ކެންޑިޑޭޓުންގެ މާލީ ހުރިހާ ޚަރަދެއް ހިމެނޭ ބަޔާން ޤާނޫނުގައި ބުނާ މުއްދަތަށް ހުށަނާޅައިފިނަމަ ޤާނޫނީގޮތުން ކުށްވެރިވާނޭކަމަށެވެ. އަދި އެ ކުށުގެ އަދަބެއްގެ ގޮތުން 70 ހާސް ރުފިޔާއިން ޖޫރިމަނާކުރުން ނުވަތަ 1 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ޤާނޫނުގައި ކަނޑައަޅާފައިވާކަމަށްވެސް ފުއާދު ވިދާޅުވިއެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 368 ކެންޑިޑޭޓުން ވާދަކުރިއެވެ. ޤާނޫނުގައިވާ ގޮތުން ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށައަޅާއިރު ފައިސާއާއި މުދާ ހިމެނޭ ގޮތުން އިންތިޚާބާ ގުޅިގެން އެ ކެންޑިޑޭޓަކު ކޮށްފައިވާ ހުރިހާ ޚަރަދުތަކެއްގެ ތަފްސީލު ހުށައަޅަންޖެހޭނެއެވެ. އަދި އިންތިޚާބުގައި ކެންޑިޑޭޓަށް ތާޢީދު ހޯދުމަށްޓަކައި ކޮށްފައިވާ ޚަރަދުތައް ވަކިން އެނގޭ ގޮތަށް އެ ޚަރަދުތަކުގެ ތަފްސީލުވެސް ހުށައަޅަންޖެހޭނެއެވެ.