ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަޙައްދުގެ ފަޅުތެރޭގައި އަޅާފައި ހުރި ސަފާރީތައް ނެގުމަށް ހައުސިންގ ޑިވެލޮޕްމަންޓު ކޯރޕަރޭޝަން، އެޗްޑީސީން އަންގައިފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓު ކޯރޕަރޭޝަން، އެޗްޑީސީން ވިދާޅުވީ ބިން ހިއްކާ ސަރަހައްދަށް ވަންނަ ކޮޅުވެއްޓިތަކުގެ ސަބަބުން އެ ސަރަހައްދުގައި އަޅާފައި ހުންނަ ސަފާރީތަކަށް ގެއްލުން ލިބި، ނުރައްކާތެރި ހާދިސާތައް ހިނގާފައި އެބަހުރި ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިފަދަ ހާދިސާތައް ހިނގާފާނެކަމަށް ލަފާކުރެވޭތީ އެކަމުން ރައްކާތެރިވުމަށް މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް އެޗްޑީސީން ވަނީ އަންގާފައެވެ. އަދި 30 ވަނަ ދުވަހުގެ ފަހުން ބިން ހިއްކާ ސަރަހައްދުގައި އެއްވެސް އުޅަނދެއް އެޅުން މަނާވާނެކަމަށްވެސް އެޗްޑީސީން ބުނެއެވެ.
ހުޅުމާލެ 3 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތުގެ ދަށުން ފުރަތަމަ މަރުހަލާގެ 10 ހެކްޓަރު ހިއްކުމަށްފަހު ދެވަނަ މަރުހަލާ ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުގައެވެ.
ދެވަނަ މަރުހަލާގައި ދަށުން ހިއްކަން ހަމަޖެހިފައިވާ 29 ހެކްޓަރުގެ ތެރެއިން 5 ހެކްޓަރު މިހާރު ވަނީ ހިއްކާފައެވެ. އަދި 3 ވަނަ މަރުހަލާގައި ހިއްކުމަށް ހަމަޖެހިފައިވާ 24 ހެކްޓަރުގެ ބިމާއެކު ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކާނެކަމަށްވެސް އެޗްޑީސީން ބުނެއެވެ.
ހުޅުމާލެއިން އަލަށް ހިއްކާ ބިމުން ގެދޮރުވެރިކަމުގެ ބޭނުންތަކަށާއި ސިނާޢީ ބޭނުންތަކަށާއި މެރީނާގެ ބޭނުމަށް ބިން ބޭނުންކުރާނެކަމަށް އެޗްޑީސީން މީގެކުރިން ވަނީ ބުނެފައެވެ. އަދި އަލަށް ހިއްކާ ސަރައްދުން މާލޭ ރައްޔިތުންނަށް ޚާއްޞަކޮށްގެން ގޯތި ދިނުމަށްވެސް ވަނީ ނިންމާފައެވެ.